ކުޅިވަރު

މިސީޒަނުގައި ހުރިހާ ތަށްޓެއް ނުލިބެއްޖެނަމަ އިސްތިޢުފާ ދޭނަން


   މިސީޒަނުގައި މާޒިޔާއަށް ހުރިހާ ތަށްޓެއް ނުލިބެއްޖެ ނަމަ އިސްތިޢުފާދޭނެ ކަމަށް މާޒިޔާގެ ކޯޗް އަލީ ސުޒޭން ބުނެފިއެވެ. ޓީވީއެމްއިން ގެނެސްދިން ކުޅިވަރު ވިންދު ޕްރޮގްރާމްގައި ވާހަކަދައްކަމުން ސުޒޭން ބުނީ ވަރުގަދަ ސްކޮޑެއް އޮވެ މިއަހަރުގެ ފުޓްބޯޅަ ސީޒަނާ ކުރިމަތިލާއިރު، މާޒިޔާއަށް އަހަރުގެ ތިން މުބާރާތް ކާމިޔާބު ނުކުރެވެންވީ ސަބަބެއް ނެތްކަމަށެވެ.



 މިއަހަރަށް މާޒިޔާއިން ކަނޑައަޅާފައިވާ ޓާގެޓަކީވެސް ސީޒަނުގެ ތިން މުބާރާތް ކާމިޔާބުކުރުން ކަމަށްވެސް ސުޒޭން ބުންޏެވެ. ސުޒޭންގެ އިރުޝާދުގެ ދަށުން މާޒިޔާވަނީ މިދިޔަ ސީޒަންގައި ޕްރެޒިޑެންޓް ކަޕް ފުޓްބޯޅަ މުބާރާތް  ކާމިޔާބުކޮށްފައެވެ. ސުޒޭން ބުނީ މާޒިޔާއާ އޭނާ ހަވާލުވީވެސް ގިނަ ކާމިޔާބީތަކެއް އެކްލަބަށް ހޯދަދޭން ކަމަށާއި އެކަން ނުވެއްޖެނަމަ މާޒިޔާއިން ބޭނުންވިޔަސް އޭނާ ޖެހޭނީ މަޤާމުން ވަކިވާން ކަމަށެވެ.

"މިއަހަރު މިކުރިމަތިލަނީ މިސީޒަނުގެ ހުރިހާ ތަށްޓެއް މާޒިޔާއަށް ހޯދަދޭން. މިކަން ނުވެއްޖެ ނަމަ މާޒިޔާއިން ބޭނުން ވިޔަސް އަޅުގަނޑުޖެހޭނީ ދުރަށްދާން" ސުޒޭން ބުންޏެވެ.



ވިކްޓްރީ ސްޕޯޓްސް ކްލަބާއެކު ގިނަ ކާމިޔާބުތަކެއް ހޯދާފައިވާ އަލީ ސުޒޭން މާޒިޔާގެ ކޯޗް ކަމާ ހަވާލުވީ 22 ޖޫން 2014ގައެވެ. ދުވަހު ނޫސް ހަވީރުން ހޮވި މިދިޔަ އަހަރުގެ މޮޅު ކޯޗްގެ އެވޯޑް އުފުލާލި ސުޒޭން ބުނީ މާޒިޔާގައި މިހާރު އޮތް ސްކޮޑަކީ ތަށި ތަކެއް ހޯދޭ ފެންވަރު ހުރި އަދި އަހުލާޤީ ގޮތުން ބެލި ނަމަވެސް ތަފާތު ޓީމެއް ކަމަށެވެ. އަދި އޭނާ އަބަދުވެސް ބޭނުން ވަނީ އަމިއްލަ އެވޯޑަކަށްވުރެ މާޒިޔާއަށް ގިނަ ކާމިޔާބީތަކެއް ހޯދަދޭން ކަމަށް އަލީ ސުޒޭން ބުންޏެވެ.



މުހިންމީ އިންޑިވިޖުއަލް އެވޯޑެއް ނޫން ކަމަށާއި، ކްލަބަށް ތަށްޓެއް ނުވަތަ ތަށި ތަކެއް ހޯދަދެވުން އެއީ ލިބޭ އެންމެ ބޮޑު އުފާކަމުގައި ސުޒޭން ބުންޏެވެ. މީގެ އިތުރުން މާޒިޔާގެ މެނޭޖްމަންޓާ އާއިލާއިން ދޭ އެއްބާރުލުން ސުޒޭން ފާހަގަކުރިއެވެ. މާޒިޔާއަށް މިއަހަރަކީ މުހިންމު އަހަރެއް ކަމަށާއި، ކްލަބަށް 20 އަހަރު ފުރޭ އަހަރުން ކަމުން ބޭނުން ވަނީ ކްލަބުން ކުރާ ސަޕޯޓާ އެއްވަރުގެ ކާމިޔާބީއެއް ހޯދަން ކަމަށްވެސް އަލީ ސުޒޭން ބުންޏެވެ.



މިއަހަރުގެ ސީޒަނާ ސުޒޭން ކުރިމަތިލާއިރު މާޒިޔާގައި ގިނައިން ހިމެނެނީ ޤައުމީ ޓީމަށް ނިސްބަތްވާ ކުޅުންތެރިންނެވެ. އެންމެ ފަހުން އެކުލަވާލި ޤައުމީ ސްކޮޑްގައިވެސް މާޒިޔާގެ 10 ކުޅުންތެރިން ހިމެނެއެވެ. ސުޒޭންގެ އިރުޝާދުގެ ދަށުން މިއަހަރުގެ ސީޒަން ހުޅުވާ މެޗަށް މާޒިޔާ އަންނަ މަހުގެ ހަވަނަ ދުވަހު ނިކުންނާނީ ނިއުރޭޑިއެންޓާ ދެކޮޅަށެވެ.