އާސެނަލްގެ މައްޗަށް އަމިއްލަ ދަނޑުގައި ކުރިހޯދައި ޔުއެފާޗެމްޕިއަންސް ލީގުގެ ކުއާޓާރ ފައިނަލުން އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ ޖާގަހޯދައިފިއެވެ.
ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅާއިގެ ދެވަނަ ލެގުގައި ރޭ ބާސެލޯނާ އާސެނަލް އަތުން މޮޅުވީ ތިނެއް އެކެއްގެ ނަތީޖާއަކުންނެވެ.
ފުރަތަމަ ލެގްގެ މެޗް ދޭއް ސުމަކުން ބާސެލޯނާ ކާމިޔާބުކޮށްފައިވުމުން އެޓީމަށް ގަދަ އަށަކުން ޖާގަ ލިބެނީ ދެލެގުގެ އެގްރިގޭޓަށް ބަލާއިރު ފަހެއް އެކެއްގެ އެގްރިގޭޓުންނެވެ.
ކޭމްޕް ނޯގައި ރޭކުޅުނު މެޗުގައި ފުރަތަމަ ގޯލް ޖަހައި ލީޑް ނެގީވެސް ބާސެލޯނާއިންނެވެ. މި ލަނޑުއެޓީމަށް ޖަހައިދިނީ ނޭމާއެވެ. މުހައްމަދު އެލް ނެނީގެ ގޯލުން އާސެނަލް ނަތީޖާ ހަމަހަމަކުރިނަމަވެސް ލުއިސް ސުއަރޭޒް ބާސެލޯނާއަށް ދެވަނަ ފަހަރަށް ލީޑްނަގައިދިނެވެ.
ބާސެލޯނާގެ ތިންވަނަ ލަނޑު ޖަހައިދިނީ ފޯވާޑް ލަޔަނެލް މެސީއެވެ. މީ މެސީ އާސެނަލް ކޮޅަށް ޗެމްޕިއަންސް ލީގުގައި ޖެހި ނުވަވަނަ ލަނޑެވެ. އަދި މީކުޅުންތެރިއެއް އެއް ޓީމެއްގެ ކޮޅަށް ޖެހި އެންމެ ގިނަ ލަނޑުކަން ފާހަގަކޮށްލެވެއެވެ.
ރޭގެމެޗަށްފަހު އާސެނަލްގެ ކޯޗް އާސެން ވެންގާ ބުނީ މެޗުން މޮޅުވާން ފުރުސަތުތައްވެސްލިބުނުކަމަށާއި، ރޭގެ މެޗުގައި ޓީމްގެ ނަސީބުވެސް ދެރައީކަމަށެވެ. އެހެންނަމަވެސްޔޫރަޕްގެ ޗެމްޕިއަން އަތުން ބަލިވުމަކީ މައްސަލައެއް ނޫންކަމަށާއި މިހާރު ހުރިހާވިސްނުމެއް ހުރީ އިނގިރޭސި ލީގް ކާމިޔާބުކުރުމަށްކަމަށްވެސް ވެންގާ ބުންޏެވެ.
"ނަސީބުވެސް ދެރައީ ރޭގެ މެޗުގައި، ޔޫރަޕްގެ ޗެމްޕިއަން އަތުން ބަލިވިޔަސް ޓީމުން ވަރަށް ރަނގަޅަށް ކުޅުނު" ވެންގާ ބުންޏެވެ.
ރޭގެ މެޗުން މޮޅުވިބާސެލޯނާގެ ކޯޗް ލުއިސް އެންރީކޭ ބުނީ ރޭގެ މެޗުގައި ފެނިގެންދިޔައީ ބާސެލޯނާގެއެންމެ މޮޅު ކުޅުން ނޫންކަމަށާއި، ގަދަ އަށަކުން ޖާގައެއް ލިބުމުން މިހާރުޓާގެޓަކީ ޗެމްޕިއަންސް ލީގް އުފުލާލުންކަމަށެވެ.
"ބާސެލޯނާގެ އަސްލު ފެންވަރުގައެއް ނޫން މި މެޗުގައި ފެނުނީ، އާސެނަލްއިން ވަރަށް ރަނގަޅަށް ކުޅުނު، ވަރަށް ޕްރެޝަރކުރި ބާސާގެ ފަހަތަށް" މިދިޔަ އަހަރު ބާސެލޯނާއާއިއެކު ޗެމްޕިއަންސް ލީގް އުފުލާލި ކޯޗް ބުންޏެވެ.