ހުޅުމާލޭގައި އެމްޑަބްލިޔުއެސްސީން ބެހެއްޓި ފެން އުފައްދާ ޕްލާންޓާއެކު، އެއްވެސް ދައްޗެއް ނެތި ފެން ފޯރުކޮށްދެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިޞަލް ނަޞީމް ވިދާޅުވެއްޖެއެވެ.
ފައިޞަލް ނަޞީމް މިހެން ވިދާޅުވީ ހުޅުމާލޭގައި އެމްޑަބްލިއުއެސްސީން ޤާއިމްކުރި ފެން އުފައްދާ އައު ޕްލާންޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިޞަލް ނަޞީމް ވިދާޅުވީ ހުޅުމާލެގައި އާބާދުވާ މީހުންގެ ނިސްބަތް އިތުރުވަމުން އައުމާއެކު އެތަނުގައި އުޅޭ ރައްޔިތުންނަށް ދަތިނުވެ ފެން ފޯރުކޮށްނުދެވިދާނެކަމުގެ ކަންބޮޑުވުން އޮތްކަމަށެވެ. އެހެންނަމަވެސް އެމްޑަބްލިއުއެއްސީން ހުޅުމާލެގައި ޤާއިމްކުރި އާރް އޯ ޕްލާންޓާއެކު ހުޅުމާލެގައި ދިރިއުޅޭ ރައްޔިތުންނަށް ދަތިނުވެ ފެން ފޯރުކޮށްދިނުމުގެ ޔަޤީންކަން ލިބިގެން ހިނގައްޖެކަމަށް ފައިސަލް ނަސީމް ވިދާޅުވިއެވެ.
ނައިބް ރައީސް ވަނީ ފެން އުފެއްދުމުގެ މަސައްކަތަކީ ނިމުމެއް އަންނާނެ މަސައްކަތެއް ނޫންކަމަށާއި މިހާރު ސަރުކާރުން ގޯތި ދޫކުރުމަށް ނިންމާފައިވާ ސަރަޙައްދުތަކަށް މީހުން ބަދަލުވާންވާއިރަށް އެ ރައްޔިތުންނަށްވެސް ފެން ފޯރުކޮށްދިނުމުގެ އިންތިޒާމަތައް ހަމަޖައްސަވަން ޖެހޭކަމަށެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައިވެސް ރައްޔިތުންނަށް ފެން ލިބުމުގައި ދަތިތަކެއް ކުރިމަތިނުވެ ފެން އުފައްދާ މިންވަރު އިތުރުވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.
" އަޅުގަނޑަށް ޤަބޫލު ކުރެވެނީ ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި ފުލް ގިއަރގައި ފެން ފޯރުކޮށްދިނުމުގެ ސައްކަތްތައްވެސް ކުރަން އެބަޖެހޭ. ފެން ލިބުމުގެ ދަތިކަމެއް އިޙްސާސް ކުރަން ޖެހިއްޖެނަމަ އަލުގަނޑުމެންގެ ދިރިއުޅުމަށްވެސް އަކުމުގެ އަސަރު އެބަކުރޭ. 24 ގަޑިއިރު ފެން ފޯރުކޮށްދިނުމަށް ކުރާ މަސައްކަތަކީ ވަރަށް މުހިއްމު މަސައްކަތެއް." ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިޞަލް ނަޞީމް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ހަސަން ޝާހް ވިދާޅުވީ ހުޅުމާލޭގައި ޤާއިމްކޮށްފައިވާ ފެން އުފައްދާ ޕްލާންޓަކީ ދުވާލަކަށް 3000 ޓަނުގެ ފެން އުފެއްދޭނެ ޕްލާންޓެއްކަމަށާއި އެ ޕްލާންޓަކީ ހިޓާޗީ ފައިނޭންސްގެ އެހީގައި ޤާއިމްކޮށްފައިވާ ޕްލާންޓެއްކަމަށް ޝާހް ވިދާޅުވިއެވެ.
"ހުޅުމާލޭގައި ފެންނަން ޖެހިދާނެތީ ބިރު އޮވެގެން ގުޅީފަޅުގައި ހުރި 50 ޓަނުގެ ފެން އުފައްދާ ޕްލާންޓެއް ގެނެސް ފެން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރި" އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ހަސަން ޝާހް ވިދާޅުވިއެވެ.
މާލޭގެ އާބާދީއަށް އަންނަމުންދާ ބަދަލާއެކު ދުވާލެއްގެ މައްޗަށް ފެން އުފައްދަންޖެހޭ މިންވަރު އިތުރުވެ ފެނުގެ ޑިމާންޑް އަންނަނީ ބޮޑުވަމުންނެވެ. މިގޮތުން މާލޭގައި ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި މިހާރުވެސް 20000 ޓަނުގެ ފެން އުފައްދަމުން އަންނަކަމަށާއި ދުވާލެއްގެ މައްޗަށް 18000 ޓަނުގެ ފެން ބޭނުން ކުރަމުން އަންނަކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.
މީގެއިތުރަށް ހުޅުމާލޭގެ އާބާދީ އިތުރުވަމުން އަންނަގޮތުން ފެނުގެ ޑިމާންޑް ބޮޑުވެ މިހާރުވެސް ދުވާލެއްގެ މައްޗަށް 11000 ޓަނުގެ ފެން ރައްޔިތުން ބޭނުން ކުރަމުން އަންނަކަމަށްވެސް އެ ކުންފުނިން ބުނެއެވެ. މީގެ އިތުރުން އެމްޑަބްލިއުއެސްސީން މިހާރު އަންނަނީ ދުވާލަކު 13000 ޓަނުގެ ފެން އުފެއްދޭނެ 2 ޓޭންކް ބެހެއްޓުމުގެ މަސައްކަތްވެސް ކުރަމުންނެވެ.