ޚަބަރު

އިޤްތިޞާދީ ހަބަކަށް ތިލަފުށި: ބިން ހިއްކުމުގެ މަސައްކަތް ބާރަށް ކުރިއަށް


  • ތިލަފުށި ފޭސް 2 އިން ޖުމްލަ 150 ހެކްޓަރުގެ ބިން ހިއްކާނެ

  • 60% ބިން ވިޔަފާރިތަކަށް

  • އަންނަ އަހަރުގެ މެއި މަހަށް ހިއްކާ ނިމޭނެ

ތިލަފުށި ފޭސް ދޭއް ހިއްކުމުގެ މަސައްކަތުގެ ދަށުން މިވަގުތު 117 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއް ހިއްކަމުން އަންނަކަމަށް ހައުސިން ޑިވެލޮޕަމަންޓް ކޯޕަރޭޝަން، އެޗްޑީސީން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ވިޔަފާރީގެ މައި ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްގެންދާ ތިލަފުށި ހިއްކުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. އަދި ހިއްކާ ނިމޭ މިންވަރަކުން އެ ސަރަހއްދު ހިމާޔަތްކުރުމުގެ މަސައްކަތް އެކުއެކީގައި އަންނަނީ ކުރަމުންނެވެ. ތިލަފުށި ހިއްކުމުގެ މަސައްކަތް އެޗްޑީސީން ހަވާލުކޮށްފައިވަނީ ޗައިނާ ހާރބަރ އިންޖީނިއަރިންގް ކޮމަޕަނީ ޕްރައިވެޓް ލިމިޓެޑާއވެ.

ވިޔަފާރީގެ މައި ހަބުގެ ގޮތުގައި ތިލަފުށި ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ މާރިޗްމަހުގެ ތެރޭގައެވެ. އެގޮތުން އެންމެ ފުރަތަމަ ހިއްކަން ފެށީ ތިލަފުށީގެ ސީ އަދި ޑީގެ ގޮތުގައި ކަނޑައާފައިވާ ސަރަޙައްދެވެ. އެ ސަރަހައްދުތަކުން 27.5 ހެކްޓަރު ވަނީ ހިއްކާ މިހާތަނަށް ހިއްކާފައެވެ. އޭ، ބީ، އީ އަދި އެފް ގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުވެސް މިހާރު ވަނީ ފަށާފައެވެ.


ތިލަފުށިން ހިއްކާ ސަރަހައްދުތައް:

އޭރިއާ އޭއިން 71.5 ހެކްޓަރގެ ބިން
އެރިއާ ބީއިން 39.6 ހެކްޓަރގެ ބިން
އޭރިއާ އީ އިން 5.9 ހެކްޓަރގެ ބިން
އޭރިއާ އެފް އިން 0.73 ހެކްޓަރހެ ބިން

ތިލަފުށި ހިއްކުމަށްޓަކައި ކުރިއަށްގެންދާ މަޝްރޫޢު އެޗްޑީސީން ވަނީ ނޫސްވެރިންނަށް ދައްކާލާފައެވެ.

އެ މަޝްރޫޢުއާ ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރައްވަމުން އެޗްޑީސީގެ ޕްރޮޖެކްޓް މެނޭޖަރ ހުސައިން ހަނާން އަޙްމަދު ވިދާޅުވީ ތިލަފުށި ފޭސް 2ގެ ހިއްކުމުގެ މަސައްކަތުގެ ދަށުން ދެ ސަރަހައްދެއް މިހާތަނަށް ހިއްކާ ނިންމާފައިވާކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އެ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ފަށާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިހާރު ހިއްކަން ފަށާފައިވާ ސަރަޙައްދުތައް އަންނަ އަހަރުގެ މެއިމަހުތެރޭގައި ހިއްކާ ނިންމުމަށް އަމާޒު ހިފާފައިވާކަމަށް ހަނާން ވިދާޅުވިއެވެ.

