ފަރެސްމާތޮޑާއާއި އެއަރޕޯޓް ގުޅާލާ ކޯޒްވޭގެ މަސައްކަތްތައް، ޑިސެމްބަރުމަހަށް ނިންމާ ކޯޒްވޭ ބޭނުންކުރަން ފެށޭނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ބުނެފިއެވެ.
ފަރެސްމާތޮޑާ އެއަރޕޯޓް ހުޅުވާ ޚިދުމަތް ފެށީ މިއަހަރުގެ މަރިޗްމަހުގެ 15 ވަނަ ދުވަހުއެވެ. މި އެއަރޕޯޓް ތަރައްޤީކޮށްފައިވަނީ ފަރެސްމާތޮޑާ ފަޅުގައި ހިމެނޭ ކުދި ރަށްތަކެއް ހިއްކައިގެންނެވެ. އެއަރޕޯޓު ރަށާ ވަކި އޮތުމުން، އެއަރޕޯޓަށް ދަތުރުކުރުމަށް ދާއިމީ ޙައްލެއްގެ ގޮތުގޮތުން، ފަރެސްމާތޮޑާއާއި އެއަރޕޯޓް ގުޅާލުމަށް ކޯޒްވޭއެއް އެޅުމުގެ މަސައްކަތް އެމްޓިސީސީން އަންނަނީ ކުރަމުންނެވެ.
ރަށުގެ ރައްޔިތުން އެއަރޕޯޓަށް ދަތުރުކުރުމަށް ވަގުތީގޮތުން ބޭނުންކުރަމުން އަންނަނީ ވެލިއަޅައިގެން ހަދާފައިވާ އޮތް ކޯޒްވޭއެވެ. ނަމަވެސް މި ކޯޒްވޭއަށް ރާޅު އަރާ، މިދިޔަ ހަފްތާގައި ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މިއާއި ގުޅިގެން އެމްޓީސީސީން ބުނީ، ގެއްލުން ލިބުނު ސަރަޙައްދު ރަނގަޅުކޮށް ބޭނުންކުރެވޭގޮތް ހަދާފައިވާކަމަށެވެ.
ދާއިމީ ޙައްލެއްގެ ގޮތުން، ޒަމާނީ ފެންވަރަށް ކޯޒްވޭ ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މި މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. މި ކޯޒްވޭގެ ދިގުމިނުގައި 90 މީޓަރު އަދި ފުޅާމިނުގައި 10.3 މިޓަރު ހުންނާނެއެވެ. މީގެއިތުރުން ކޯޒްވޭ ޙިމާޔަތްކުރުމަށް 115 މީޓަރުގެ ރިވެޓްމަންޓް ޖަހާނެއެވެ.
އެމްޓީސީސީން ބުނީ، ދާއިމީ ކޯޒްވޭގެ ހުރިހާ މަސައްކަތްތައް ނޮވެމްބަރު މަަހަށް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ޑިސެމްބަރު މަހުގެ ތެރޭގައި ކޯޒްވޭ ބޭނުންކުރަން ފެށޭނެކަމަށް އެމްޓީސީސީން ބުންޏެވެ.
މި ޕްރޮޖެކްޓްގެ ތެރޭގައި ކޯޒްވޭގެ އިތުރުން، އެއަރޕޯޓަށް ދަތުރުކުރާ މައި މަގުގައި ތާރު އަޅާ ތަރައްޤީކުރުންވެސް ހިމެނެއެވެ. މިއީ 292 މީޓަރުގެ މަގުގެ ސަރަޙައްދެވެ. ކޯޒްވޭގެ މަސައްކަތް ނިމުމާއެކު، އެމަގު ތަރައްޤީކުރަން ފަށާނެކަމަށް އެމްޓީސީސީން ބުންޏެވެ.
ފަރެސްމާތޮޑާ އެއަރޕޯޓަކީ އެންމެ ފަހުން ހުޅުވި އެއަރޕޯޓެވެ. މި އެއަރޕޯޓް ތަރައްޤީކޮށްފައިވަނީ އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެންނެވެ.
ފަރެސްމާތޮޑާ އެއަރޕޯޓަކީ އެރަށުގެ ފަޅުތެރޭގައި ހުރި ރަށްތައް ހިމެނޭހެން 19 ހެކްޓަރުގެ ބިން ހިއްކައިގެން ތަރައްޤީކުރި އެއަރޕޯޓެކެވެ. 1200 މީޓަރުގެ ރަންވޭއެއް އޮންނަ މި އެއަރޕޯޓަކީ 144.8 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ތަރައްޤީކޮށްފައިވާ އެއަރޕޯޓެކެވެ.