ޕީއެސްއައިޕީ މަޝްރޫޢުތަކަށް ދައުލަތުގެ ބަޖެޓުން 7 ބިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ނެރެފައިވާ އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓުގައިވާގޮތުން، ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް، ޕީ.އެސް.އައި.ޕީއަށް މިއަހަރުގެ ސެޕްޓެމްބަރުމަހުގެ 1 4ވަނަ ދުވަހުގެ ނިޔަލަށް 7.7 ބިލިއަން ރުފިޔާވަނީ ހޭދަކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޕީއެސްއައިޕީއަށް ހޭދަކޮށްފައިވަނީ 5.2 ބިލިއަން ރުފިޔާއެވެ.
ޕީ.އެސް.އައި.ޕީއަކީ ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ ޢުމްރާނީ ވަޞީލަތްތައް ޤާއިމުކުރުމަށް ދައުލަތުން އިސްކަންދޭ މަޝްރޫޢުތައް ހިމެނޭ މެދުރާސްތާ ޕްލޭނެކެވެ. މިއަހަރުގެ ޕީ.އެސް.އައި.ޕީ އެކުލަވާލާފައިވަނީ ހިނގަމުންދާ މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް ޖާގަދިނުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅުތަކުގެ ތެރެއިން މިހާތަނަށް ބަޖެޓުން ޖާގަނުދެވިވާ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ޖާގަދިނުމަށެވެ. ސަރުކާރުގެ ސިޔާސަތަކާ އެއްގޮތަށް މިއަހަރުގެ ބަޖެޓުން ބިޔަ މަޝްރޫޢުތަކަށް ޖާގަދެވިފައިވާނެކަން ފިނޭންސް މިނިސްޓްރީން މީގެކުރިން ވަނީ ފާހަގަކޮށްފައެވެ.
ޕީ.އެސް.އައި.ޕީއަށް މިހާތަނަށް 7 ބިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާއިރު، އެންމެ ބޮޑު ޚަރަދެއްކޮށްފައިވަނީ މަގު ހެދުމާއި، ބިން ހިއްކުން އަދި ބަނދަރު ހެދުމުގެ މަޝްރޫޢުތަކަށެވެ.
• ބިން ހިއްކުމުގެ މަޝްރޫޢުތަކަށް – 1.1 ބިލިއަން ރުފިޔާ
• އެއަރޕޯޓުތައް ތަރައްޤީކުރުމުގެ މަޝްރޫޢުތަކަށް – 1.1 ބިލިއަން ރުފިޔާ
• ފެނާއި ނަރުދަމާގެ ނިޒާމްތައް ޤާއިމްކުރުމަށް –989.1 މިލިއަން ރުފިޔާ
• މަގު ހެދުމުގެ މަޝްރޫޢުތަކަށް – 975.3 މިލިއަން ރުފިޔާ
• ބަނދަރު ހެދުމުގެ މަޝްރޫޢުތަކަށް – 843.6 މިލިއަން ރުފިޔާ
• ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް – 602.1 މިލިއަން ރުފިޔާ
މިއަހަރުގެ ބަޖެޓުގައި ޖުމްލަ 8.5 ބިލިއަން ރުފިޔާ ޕީ.އެސް.އައި.ޕީއަށް ކަނޑައަޅާފައިވެއެވެ. މިއީ ބަޖެޓުގެ 19.7 އިންސައްތައެވެ.
ޕީ.އެސް.އައި.ޕީ ބަޖެޓް ބެހިފައިވާގޮތަށް ބަލާއިރު ދަޢުލަތުގެ ޑޮމެސްޓިކް ބަޖެޓުން 3.1 ބިލިއަން ރުފިޔާ، ބޭރުގެ ފަރާތްތަކުން ނަގާ ލޯނުން 4.1 ބިލިއަން ރުފިޔާ، ބޭރުގެ ހިލޭ އެހީން 713 މިލިއަން ރުފިޔާ އަދި މޯލްޑިވްސް ގްރީން ފަންޑުން 439.5 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ހިމަނާފައިވެއެވެ.
މިއަހަރުގެ ޕީ.އެސް.އައި.ޕީ ބަޖެޓް ބެހިފައިވާ މައިގަނޑު ދާއިރާތަކަށް ބަލާއިރު އެންމެ ބޮޑު ހޭދައެއް ކުރުމަށް ހަމަޖެހިފައިވަނީ ލަފާފުރުމުގެ ދަތިކަން ޙައްލުކުރުމަށެވެ. މި ބަޔަށް ޖުމްލަ 2.4 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު މިއީ ޕީ.އެސް.އައި.ޕީ ބަޖެޓުގެ 28.9 އިންސައްތައެވެ. މީގެ ތެރޭގައި ތިލަމާލޭ ބްރިޖް މަޝްރޫޢަށް 792 މިލިއަން ރުފިޔާ، އެކި ރަށްރަށުގެ އެއަރޕޯޓްތައް ތަރައްޤީކުރުމަށް 921.9 މިލިއަން ރުފިޔާ އަދި އެކި ރަށްރަށުގެ ބަނދަރު ހެދުމާއި އަޕްގްރޭޑްކުރުމަށް 384 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.