ދެކުނުގެ ހަތަރު އަތޮޅަށް އަމާޒުކޮށްގެން އައްޑޫ ސިޓީގައި ގާއިމުކުރާ ކުނި މެނޭޖްކުރާ މަރުކަޒުގައި ކުނިން ކަރަންޓް އުފައްދާ ނިޒާމް އިންސްޓޯލްކޮށް ނިންމާ އެޕްލާންޓް ޓެސްޓު ކުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.
މި ޕްލާންޓަކީ ދުވާލަކު 50 ޓަނުގެ ކުނި އަންދާ އެއިން 1.5 މެގަވަޓްގެ ކަރަންޓް އުފެއްދޭގޮތަށް ޑިޒައިންކޮށް އިންސްޓޯލްކޮށްފައިވާ ޕްލާންޓެކެވެ.
ޖުމްލަ 20.5 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ކޮރެއާގެ ކުންފުންޏަކާއި ހަވާލުކޮށްގެން ޑިޒައިންކޮށް އިންސްޓޯލްކުރި މި ޕްލާންޓްގައި އިންސިނެރޭޓަރަކާއި ކަރަންޓް އުފެއްދުމަށް ބޭނުންކުރާ ސްޓީމް ޓާރބައިންއެއްގެ އިތުރުން ކުނި އަންދައިގެން އަރާ ދުން ކޮންޓްރޯލް ކުރުމަށްޓަކައި އެންމެ ފަހުގެ ޓެކްނޮލޮޖީވަނީ ބޭނުންކޮށްފައެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވީ ޕްލާންޓްގެ މަސައްކަތްތައް ފެށުމުގެ ކުރިން ޓެސްޓުކުރުމުގެ މަސައްކަތް ކުރުމަށްޓަކައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑާއި ހަވާލުކުރައްވާފައިވާކަމަށެވެ. އެގޮތުން ޕްރީކަމިޝަންކުރުމާއި ކަމިޝަންކޮށް ޕްލާންޓް އޮޕަރޭޝަނަށް ގެނައުމަށްޓަކައި ވެމްކޯއިން ހަރަކާތްތެރިވަމުންދާނެ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.
މި ޕްލާންޓް އެއްކޮށް ކަމިޝަންކޮށް ނިމެންވާއިރަށް އޮޕަރޭޝަނަށް ގެނައުމަށްޓަކައި ވެމްކޯއިން މިހާރުވެސްވަނީ އެކަމާއި ގުޅޭތައްޔާރީތައްވާން ފަށާފައެވެ. އެގޮތުން މި ޕްލާންޓް އޮޕަރޭޓްކުރުމަށް ބޭނުންވާ ފަންނީ މުވައްޒަފުން ނެގުމާއި މިތަނަށް ބޭނުންވާ ކުނި ގެނައުމަށް ބޭނުންކުރާނެ ވަސީލަތްތައް ހޯދުމުގެ މަސައްކަތްވެސްވަނީ ފަށާފައެވެ.
ރާއްޖޭގެ އެއްމެ ދެކުނުގެ ހަތަރު އަތޮޅަށް އަމާޒުކޮށްގެން އައްޑޫ ސިޓީގައި ގާއިމުކުރާ ސަރަހައްދީ ކުނި މެނޭޖްކުރާ މަރުކަޒުގެ ވޭސްޓް ޓު އެނަރޖީ ޕްލާންޓް ކޮމިޝަންކުރުމަށްޓަކާއި ވެމްކޯއަށް ވަނީ ހަވާލުކުރެވިފަ. pic.twitter.com/w2H5MTowog
— Min. of Environment, Climate Change and Technology (@MoEnvmv) September 6, 2023
މިފެސިލިޓީ އޮޕަރޭޝަނަށް އަންނައިރު އައްޑޫ ސިޓީގެ އިތުރުން ފުވައްމުލައް ސިޓީ އާއި ހުވަދު އަތޮޅުގެ ރަށްތަކުންނާއި ރިސޯޓްތަކުގެ ކުނި އެތަނަށް ގެންގޮސް ޕްރޮސެސް ކުރެވޭނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ގެންނަ ކުނި ޕްރޮސެސްކުރުމަށްޓަކައި ބަންދުކުރެވިފައި ހުރި ބަންކަރެއްވަނީ ގާއިމުކޮށްފައެވެ. އެހެންކަމުން މިތަނުގައި ހިނގާ އެއްވެސް ކަމެއް ބޭރަށްނުފެންނާނެހެން ތަންހުންނާނީ ބަންދުކުރެވިފައި ކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.
މިޕްލާންޓްގެ ޕްރީކަމިޝަން ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި މިފެސިލިޓީ ވެމްކޯ އާއި ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާއެވެ.