ރާއްޖޭގެ ކޮންމެ ސަރަހައްދަކާއި، ކޮންމެ ރަށެއްވެސް ކުރިއެރުވާ ތަރައްގީކުރުމަށް ތަސައްވަރެއް އެބައޮތްކަމަށް ދަ ޑިމޮކްރެޓްސް ގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ. އިލްޔާސް މިހެން ވިދާޅުވީ ދަ ޑިމޮކްރޭޓްސްގެ އުތުރާއި ދެކުނުގެ ތަސައްވަރު އިފްތިތާޙްކޮށްދެއްވުމަށް ރޭ މާލޭގައި ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
އިލްޔާސްގެ ތަސައްވަރުގެ މައިގަނޑު އަސާސްތަކުގެތެރޭގައި ރަށްރަށުގެ ޓޫރިޒަމް ކުރިއެރުވުމަށް އިތުރު ރިސޯޓުތަކާއި، ގެސްޓުހައުސްތައް ގާއިމްކޮށް، އެއާޕޯޓުތަކުގައި ބައިނަލްއަޤްވާމީ އުދުހުންތައް އިތުރުކޮށް، ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކޮށް، ރައްރަށައް އެތެރެކުރާ މުދަލުގެ ޑިއުޓީ އެއްކޮށް ކަނޑާލުން ހިމެނެއެވެ.
އިލްޔާސް ވިދާޅުވީ މިއީ މުޅި ޜާއްޖެ ބަދަލުކޮށްލާނެ ތަސައްވުރެއްކަމަށެވެ.
"ރާއްޖޭގެ ކޮންމެ ރަށެއް، ކޮންމެ ފަޅެއްގަ، ކޮންމެ ފިނޮޅެއްގަ، ދިވެހި ރާއްޖޭގެ ކޮންމެ އަތޮޅެއްގަ، ކޮންމެ ސަރަހައްދަކަށް އަޅުގަނޑުމެންގެ ހިތުގަ ތަސައްވުރެއް އެބައޮތް. އެކަން ކުރާނެ ޕްލޭނެއް އެބައޮތް. ޕްލޭންކުރެވި، އަންދާޒާކުރެވި، ހިސާބު އަކުރު ޖަހާ ތައްޔާރުވެގެން މިތިބީ. މިއަދު އަޅުގަނޑުމެން، ހއ، ހދ.، ހުވަދޫ، އައްޑޫ، ފުވަމުލަކުގެ ވާހަކަ މިދައްކަނީ. ރާއްޖޭގެ އަތޮޅެއްނެތް އަޅުގަނޑުމެންގެ މެނިފެސްޓޯގައި، ޕްލޭންތަކުގައި ނެތް." އިލްޔާސް ވިދާޅުވިއެވެ.
އައްޑޫ ތަސައްވުރުގެ މަޝްރޫއުގެތެރެއިން ވިޔަފާރި ކުރިއެރުވުމަށްޓަކައި ސީޕްލޭން ހަބެއް ގާއިމްކުރުމާއި، ޓްރާންސްޝިޕްމަންޓް ހަބެއް ގާއިމުކުރުމާއި، ކަނޑުދަތުރުގެ ނިޒާމު ތަރައްގީކުރުން ހިމެނެއެވެ. އަދި ޓޫރިޒަމް ކުރިއެރުވުމަށް، ހޯމްސްޓޭ ޓޫރިޒަމް ގިނަކުރަން ގެދޮރު ބިނާކުރުމަށް މާލީ އެހީތެރިކަން ފޯރުކޮއްދިނުމާއި، މަގުހެދުމުގެ މަސައްކަތް ހަލުވިކުރުމާއި، ގެސްޓްހައުސްތަކުގެ ކެޕޭސިޓީއަށް ބަލައި ފައިސާގެ އެހީ ފޯރުކޮއްދިނުންވެސް އިލްޔާސްގެ ތަސައްވުރުގައި ހިމެނެއެވެ.
ފުވައްމުލައް ކުރިއެރުވުމުގެ ތަސައްވުރުގެތެރެއިން، ކޮމާޝަލް/ކާގޯ ހަރަކާތަތްކަށް ހާއްސަ ސަރަހައްދެއް ކަނޑައަޅައި ބޭނުންވާ ވަސީލަތްތައް ގާއިމުކޮށް، ވިޔަފާރި ބޭނުމަށް ބަނދަރު ސަރަހައްދުން ކޮމާޝަލް ޔުނިޓްތައް ހަމަޖައްސާނެކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ.
ފުވައްމުލަކު ބަނދަރު އެކްސްޓެންޝަންގެ ތެރެއިން ހިއްކާ ބިމުން، އެއާޕޯޓުގެ ރަންވޭ އިތުރަށް 1600 މީޓަރަށް ބޮޑު ކުރުން ތަސައްވަރުގައި ހިމެނެއެވެ. ފުވައްމުލަކުގައި ކާބޯތަކެތީގެ ބާވަތްތައް ޕްރޮސެސްކޮށް، ޕެކޭޖްކުރުމުގެ މަސައްކަތް ތައާރަފްކޮށް، މި މަސައްކަތް ފަށަން ބޭނުންވާ ފަރާތެއް ޕްރޮޕޯސަލް ލުމުން 15 ދުވަސްތެރޭ ލޯނުލިބޭނެކަމަށްވެސް އެ ތަސައްވުރުގައިވެއެވެ.
މީގެ އިތުރުން އުތުރާއި ދެކުނުގެ ތަސައްވަރުގެތެރެއިން، ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް މާލެ އުތުރުގެ ދެވަނަ ސިޓީ ގޮތުގައި ދިއްދޫ ކަނޑައަޅައި، ދަނޑުވެރިކަމުގެ އުފެއްދުންތަކަށް ވެލިއު އެޑްކޮށް އެއިން އެކި ބާވަތްބާވަތައް އުފައްދައި ވިއްކުމަށް ލައިޓް މެނުފެކްޗަރިން ޕްލާންޓެއް ކެލާގައި ގާއިމްކުރުން ހިމެނެއެވެ. އަދި ތިލަދުންމަތީ ސަރަހައްދުގެ ހުރިހާ ރިސޯޓުތަކާއި، ހޯޓާތަކާއި، ގެސްޓްހައުސްތަކުން، ވެރިކަމުގެ ފުރަތަމަ 3 އަހަރު ޓީޖީއެސްޓީ ކަނޑާލައި އަދި ޖެހިގެން އަންނަ 7 އަހަރު %50 ގެ ޓެކްސް ޑިސްކައުންޓްވެސް ދޭނެކަމަށް އިލްޔާސްގެ ތަސައްވުރުގައިވެއެވެ.