ޚަބަރު

ގިރާވަރާއި ގުޅީފަޅުން ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ބިމުގެ ބޮޑުބައެއްވަނީ ހިއްކިފައި


  • ނޮވެމްބަރު މަސް ފެށުމުގެ ކުރިން 9000 އަށްވުރެ ގިނަ މީހުންނަށް ގޯތި ދޭނެ

  • ބިން ނެތިގެން ގޯތި ނުދެވިފަ ތިބޭކަށް ނުޖެހޭނެ

  • ގުޅީފަޅާއި ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ބާރަށް ކުރިއަށް

ގިރާވަޅު ފަޅާއި ގުޅީފަޅުގައި ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ބިމުގެ ބޮޑުބައެއް މިހާރު ހިއްކިފައިވާކަމަށާއި ބިން ނެތިގެން ގޯތި ދޫނުކުރެވި ތިބެން ނުޖެހޭނެ ކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއްޖެއެވެ. ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ރައްޔިތުންނަށް ގޯތި ދޫކުރުމުގެ މަސައްކަތް މި ސަރުކާރުން ވަނީ ފައްޓަވާފައެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޕްލޭނިންގ މިނިސްޓްރީގެ ސީނިއަރ އެގްޒެކްޓިވް ޑިރެކްޓަރ މުޙައްމަދު އާރިފް ވިދާޅުވީ، އެ މިނިސްޓްރީން އެންމެ ފުރަތަމަ ފަށާފައިވަނީ ހުޅުމާލެއިން ގޯތި ލިބުނު ފަރާތްތަކަށް ގޯތި ދޫކުރުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން ހުޅުމާލޭގެ ހިއްކާފައިވާ ބިމުން ގޯތި ލިބުނު ގާތްގަނޑަކަށް ހުރިހާ ފަރާތްތަކަށް މިހާރު ގޯތި ދޫކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިހާރު ގިރާވަރުފަޅުން ގޯތި ދޫކުރުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، މަސައްކަތުގެ ސްޕީޑް ލަސްވެގެން ނުވަތަ ބިން ނުލިބިގެނެއް މިކަން ނުކުރެވި ނުދާނެކަމުގެ ޔަޤީންކަން އޭނާ ވަނީ ދެއްވާފައެވެ.

އާރިފް ވިދާޅުވީ، މިހާރު ރޭވިފައިވާ ގޮތައް ދާނަމަ ނޮވެމްބަރ މަސް ފެށުމުގެ ކުރިން ގޯތި ލިބުނު ގާތްގަނޑަކަށް 9000 އަށްވުރެ ގިނަ ފަރާތަށް ގޯތިދީ ނިމޭނެކަމަށެވެ.

“ގުޅިފަޅުން ގޯތި ދޫކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދުން ވަރަށް ބޮޑު ބައެއް ވަނީ ހިއްކިފައި. ގުޅީފަޅުން އެއްފަހަރަކާ ހުރިހައި އެންމެންނަކަށް ގޯއްޗެއް ދޫނުކުރެވޭނެ ދެއްތޯ. އަޅުގަނޑުމެން ބިން ނެތިގެން ގޯތި ދޫނުކުރެވިގެނެއް ނުތިބޭނެ އިނގޭތޯ. ގިރާވަރުގައި މިއަދުން ފަށައިގެން ދުވާލަކު 500 ގޯތި ދޫކުރިއަސް އަޅުގަނޑުމެންނަށް ބިމަށް ޖެހިގެން ހުއްޓޭކަށް ނުޖެހޭނެ އިނގޭތޯ. ގިރާވަރު ފަޅުގައި އަޅުގަނޑުމެންނަށް ނުފެށި ކުޑަތަންކޮޅެއް މި ލަސްވަނީ ގޯތި ދޫކުރަން ކަނޑައަޅާފައިވާ ސަރަހައްދުން މިއޮތީ ބިން ހިއްކާ ޑްރެޖަރުގެ ހޮޅި. އެ ހޮޅި އެހެން ހިސާބަކަށް މޫވް ކުރެވޭހާ އަވަހަކަށް ގިރާވަރުން މި މަސައްކަތް ފެށޭނެ. ގިރާވަރުގައިވެސް އަޅުގަނޑުމެންނަށް ގާތްގަނޑަކަށް ހަމަ ބިން ދޫކުރަން ހަމަޖެހިފައި އޮތް ލޭންޑްގެ ބޮޑު ޕަސެންޓެއް މިހާރު ވަނީ ހިއްކިފައި." އާރިފް ވިދާޅުވިއެވެ.

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ، މި މަސައްކަތް ކުރައްވާނެކަން އެންމެ ފުރަތަމަ އިއުލާންކުރި ހިސާބުންވެސް ބައެއް ފަރާތްތަކުން މިއީ ނުވާނެކަމެއްކަމަށް ބުނި ކަމަށެވެ. ނަމަވެސް މިއަދު ހާމަވެގެންމިދަނީ މިކަން ވާނެކަމުގެ ޔަޤީންކަން ކަމަށް އޭނާ ވިދާޅުވިއެވެ.

“އަޅުގަނޑުމެން ވަގުތީ ލިސްޓެއްް އިއުލާންކޮށްލީމަ ވިދާޅުވީ އެއީ ހަމަ ލިސްޓެކޭ އަޅުގަނޑުމެންނަކަށް އެ ބިމެއް ނުދެވޭނެއޭ. ކޮންމެ މަރުހަލާއެއްގައިވެސް އެބޭފުޅުންގެ ފާޑުކިޔުން އައި. ނަމަވެސް އިރާދަފުޅުކުރެއްވިއްޔާ ރައީސްގެ ވައުދުފުޅާއި އެއްގޮތައް އަޅުގަނޑުމެން މި މަސައްކަތް މި ކުރަމުންދަނީ ބިން ކަނޑައި ރަޖިސްޓްރީ ހަވާލުކުރުމަށް ވައުދުވެފައި އޮތީ ދައުރު ނިމުމުގެ ކުރިން. އެކަން ނިވެމްބަރ 5 ގެ ކުރިން އަޅުގަނޑުމެން ނިންމާނަން.” އަކްރަމް ވިދާޅުވިއެވެ.

ބިންވެރިޔާ ސްކީމުން ގޯތި ލިބުނު މީހުންނަށް ގޯތި ކަނޑައި ގޯތީގެ ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ.

ސަރުކާރުން ގޯއްޗަށް ހުޅުވާލުމުން 23000އަށްވުރެ ގިނަ މީހުން ކުރިމަތިލިއެވެ. އޭގެތެރެއިން 19639 މީހުން ޝަރުތު ހަމަވެ ގޯތި ދިނުމަށް ވަނީ ކަނޑައަޅާފައެވެ. އޭގެތެރެއިން 18955 މީހުންނަށް މިދައުރު ނިމުމުގެ ކުރިން ގޯތި ލިބޭނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ޕްލޭނިން މިނިސްޓްރީން ވިދާޅުވީ ދޫކުރުމަށް ހަމަޖެހިފައިވާ ގޯތިތަކުގެ ތެރެއިން 1250 އަކަފޫޓާއި 1650 އަކަފޫޓާއި 2050 އަކަފޫޓުގެ ގޯތިތައް ދެއްވާނީ ހުޅުމާލެއާއި، ގުޅިފަޅާއި ގިރާވަރު ފަޅުން ކަމަށެވެ. އަދި 2450 އަކަފޫޓުން ފެށިގެން 4000 އަކަފޫޓާ ދެމެދުގެ ގޯތިތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެއާއި ގުޅިފަޅުންނެވެ.