ޚަބަރު

އެކަހެރިކޮށް އޮންނަ މަކުނުދުއަށް އުއްމީދެއް، އެއަރޕޯޓް ބިން ހިއްކަން ފަށައިފި


  • މަކުނުދޫ އެއާޕޯޓް ބިން ހިއްކަން ފެށީ އިއްޔެ

  • އެއަރޕޯޓް ތަރައްޤީކުރުމަށް 43.12 ހެކްޓަރުގެ ބިން ހިއްކާނެ

  • އެއަރޕޯޓްގައި 1500 މީޓަރުގެ ރަންވޭއެއް ތަރައްޤީކުރާނެ

  • މިއީ 16 މިލިއަން ޑޮލަރު ހޭދަކޮށްގެން ތަރައްޤީކުރާ މަޝްރޫއެއް

އަށާރަސްތޭކައެއްހާ މީހުންގެ އާބާދީއެއް އޮންނަ ހދ.މަކުނުދުއަކީ ހދ.އަތޮޅުގެ އެހެން ރަށްތަކާއި ދުރުގައި އެކަހެރިކޮށް އޮންނަ ރަށެކެވެ. މަކުނުދޫ ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ދައްޗަކީ ދަތުރުފަތުރަށް އެޅިފައިވާ ހުރަހެވެ. ރަށުގައި ލިބެން ނެތް އެތައް ޚިދުމަތެއް ހޯދުމަށް ކުޅުދުއްފުށި ސިޓީއަށް ބަރޯސާވާންޖެހިފައިވީ ނަމަވެސް، މަކުނުދޫ ރައްޔިތުން ކުޅުދުއްފުއްޓަށް ދިޔުމަށް އައީ ބޮޑު ހޭދައެއް ކުރަމުންނެވެ.

މަކުނުދޫ ރައްޔިތުންގެ މިމައްސަލައަށް ދާއިމީ ޙައްލެއް ގެނެސްދެއްވުމަށް ސަރުކާރުން މަކުނުދޫގައި އެއަރޕޯޓެއް ތަރައްޤީކޮށްދެއްވުމަށް ނިންމާ އެކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ 22 ޖޫން 2023ގައެވެ. އަދި މިހާރު މިކަމުގެ ޢަމަލީ މަސައްކަތް މިވަނީ ފަށާފައެވެ. ސަރުކާރުން މި މަސައްކަތް ހަވާލުކޮށްފައިވަނީ ބިގްފިޝް މޯލްޑިވްސްއާއެވެ.

ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން މަކުނުދޫ ކައުންސިލްގެ ރައީސް އައުޒަމް އާދަމް ވިދާޅުވީ މަކުނުދޫގެ ދަތުރު ފަތުރުކުރުމުގެ މައްސަލަ ހައްލުވެގެން ދިޔުމަކީ އެ ރަށު ރައްޔިތުން ޒަމާނުންސުރެއް ދެކެމުންއައި ހުވަފެނެއްކަމަށެވެ. އެގޮތުން މަކުނުދޫއަކީ އަތޮޅުގެ އެހެން ރައްތަކާއި ދުރުގައި އޮންނަ ރަށަކަށް ވުމުން ދަތުރުފަތުރުގެ ދަތިކަން މުޅި ދިރިއުޅުމާ ގުޅިފައިކަމަށެވެ. އައުޒަމް ވިދާޅުވީ މަކުނުދޫގެ ރައްޔިތުންނަށް ދިމާވާ މައިގަނޑު ދައްޗަކީ މަކުނުދުއާއި އެހެން ރަށްރަށާއި ދުރުވުމާއި، މޫސުން ގޯސްވުމުގެ ސަބަބުން ދިމާވާ ދަތިތައް ކަމަށެވެ.

" މޫސުމާއި ގުޅިގެން ކަނޑު ގަދަވުމުން އަޅުގނޑުމެންގެ ކަނޑުއޮޅި ތެރޭގައި ނުދުއްވޭ ދުވަސްތައް އެބައާދޭ. އެހެންވީމާ ވަރަށް ދަތިވޭ މޫސުން ގޯސްވީމަ ދަތުރުކުރަން ހާއްސަކޮށް އަންހެނުން ކުޑަކުދިން އުމުރުން ދުވަސްވީ މީހުންނަށް ދަތުރުކުރަން ވަރަށް އުނދަގޫ. ގިނަ ފަހަރަށް ދަތުރު ނުކުރެވޭ ހާލަތައް ފަސް ދުވަސް ހަދުވަސް ހަމަ ރަށް ބަންދުވޭ އެއްކޮށް" އައުޒަމް ވިދާޅުވިއެވެ.

