ޚަބަރު

ކޮންޓެއިނަރ ބޯޓުގައި އައްޑޫއަށް މުދާ އުފުލުމަށް އެމްއެސްއެސްއިން ތައްޔާރުވެއްޖެ


  • ދަތުރުތައް އަންނަ ހަފްތާގައި ފެށިގެންދާނެ

  • މިހާރުވެސް އޯޑަރުތައް ލިބިފައި ހުރީ

  • ކުރިމަގުގައި އިތުރު މަންޒިލްތަކަށް ދަތުރުކުރާނެ

އައްޑޫ ސިޓީއަށް ބައިނަލްއަޤްވާމީ ބަނދަރުތަކުން މުދާ އެތެރެކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން، މޯލްޑިވްސް ސްޓޭޓް ޝިޕިން ކޮމްޕެނީ، އެމްއެސްއެސް އިން ގަތް ކޮންޓެއިނަރ އުފުލާ ބޯޓު ރާއްޖެ ގެނެސްފިއެވެ.

އެމްއެސްއެސް އޯޕަލްގެ ނަމުން ނަންދީފައިވާ މިބޯޓަކީ 20 ރީފާ ކޮންޓެއިނަރު ހިމެނޭހެން ޖުމްލަ 106 ކޮންޓެއިނަރު އުފުލޭ، ބޯޓުގައި ކްރޭން ހަރުކުރެވިފައިވާ އުޅަނދެކެވެ. އޭގެ އިތުރުން ސިމެންތި އާއި ވެލި ފަދަ ސާމާނު އުފުލަން ދެ ފަލްކާވެސް މި ބޯޓުގައި ހުންނާނެއެވެ. މި ބޯޓުގެ ދިގުމިނުގައި 67.2 މީޓަރު ހުރެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްއެސްއެސްގެ މެނޭޖިންގ ޑިރެކްޓަރ ކެޕްޓަން މުޙައްމަދު ނާޒިމް ވިދާޅުވީ މާލޭ ކޮމާޝަލް ބަނދަރަށް ބޭރު ޤައުމުތަކުން ގެންނަ މުދާތަކުން އައްޑޫއަށް ގެންދިޔުމަށް މި ދަތުރުތަކާއެކު މަގުފަހިވެގެންދާނެ ކަމަށެވެ. އަދި ދަތުރުތައް އަންނަ ހަފްތާގައި ފެށުމަށް ހަމަޖެހިފައިވާއިރު މިހާރުވެސް އައްޑޫއިން އޯޑަރުތައް ލިބިފައިވާކަން ނާޒިމް ފާހަގަކުރެއްވިއެވެ.

"މިވަގުތުވެސް އަޅުގަނޑުމެންނަށް ކާގޯ ލިބިފަ އެބަހުރި، ހަމަ އިމީޑީއޭޓްކޮށް ވޮޔެޖަސް ސްޓާޓުކުރެވޭނެ، އައްޑޫގެ ވިޔަފާރިވެރިންނަށް ވަރަށް ބޮޑު ފުރުސަތެއް މި ހުޅުވުނީ، ކުރިން 30 ހާސް 40 ހާސް ދީގެން ގެންދާ ކޮންޓެއިނާ ކުޑަކުޑަ އަގެއްގައި އައްޑޫއާ ހަމައަށް ފޯރުކޮށްދެވޭނެ،" ނާޒިމް ވިދާޅުވިއެވެ.

މި ބޯޓު ދަތުރުކުރާނީ މާލެ، ހިތަދޫ، ކޫއްޑޫ އަދި މާލެ ރޫޓުންނެވެ. ނާޒިމް ވިދާޅުވީ، މި ރޫޓުގެ ކާމިޔާބީއަށް ބަލާފައި ކުރިމަގުގައި ކުޅުދުފުއްޓަށްވެސް ދަތުރުތައް ކުރުމަށް ޕްލޭންކޮށްފައިވާ ކަމަށެވެ.

"ކުޅުދުފުއްޓާއި އާއްޑޫ އާއި މިފްކޯގެ ފެލިވަރު ބަނދަރުތައް ފަދަ ތަންތަނަށް ރެގިއުލާ ސާވިސްއެއް ދޭނެ ވިސްނާފައި އޮތީ" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ކުރިއަށްއޮތްތާނގައި ވިޔާފާރިވެރިން މާލެއިން މުދާ ގަނެގެންވެސް އައްޑޫއަށް ކޮންޓެއިނަރުގައި ގެންދިޔުމުގެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށެވެ.

އެމްއެސްއެސްއިން 2020 ވަނަ އަހަރުގެ އޮކްޓޯބަރ މަހުވެސް ވަނީ އިންޑިއާގެ ޓުޓްކޮރިންއިން އައްޑޫ ސިޓީއަށް ދަތުރު ކޮށްފައެވެ. ނަމަވެސް މިދިޔަ އަހަރުގެ މާރޗު މަހުގެ ތެރޭގައި އެ ކުންފުނިން ވަނީ މި ދަތުރުތައް ހުއްޓާލައިފައެވެ. ސަބަބެއްކަމަށް އެއިރު ބުނީ އެ ސަރަޙައްދުގައި ބޭނުންކުރަމުން ދިޔަ ބޯޓާއި އެކަށީގެންވާ ވަރަށް މުދާ ނުލިބުމެވެ.