ޚަބަރު

މައިންބަފައިން ރަނގަޅު އަޚްލާގެއްގައި ތިބެގެން ނޫނީ ދަރިން ތަރުބިއްޔަތު ނުކުރެވޭނެ: ނާއިބު ރައީސް


  • މިއީ ހިޔާ ސަރަހައްދަށް ޚާއްޞަކޮށް ބޭއްވި މުބާރާތެއް

  • ޝަރަފްވެރިކޮށްދެއްވީ ނާއިބު ރައީސް

  • އެމަނިކުފާނު ވަނީ އަގުހުރި ނަސޭހަތްތަކެއް ދެއްވާފައި

މައިންބަފައިން ރަނގަޅު އަހުލާގެއްގައި ތިބެގެން ނޫނީ ދަރިން ރަނގަޅު އަހުލާގެއްގައި ތަރުބިއްޔަތު ނުކުރެވޭނެކަމަށް ވިދާލުވެ، އެ ނަމޫނާ ދަރިންނަށް ދެއްކެވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް އެދިވަޑައިގެންފިއެވެ. އެމަނިކުފާނު މިކަމަށް އެދިވަޑައިގަތީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓުތަކުގައި ދިރިއުޅެމުންދާ ފަރާއްތަކަށް ޚާއްސަކޮށްގެން ބޭއްވި "ސިނާރޖީ ކެއާރ ހިޔާ" ގުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވީ އިސްލާމީ ރިވެތި ސިފަތަކުގައި ހިފައި ނަމޫނާ ދަރިންތަކަކަށްވުމަށް ކޮންމެ ކުއްޖެއްްވެސް ގަދަ އަޅައި މަސައްކަތް ކުރަން ޖެހޭކަމަށެވެ. އެގޮތުން ކޮންމެ ކުއްޖެއްވެސް ގުރުއާން ކިޔެވުމާއި، ނަމާދު ކުރުމަށް އަބަދުވެސް ހަނދާނުގައި ބެހެއްޓުމަށް އެމަނިކުފާނު ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

ނާއިބު ރައީސް ވިދާޅުވީ ގުރުއާނުގައިވެސް އެންމެ ބޮޑަށް އަންގަވާފައިވަނީ ރިވެތި އަޚްލާގުގެ މަތީގައި ދެމިތިބުމަށްކަމަށާއި، އެކަމަކީ ﷲ ސުބްހާނަހޫ ވަތައާލާ ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވާކަމެއްކަމަށެއެވެ. އެހެންކަމުން ކޮންމެ މައެއް އަދި ބަފަޔަކުވެސް ރިވެތި އަހުލާގުގެ މަތީގައި ތިބެ ދަރިންނަށް ނަމޫނާ ދައްކަން ޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ބޮޑެތި މީހުން ރަނގަޅު އަހުލާގެއްގެ މަތީގައި ތިބެގެން ނޫނީ ކުދިން ރަނގަޅު އަހުލާގެއްގައި ތަރުބިއްޔަތު ނުކުރެވޭނެކަމަށްވެސް ނާއިބު ރައީސް ވިދާޅުވިއެވެ.

"ރީތި އަޚްލާގުގެ މަތީގައި ދެމި ތިބުމަށް އަބަދުވެސް އަޅުގަނޑުމެން ބޮޑެތި މީހުންގެ ގައިގައި އަޅުގަނޑުމެން އުޅޭ ގޮތެއް އަޅުގަނޑުމެންގެ ތުއްތު ކުދިންނަށް ފެންނާނި. އެހެންވީމަ ރީތި އަހުލާގު ދައްކުވައިދިނުމަކި އަޅުގަނޑުމެން އަބަދުވެސް ވިސްނަން ޖެހޭނެކަންތައްތައް" ނައިބް ރައީސް ވިދާޅުވިއެވެ.

ނާއިބު ރައީސް ވަނީ ކޮންމެ މީހަކީވެސް ތެދުވެރި މީހަކަށްވެސް ނަސޭހަތްތެރިވެވަޑައިގެންފައެވެ. ކިތަންމެ ކުޑަ ކަމެއްވިއަސް އެކުރާ ކަމެއްގައި ތެދުވެރި ވުމަކީ އިސްލާމް ދީނުގައި އަނގަވާފައިވާ ރިވެތި އާދައެއްކަމަށް ހަނދާންކޮށްދެއްވިއެވެ. އެގޮތުން ތެދުވެރިވުމުގެ ސިފަ އަށަގަނެވޭނީ ކުރާ ކުޑަކުޑަ ކަމެއްގައިވެސް ތެދުވެރިކަން އިސްކޮށްގެންކަންކަމަށް ނާއިބު ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ގުރުއާން މުބާރާތައް ބޭއްވުމަކީ ކުދިން ހިއްތަކުގައި ގުރުއާނަށް އޮތް ލޯބި އިތުރުވާނެކަމެއްކަންވެސް ފާހަގަކުރައްވާފައެވެ.

ސިނާރޖީ ކެއާރ ހިޔާ ގުރުއާން މުބާރާތަކީ ހިޔާ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް އަމާޒުކޮށްގެން އެކި އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަތް ގެންދިޔަ މުބާރާތެއްކެއެވެ. މި މުބާރާތުގައި ވަނަ ވަނައަށް ދިޔަ ފަރާތްތަކަށް ހަދާނީ ލިޔުމާއި ޓްރޮފީ ވަނީ ހަވާލުކޮށްފައިއެވެ.

ޖޫނިޔާރ އަދި ސީނިޔާރ ކެޓަގަރީން ނުބަލައި ކިޔުމުން މުޅި މުބާރާތުން ފަހުރުވެރި އެއްވަނަ ހޯދާފައިވަނި ހައްވާ ޒާރާ މުހައްމަދު ޖަލާލްއެވެ. އަދި ސީނިޔާރ ކެޓަގަރީން ބަލައިގެން ކިޔުމުން އެއްވަނަ ހޯދާފައިވަނި ނަވާރު ފިރާގު މުހައްމަދު ފުޅުއެވެ. އެއްވަނަ އަށް ދިޔަ ފަރާތައް އުމްރާ ދަތުރު އަދި ޓްރޮފީ ހަވާލުކޮށްފައިވަނީ ނައިބު ރައީސް ފައިސަލް ނަސީމްއެވެ.