ސަފާރީ ބޯޓުތަކަށް ޚާއްސަ ބަނދަރު "ދިޔަނެރު" ފަޅު ހިއްކަން ފަށައިފިއެވެ. ސަފާރީ ބޯޓުތައް އަޅާނެ ވަކި ޚާއްސަ ތަނެއް ނޯވެއެވެ. އެހެންކަމުން މި އުޅަނދުތައް މިވަގުތު އަޅަމުންދަނީ ހުޅުމާލެއާއި މާލެއާއި ގުޅީފަޅުގައެވެ.
ރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީވެ ސަފާރީތަކަކީވެސް މިހާރު މި ސިނާއަތުގައި މުހިންމު ދައުރެއް އަދާކުރާ އުޅަނދުތަކެކެވެ. ސަފާރީތަކާ ޔޮޓްތައް އިތުރުވެ، މި ވިޔަފާރިން އާމްދަނީ ހޯދާ މީހުންގެ ޢަދަދު މިހާރު ވަރަށް ބޮޑަށްވެސް ވަނީ އިތުރުވެފައެވެ. ނަމަވެސް މި ވިޔަފާރި ކުރާ ފަރާތްތަކުގެ އެންމެ ބޮޑު ޝަކުވާއަކަށްވެފައި އަބަދުވެސް އޮތީ، އެ އުޅަނދުތަކަށް ބޭނުންވާ އެކަށީގެންވާ ޚިދުމަތް ނުލިބުމެވެ.
މި ޝަކުވާތަކަށް ޙައްލު ހޯއްދަވައި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ވަނީ، ބޯޓުފަހަރު އެޅުމަށް ދިޔަނެރު ފަޅު ކައިރިން ތަނެއް ތަރައްޤީކުރައްވާނެކަން އިޢުލާންކުރައްވާފައެވެ.
ދިޔަނެރު ފަޅު ހިއްކަން ފެށުމުން ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނީ، މިހާރު މި ފެށުނީ ސަފާރީތަކަށް ބަނދަރެއް ލިބުމުގެ މަސައްކަތްކަމަށެވެ. މި ބަނދަރު ނިމިގެން އައުމުން މިކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.
ދިޔަނެރު ހިއްކުމުގެ މަސައްކަތް ކުރަމުންދަނީ ސްރީލަންކާގެ ކުންފުންޏެއްކަމަށްވާ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ސީއެމްސީ) އާއި ޙަވާލުކޮށްގެންނެވެ. މި މަޝްރޫޢުގެ ދަށުން ދިޔަނެރު ފަޅުން ޖުމްލަ 24.6 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. ދިޔަނެރާއި ތިލަފުށި އަދި ހުޅުމާލެ ފަޅުން ޖުމްލަ 62.6 ހެކްޓަރުގެ ބިން ހިއްކުމަށް އެޗް.ޑީ.ސީއިން ސީއެމްސީއަށް ޙަވާލުކޮށްފައިވަނީ 21 އޯގަސްޓް 2023 ގައެވެ.
މިއީ ވަރަށް ގިނަ ދުވަސްވީ އުންމީދެއްގެ ފެށުންކަމަށާއި، މިކަން ނިމުމުން އިންޑަސްޓްރީއަށް ވަރަށް ބޮޑު ލުއެއް ލިބިގެންދާނެކަމަށް ބޯޓިން އެސޯސިއޭޝަނުން ފާހަގަކުރެއެވެ. ސަފާރިތަކަށް ޚާއްސަ ބަނދަރެއް މިހާތަނަށް ރާއްޖޭގައި ތަރައްޤީކުރެވިފައެއްނުވެއެވެ. މި ސިނާއަތަށް 50 އަހަރު ވެގެންދިޔައިރު އެކި ސަރުކާރުތަކަށް މިކަމާއި ގުޅޭގޮތުން ވާހަކަދައްކަމުން ދިޔަކަމަށް އެ އެސޯސިއޭޝަނުން ވަނީ ފާހަގަކޮށްފައެވެ.
މި ފަޅު ތަރައްޤީ ކުރާނީ، މިފަދަ ތަނަކުން ލިބޭނެ ފުރިހަމަ ޚިދުމަތާއެކުކަމަށެވެ. އެގޮތުން އުޅަނދު އަޅާފައި ބޭއްވުމާއި، ތެޔޮ އެޅުމާއި، އުޅަނދު އަޅާފައި އޮންނައިރު ކަރަންޓުގެ ޚިދުމަތާއި، ފެން ލިބޭނެ އިންތިޒާމާއި، ނަރުދަމާއާއި ގުޅުންހުރި ޚިދުމަތް އަދި އުޅަނދުފަހަރުން ފަސޭހައިން ކުނި މެނޭޖްކުރެވޭނެ ނިޒާމެއްވެސް ޤާއިމުކުރާނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.