ހަތް އަހަރަށްފަހު ރާއްޖެއިން އީރާނާއެކު އަލުން ޚާރިޖީ ގުޅުން ގާއިމުކޮށްފިއެވެ.
ދެ ގައުމުގެ ޚާރިޖީ ގުޅުން ޤާއިމްކުރިކަން އިއުލާނުކޮށްފައިވަނީ އދ.ގެ އާންމު ބައްދަލުވުމުގެ ހަވާސާގައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ޚަލީލާއި އީރާނުގެ ފޮރިން މިނިސްޓަރު ޑރ. އާމިރު އަބްދުﷲހީއާން އާއި އެކު ބޭއްވެވި ބައްދަލުވުމުގައެވެ.
ރާއްޖެއިން އީރާނާއި އެކު އަލުން ޚާރިޖީ ގުޅުން ގާއިމުކޮށްފައި މިވަނީ ގުޅުން ކަނޑާލިތާ ހަތް އަހަރު ފަހުންނެވެ.
State Minister Khaleel meets with the Foreign Minister of Iran H.E. Hossein Amir Abdollahian in the margins of UNGA78. During the meeting, Maldives and Iran reaffirmed the decision to restore diplomatic relations. pic.twitter.com/Xdx9EqVn4V
— Ministry of Foreign Affairs ?? (@MoFAmv) September 23, 2023
ފޮރިން މިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، އީރާނާ އެކު އަލުން ގުޅުން ގާއިމުކުރަން ނިންމީ ދެ ގައުމުގެ ރައްޔިތުންގެ އުއްމީދާއި ކުރިއެރުމަށްޓަކައި ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދުގައި އަލުން ގުޅުން ޤާއިމްކުރުމަށްފަހު އިންވެސްޓުމަންޓާއި ވިޔަފާރިއާއި ދަތުރުފަތުރާއި ޓެކްނޮލޮޖީގެ ރޮނގުން ގުޅުން ހަރުދަނާ ކުރުމަށް އެއްބަސްވެފައިވާކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.
ރާއްޖެއިން އިރާނާއެކު ގާއިމުކޮށްފައި އޮތް ގުޅުމަށް 40 އަހަރު ވެފައިވަނިކޮށް، ކުއްލި ގޮތަކަށް އެގުޅުން ކަނޑައިލީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރުގެތެރޭގައެވެ. އެގޮތަށް ނިންމީ ގަލްފު ސަރަހައްދުގެ ސުލްހައަށް އިރާނުން ހުރަސްއަޅަމުންދާތީ ކަމަށް ބުނެއެވެ.
މެދުއިރުމަތީގައި ރާއްޖޭގެ ހާރިޖީ ސިޔާސަތު ކަނޑައެޅުމުގައި ވަރަށް ބޮޑަށް ބަރޯސާވާ، ސައުދީ އަރަބިއްޔާއިން ވެސް އޭރު އޮތީ އިރާނާއެކު ގުޅުން ކަނޑާލައިފައެވެ. ސަޢުދި ޢަރަބިއްޔާއިންވެސް ވަނީ އީރާނާއެކު އަލުން ގުޅުން އިއާދަކޮށްފައެވެ.