ދިވެހި ސަރުކާރާއި ގަޔާނާ ސަރުކާރާއި ދެމެދު ވިސާ ވެއިވަރ އެއްބަސްވުމުގައި ސޮއިކުރައްވައިފިއެވެ.
މި އެއްބަސްވުމުގެ ދަށުން، ދިވެހިންނަށް ވިސާއާ ނުލައި ގަޔާނާއަށް ދަތުރުކޮށް، އެ ޤައުމަށް އެތެރެވާ ދުވަހުން ފެށިގެން ގިނަވެގެން 30 ދުވަހުގެ މުއްދަތަކަށް އެ ޤައުމުގައި ތިބެވޭނެއެވެ. އަދި ހަމަ އެފަދައިން ގަޔާނާގެ ރައްޔިތުނަށްވެސް ވިސާނެގުމެއްނެތި 30 ދުވަހުގެ މުއްދަތަކަށް ދިވެހިރާއްޖެއަށް ދަތުރުކުރެވޭނެއެވެ.
މި އެއްބަސްވުމުގެ އިތުރުން ދެޤައުމުގެ ދެމެދުގައި ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތައް ދެނެގަތުމަށް މަސައްކަތްކުރުމަށްޓަކައި އެކަމަށް ޚާއްސަ އެއްބަސްވުމެއްގައިވެސް ވަނީ ސޮއިކުރައްވާފައެވެ.
Maldives and Guyana sign a Visa Waiver Agreement and MOU on Political Consultations
— Ministry of Foreign Affairs ?? (@MoFAmv) September 23, 2023
? Press Release | https://t.co/x0mClHzjTu pic.twitter.com/5wWf0K8XUe
ވިސާ ވެއިވަރ އެއްބަސްވުމާއި ގުޅުން ބަދަހި ކުރުމުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޚަލީލެވެ. ގަޔާނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ ފޮރިން އެފެއާޒް އެންޑް އިންޓާނެޝަނަލް ކޯޕަރޭޝަން މިނިސްޓަރ ހޫ ހިލްޓަލް ޓޮޑްއެވެ.
މި އެއްބަސްވުންތަކުގައި ސޮއިކުރުމަށްފަހު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރ ޙަލީލްވަނީ ދެޤައުމުގެ ގުޅުން ވަރުގަދަކުރުމަށް ގަޔާނާގެ ފޮރިން މިނިސްޓަރ ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވާ ޝުކުރު އަދާކޮށްފައެވެ. އަދި ވިސާ ވެއިވަރ އެއްބަސްވުމާއެކު ދެޤައުމުގެ ރައްޔިތުންގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށްވެސް ހަލީލް ވިދާޅުވިއެވެ.
ގަޔާނާއަކީ ދެކުނު އެމެރިކާއަށް ނިސްބަތްވާ ޤައުމެކެވެ. ދިވެހިރާއްޖެއިން ގަޔާނާއާއެކު ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ 13 އޭޕްރިލް 1994 ގައެވެ. މިއަހަރު މި ގުޅުމަށް 29 އަހަރު ފުރިގެންދާނެއެވެ.