ޚަބަރު

ރައްޔިތުންގެ އަތުން ބޮޑެތި ޢަދަދުތަކުން ޓެކްސް ނެގުން ހުއްޓުވާނަން: އިލްޔާސް


  • ދަރަނީގެ ނިޒާމުގެ އުސޫލުތައް ބަދަލުކުރާނެ ކަމަށް ވިދާޅުވި

  • ޒުވާނުން ކުރިއެރުވުމަށް ކުރައްވާނެ ކަންތައް ތަފްސީލުކުރެއްވި

ޑިމޮކްރްޓްސްގެ ވެރިކަމެއްގައި ޕޮރޮގްރެސިވެ ޓެކްސް ނިޒާމެއް ގާއިމްކުރައްވާނެކަމަށް ދަ ޑިމޮކްރެޓްސް ގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރިޔާސީ ކެންޑިޑޭޓުންނަށް ޚައްޞަކޮށްގެން ސަންގު ޓީވީއާއި ޕީއެސްއެމް ގުޅިގެން އިންތިޒާމްކުރި ރިޔާސީ ބަހުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރިޔާސީ އިންތިޚާބު ކާމިޔާބުކުރެވިއްޖެނަމަ ޑިމޮކްރެޓސްގެ ސަރުކާރެއްގައި އިތުރު ޓެކުހެއް ގާއިމް ކުރައްވާނެތޯ ދެންނެވި ސުވާލަށް ޖަވާބުދެއްވަމުން އިލްޔާސް ވިދާޅުވީ އެ ޕާޓީގެ ވެރިކަމެއްގައި އެންމެ ކުދި ވިޔަފާރިތަކުން ޓެކްސް ނެގުން ހުއްޓާލާ، އާންމު ރައްޔިތުން އަތުން ބޮޑެތި ޓެކްސް ނެގުމުގެ ބަދަލުގައި ބޮޑެތި ކުންފުނިތަކަށް ޓެކްސް މަތިކުރާނެކަމަށެވެ. އަދި މިހާރުގެ ސަރުކާރުން 8%އަށް މަތިކުރި ޖީއެސްޓީ އަނބުރާ 6%އަށް ތިރިކުރާނެކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ. އަދި، ރާއްޖޭގެ ދަރަނީގެ ނިޒާމުގެ އުސޫލުތަކަށް ބަދަލު ގެންނަވާނެކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ.

"އަޅުގަންޑުމެން މިއަންނަނީ 6%އިން 8%އަށް ބޮޑުކުރި ޓެކްސް އަނެއްކާ ކުޑަކުރަން. ކަންމަތީ ފިހާރަތަކުން ނަގާ ޓެކްސް އެކީ ކަންޑާލަން. ދުވާލެއްގެ މައްޗަށް 8219 ރުފިޔާއަށްވުރެ ކުޑަކޮށް ވިޔަފާރިކުރެވޭ ހުރިހާ ތަނަކުން އެކީ ޓެކްސް ކަނޑާލަން. ޓެކްސް ބޭސް ބޮޑުކޮށް، އާދައިގެ މީހާ ދައްކާ ޓެކްސް ނުނެގުން. ބޮޑެތި މީހުން ކުރާ ވިޔަފާރިތަކުން ނަގާ ޓެކްސް ބޮޑުކުރުން. އަދި ޓެކްސް ބޭސް ބޮޑުކުރުން. ބައިވަރު މީހުންނަށް އާމްދަނީ އިތުރުކުރެވޭނެ މަސައްކަތްތައް ހޯދަދިނީމަ ޓެކްސް ދައްކާމީހުން ގިނަވެ، ދައުލަތުގެ އާމްދަނީ އިތުރުވާނެ." ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު ވިދާޅުވިއެވެ.

ޑިމޮކްރެޓްސްގެ ސަރުކާރެއްގައި ގެންގުޅުއްވާނެ ޚާރިޖީ ސިޔާސަތާއި ގުޅޭގޮތުން ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން އިލްޔާސް ވިދާޅުވީ، ހުރިހާ ގައުމުތަކަކާ ގުޅުން ބަދަހި ކުރާނެ ކަމަށެވެ.

ޒުވާނުންގެ ތަރައްޤީއަށް ކުރައްވާ ކަންކަމަށް އަލިއަޅުއްވާލައްވާ އިލްޔާސް ވިދާޅުވީ، ޒުވާނުންގެ ކުރިއެރުމަށްޓަކައި އާރޓިފިޝަލް އިންޓެލިޖަންސްގެ ދާއިރާއިން ރީސާޗް ސެންޓަރުތައް ގާއިމްކޮށް، ވަޒީރުންގެ ކެބިނެޓު %30 ޒުވާނުންނަށް ޚާއްޞަކުރައްވަނެކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ.