ލިންކްރޯޑްގައި ޤާއިމުކުރާ ސޯލާ ޕީވީގެ މަސައްކަތްކުރުމަށް މާދަމާއިން ފެށިގެން ބްރިޖްގެ ބައެއް ސަރަޙައްދުތައް ވަކި ގަޑިއެއްގައި ބަންދުކުރުމަށް ނިންމައިފިއެވެ.
މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން ވިދާޅުވީ، ހުޅުމާލޭ ލިންކް ރޯޑުގައި ސޯލާ ޕީވީ ހަރުކުރުމުގެ މަޝްރޫޢުގެ މަސައްކަތްކުރުމަށް މާދަމާއިން ފެށިގެން މިމަހުގެ ނިޔަލަށް އެސަރަޙައްދު އެކި ގަޑިތަކުގައި ބަންދުކުރުމަށް ހަމަޖެހިފައިވާކަމަށެވެ. މިގޮތުން ކޮންމެ ދުވަހެއްގެ ހެނދުނު 10:00އިން 11:30 އަށް ލިންކްރޯޑްގެ އެއް ލޭން ބަންދުވާނެކަމަށެވެ. މިގޮތުން އެކި ދުވަހު ބަންދުކުރުމަށް ހަމަޖެހިފައިވަނީ އެލޭންގެ އެކި ސަރަޙައްދުކަމަށް މިނިސްޓްރީއިން މަޢުލޫމާތުދެއެވެ.
ޢާއްމު އިއުލާން: ހުޅުމާލޭ ލިންކް ރޯޑުގައި ގާއިމުކުރާ ސޯލަރ ޕީވީ ނިޒާމުގެ މަސައްކަތްތަކެއް ކުރުމަށް ލިންކް ރޯޑުގެ އެއް ލޭނުގެ ބައެއް ސަރަހައްދުތައް ބަންދުކުރުން. pic.twitter.com/t0xpjMNpVC
— Min. of Environment, Climate Change and Technology (@MoEnvmv) September 12, 2023
މިގޮތަށް ބަންދުވީނަމަވެސް ދަތުރުފަތުރުތައް މެދުކަނޑާނުލާނެކަމަށް އެމިނިސްޓްރީއިން ވިދާޅުވެއެވެ. އެހެންނަމަވެސް އެގަޑިތަކުގައި ސޯލާ ޕީވީގެ މަސައްކަތް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާތީ އެގަޑީގައި ބްރިޖް ބޭނުންކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް އެންވަޔަރަމަންޓް މިނިސްޓްރީއިންވަނީ އިލްތިމާސްކުރައްވާފައެވެ. މީގެކުރިންވެސް މިމަޝްރޫޢުގެ އެކި މަސައްކަތްކުރުމަށް ބްރިޖްގެ އެކި ސަރަޙައްދުތައްވަނީ ބަންދުކޮށްފައެވެ. މިބުރުގައި 5 ސަރަޙައްދެއް ބަންދުކޮށްގެން އެކިދުވަސްމަތިން މަސައްކަތް ކުރުމަށްވަނީ ހަމަޖެހިފައެވެ.
ސޯލާ ޕީވީ ހަރުކުރުމުގެ މަސައްކަތަކީ ވޯލްޑް ބޭންކުގެ އެހީގައި އެންވަޔަރަމަންޓް މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. އެސްޕަޔަރ ޕްރޮޖެކްޓުގެ ދަށުން ހުޅުމާލޭގައި 5.6 މެގަވޮޓުގެ ސޯލާރ ހަކަތައިގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މިއީ އެއް ސަރަޙައްދެއްގައި ސޯލާ ޕީވީ ހަރުކޮށް އިޔާދަކުރަނިވި ޙަކަތަ އުފެއްދުމަށް ރާއްޖޭގައި މިވަގުތު ހިންގާ އެންމެ ބޮޑު މަޝްރޫޢެވެ. މިމަސައްކަތް ކުރަމުންދަނީ ތައިލެންޑްގެ އެންސިސް ކުންފުނިންނެވެ. މީގެ ދަށުން ހައިވޭއަދި ހުޅުމާލޭގެ އެތެރޭގައިވެސް ސޯލާ ޤާއިމުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.