މަސްކައްކާ، މަސް ވިއްކަން ބޭނުންވާ މީހުންނަށް ފައިސާއާއި ވަޞީލަތް ފޯރުކޮށްދޭނެކަމަށް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ. އިލްޔާސް މިހެން ވިދާޅުވީ ކެމްޕެއިން ދަތުރުފުޅުގައި ރ. އަތޮޅު ދުވާފަރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.
ދަ ޑިމޮކްރެޓްސްގެ ވެރިކަމެއްގައި މަސްވެރިންނާއި، ރައްރަށުގައި މަސް ކައްކައިގެން ވިއްކާ މީހުންނަށް ފޯރުކޮށްދެއްވާނެ އެހީތެރިކަމާއި ލުއިފަސޭހަތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، އިލްޔާސް ވިދާޅުވީ، އެރަށުގައި މިހާރުވެސް މަސް ކައްކައި ވިއްކާ މީހުންނަށް އެތައް ދަތިތަކެއް އެބަހުރިކަމަށެވެ. އެންމެ ބޮޑު ދައްޗަކީ ފައިސާއާއި ވަޞީލަތްތަކުގެ ދަތިކަންކަން ފާހަގަކުރައްވާ އިލްޔާސް ވިދާޅުވީ އެމީހުންނަށް މާލީގޮތުންނާއި ވަސީލަތުގެ ގޮތުން އެހީތެރިވެ ވިޔާފާރިތައް ކުރިއެރުވުމަށް މަސައްކަތްކޮށްދެއްވާނެކަމަށެވެ.
"މަސް ކައްކަން ވަކި އިމާރާތެއް އަޅަން ޖެހެންޔާ އަޅާދޭނަން. އެ ބޭފުޅުން އެ އުފައްދާ ތަކެތި ޕެކް ކުރެވޭނެ ނިޒާމެއް މި ރަށުގަ އިންނަން ޖެހޭ. ރަނގަޅު ފެންވަރެއްގަ ޕެކް ކޮށްފަ، ރިސޯޓުތަކަށް، ރާއްޖޭގެ ފިހާރަތަކަށް، އެހެން ރަށްރަށައް، ރާއްޖޭން ބޭރަށް، އެ ބޭރުކުރެވޭނެ ގޮތެއް އުފައްދަން އެބަޖެހޭ. މިރަށުގެ ޒުވާން ކުދިން އެ ވިޔަފާރިއަށް ވައްދަން އަޅުގަންޑު ބޭނުންވޭ" އިލްޔާސް ވިދާޅުވިއެވެ.
މަސްވެރިންގެ އާމްދަނީ އިތުރުކުރުމުގެ ގޮތުން މަސް ކިލޯއެއްގެ އެންމެ ދަށް އަގު 25 ރުފިޔާއަށް ހަދާނެކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ. ޑިމޮކްރެޓްސްގެ ވެރިކަމެއްގައި މަސްވެރިންނާއި އަމިއްލަ މަސައްކަތް ކުރާ މީހުންނަށް ލިބޭ އާމްދަނީ އަކީ، ރަސްމީ އާމްދަނީއެއްކަމަށް ދައުލަތުން ބަލައިގަންނާނެކަމަށްވެސް އިލްޔާސް ވިދާޅުވެފައިވެއެވެ.
އިލްޔާސް ވަނީ ރައްޔިތުންގެ އާމްދަނީ އިތުރުކޮށްދިނުމުގެ ގޮތުން ލޯކަލް ޓުއަރިޒަމް ކުރިއެރުވުމަށްޓަކައި، 'ފަސޭހަ ވިޔަފާރި' ސިޔާސަތުގެ ދަށުން، ރަށްރަށުގައި އެ ވިޔަފާރިއެއް ހިންގަން ބޭނުންވާ ކޮންމެ މީހަކަށް މާލީ އެހީތެރިކަން ފޯރުކޮއްދޭނެކަމަށްވެސް ވިދާޅުވެފައެވެ. މާލެއިން ރައްރަށަށް ދަތުރުކުރުމުގެ ޓިކެޓުވެސް އަގުހެޔޮ ކުރާނެކަމަށް އިލްޔާސް ވިދާޅުވެފައިވެއެވެ.
އިލްޔާސްގެ ކެމްޕެއިން ދަތުރުފުޅުގައި މިހާރު ވަޑައިގެން އުޅުއްވަނީ ރ. އަތޮޅުގައެވެ.