އައުޒަމް ވިދާޅުވީ ރާއްޖެ ޓްރާންސްޕޯޓް ލިންކް، އާރްޓީއެލް ފެރީގެ ޚިދުމަތާއެކު ކަނޑު ދަތުރުފަތުރުގެ ނިޒާމު ވަނީ ވަރަށް ބޮޑަށް ލުއިވެފައެވެ. ނަމަވެސް ކަނޑުދަތުރާ އެއްގޮތަށް ވައިގެ ދަތުރުގެ ދަތިކަން އިންތިހާއަށް އެބައޮތެވެ. ފްލައިޓް ޓިކެޓަށް ކުރާ ހޭދައިގެ ދެގުނަ، މަކުނުދޫން، އެއަރޕޯޓް އޮންނަ އެހެން ރަށަކަށް ދާން ކުރަންޖެހޭކަމަށް އައުޒަމް ވިދާޅުވިއެވެ.

މީގެކުރިން 5000 ރުފިޔާއަށް ކުރަމުންދިޔަ ލޯންޗް ދަތުރު މިހާރު އޭސީ ސްޕީޑް ލޯންޗުގައި 100 ރުފިޔާއަށް ކުރެވޭކަން އައުޒަމް ވިދާޅުވިއެވެ. އައުޒަމް ވިދާޅުވި ފެރީގެ ދަތުރު އޮތްނަމަވެސް އާދައިގެ ވަަރަކަށް ގަދަވާ ދުވަސްދުވަހުވެސް މަކުނުދޫ ހިމެނޭ ސަރަޙައްދުގެ ކަނޑުތައް ވަރަށް ގަދަވެއެވެ. މިހެން ވުމުގެ ސަބަބުން ދަތުރުތައް ކެންސަލް ކުރަންޖެހޭ ޙާލަތްތައް ކުރިމަތިވާކަމަށް އައުޒަމް ފާހަގަކުރެއްވިއެވެ.

އައުޒަމް ވިދާޅުވީ މަކުނުދޫ އެއާޕޯޓާއެކު މަކުނުދޫ ރައްޔިތުންގެ ޒަމާންވީ މި ތަކުލީފު ނިމުކަށް އަންނާނެކަމަށެވެ. އަދި މަކުނުދޫ ރައްޔިތުން ޒަމާނުންސުރެ ކުރަމުންއައި ފޮނި އުންމީދުގައި މިހާރު މިވަނީ ކުލަ ޖެހިފައިކަމަށްވެސް އައުޒަމް ވިދާޅުވިއެވެ. އައުޒަމް ވިދާޅުވީ މަކުނުދޫގެ ރައްޔިތުންގެ މެދުގައި ސިޔާސީގޮތުން ޚިޔާލު ތަފާތު ކުރުން ހުރިނަމަވެސް މަކުނުދޫގެ އެއާޕޯޓް މަޝްރޫއާމެދު ދެކޮޅު އެއްވެސް މީހަކު ނެތްކަމަށެވެ. މަކުނުދޫގައި އެއާޕޯޓާއެކު ދަތުރުފަތުރުގެ މައްސަލަ ޙައްލުވެ، އިޖްތިމާއާއި އަދި އިގްތިޞާދީ ބޮޑު ކުރިއެރުމެއް އަންނާނެކަމަށްވެސް އައުޒަމް ވިދާޅުވިއެވެ.

މަކުނުދޫގައި އެއަރޕޯޓް ތަރައްޤީކުރުމަށް 43.12 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ. އަދި ހިއްކާ ސަރަޙައްދު ޙިމާޔަތްކުރުމަށް 3493 މީޓަރުގެ ރިވެޓްމަންޓެއްވެސް ޖެހުމަށްވަނީ ހަމަޖެހިފައެވެ. މަކުނުދޫ އެއަރޕޯޓްގައި 1500 މީޓަރުގެ ރަންވޭއެއް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ. މިމަސައްކަތް އެކުންފުންޏާއި ޙަވާލުކޮށްފައިވަނީ އަހަރެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. މިއީ 16 މިލިއަން ޑޮލަރު ހޭދަކޮށްގެން ތަރައްޤީކުރާ މަޝްރޫޢެކެވެ.


ދަތުރުފަތުރުގެ ނިޒާމުން ރާއްޖެ ގުޅުވާލާ، ތަރައްޤީއަށް އެޅިފައިވާ ހުރަސްތައް ނައްތާލާ ރަށު ބަންދުގައި ތާށިވެފައިވާ ރައްޔިތުންނަށް ފަސޭހައިން ދަތުރުފަތުރުކުރެވޭނެ މަގު ފަހިކުރުމަކީ ސަރުކާރުގެ މުހިއްމު ސިޔާސަތެކެވެ. އުތުރުން ފެށިގެން ދެކުނާއި ހަމައަށް އެކި ސަރަޙައްދުތަކުގައި އެއަރޕޯޓު ތަރައްޤީކުރުމާއި، ޤައުމީ ފެރީގެ ނިޒާމުން ރަށްތައް ގުޅުވާލުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މިގޮތުން ކޮންމެ 30 މިނިޓަކުން ދެވޭ ހިސާބުގައި އެއަރޕޯޓު އަންނަނީ ތަރައްޤީކުރަމުންނެވެ.