"މިހާރު މި ކުރިއަށްދާ އޭރިއާ ބީ ހިއްކުމުގެ މަސައްކަތް. މޫސުން ތަންދޭނަމަ 45 ދުވަހުގެ ތެރޭގައި ނިންމުމަށް އަމާޒު ހިފާފައިވަނީ. އޭރިއާ އޭ 105 ދުވަހުގެ ތެރޭގައި ނިންމާލުމަށް ހަމަޖެހިފައިވަނީ ."އެޗްޑީސީގެ ޕްރޮޖެކްޓް މެނޭޖަރ ހުސައިން ހަނާން އަޙްމަދު ވިދާޅުވިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗް.ޑީ.ސީގެ ދަށަށް ތިލަފުށި ބަދަލުކުރުމާއެކު، އެޗް.ޑީ.ސީން ވަނީ ތިލަފުށި ޒަމާނީ އިޤްތިޞާދީ ހަބެއްގެ ގޮތުގައި ތަރައްޤީކުރުމަށް ނިންމާ، ތިލަފުށީގެ މާސްޓަރ ޕްލޭން އެކުލަވާލާފައެވެ. މާސްޓާރ ޕްލޭން އެކުލަވާލާފައިވަނީ، މުޅި ތިލަފަޅު ހިއްކާ، މިހާރު ބޭނުންކުރަމުންދާ ތިލަފުށީގެ ބިން ހިމެނޭހެން ތަރައްޤީކުރުމަށެވެ. މާސްޓަރ ޕްލޭންގެދަށުން ތިލަފަޅުން 150 ހެކްޓަރު ހިއްކުމަށް ވަނީ ނިންމާފައެވެ. ތިލަފުށިން އަލަށް ހިއްކާ 150 ހެކްޓަރުގެ %60 ބޭނުންކުރާނީ ވިޔަފާރިތަކަށް ބިން ދޫކުރުމަށެވެ. އަދި ބާކީ ބަޔަކީ މަގުތަކާއި އާއްމު އެކިއެކި ޚިދުމަތްތަކާއި ގުޅޭ އިންފްރާސްޓްރަކްޗަރއެވެ.

ތިލަފުއްޓަކީ ރާއްޖޭގެ އެކި ސިނާޢަތްތަކުގެ ވިޔަފާރިތަކުން، ގުދަން ކުރުމާއި އިންޑަސްޓްރިއަލް މަސައްކަތްތަކުގައި ބޭނުންކުރާ ރަށެކެވެ. މިވަގުތުވެސް ތިލަފުށީގައި 200އަށްވުރެ ގިނަ ވިޔަފާރިވެރިން އެކިއެކި މަސައްކަތްތައް ކުރަމުންއާދެއެވެ.

ތިލަފުއްޓަކީ ޒަމާނީ ވަޞީލާތްތަކާއެކު އިޤްތިޞާދީ ހަބެއްގެގޮތުގައި ތަރައްޤީކުރުމަށް ހިންގާ މަޝްރޫޢުގެ ބޭނުމަކީ ސިނާޢީ މަސައްކަތްތަކަށް ހުރި ދަތިތަކަށް ބޮޑު ލުޔެއް ހޯދައިދިނުމާއި، ދިވެހި ވިޔަފާރިތަކަށް ހުރި ފުރުޞަތުތައް އިތުރުކުރުމެވެ. އަދި މިކަމުގެ ސަބަބުން މުދަލުގެ އަގުހެޔޮވެ، ދިވެހިންނަށް ލިބޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެގެންދާނެކަން ސަރުކާރުން ފާހަގަކުރައްވައެވެ.

މި މަޝްރޫއުގެ ދަށުން އަލަށް ހިއްކާ ސަރަހައްދުތައް އެޗްޑީސީން ތަރައްގީކުރަނީ ޖުމްލަ 6 ސަރަހައްދަކަށް ބަހާލައިގެންނެއެވެ. އެގޮތުން އިންޑަސްޓްރިއަލް މަސައްކަތްކުރުމަށް ވަކި ސަރަހައްދެއް ހާއްސަކޮށްފައިވާއިރު، ލިކުއިފައިޑް ނެޗުރަލް ގޭސް ޕްލާންޓެއް އެޅުމަށްވެސް އަލަށް ބިން ހިއްކާ ސަރަހައްދުން ބޮޑު ބައެއް ޚާއްޞަކުރާނެއެވެ. އޭގެ އިތުރުން ލުއި ސިނާއީ މަސައްކަތް ކުރިޔަށް ގެންދިޔުމަށާއި މިކްސް-އޮފީސް އަދި ކުދި ވިޔަފާރިތަކަށްވެސް ސަރަހައްދުތަކެއް ކަނޑައަޅާފައިވެއެވެ.