އަހަރުގެ މިހާތަނަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 23.9 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ އެންމެ ފަހުގެ ވީކްލީ ފިސްކަލް ރިޕޯޓުގައިވާގޮތުން މިމަހުގެ 21ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާއްމަދަނީގެގޮތުގައި 23.9 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި އާމްދަނީގެ ގޮތުގައި ލިބިފައިވަނީ، 20.9 ބިލިއަން ރުފިޔާއެވެ.
ރިޕޯޓުގައިވާގޮތުން އާމްދަނީގެ ގޮތުގައި ހިމެނެނީ، ޓެކްސް އާމްދަނީގެ ގޮތުގައި ލިބިފައިވާ 17.8 ބިލިއަން ރުފިޔާއާއި، ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބިފައިވާ 5.6 ބިލިއަން ރުފިޔާއާއި، އެހީގެ ގޮތުގައި ލިބުނު 351 މިލިއަން ރުފިޔާއެވެ.
ޓެކްސް ޢާމްދަނީގެ ތެރޭގައި ހިމެނެނީ މައިގަނޑު ގޮތެއްގައި އިމްޕޯޓު ޑިއުޓީއާއި، ބިޒްނަސް އެންޑު ޕްރޮޕަރޓީ ޓެކްސް، ބީޕީޓީ އާއި، ޖީއެސްޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީއެވެ.
- އިމްޕޯޓް ޑިއުޓީން 2.2 ބިލިޔަން ރުފިޔާ
- ބީޕީޓީގެ ގޮތުގައި 4.8 ބިލިއަން ރުފިޔާ
- ޖީއެސްޓީގެ ގޮތުގައި 9.2 ބިލިއަން ރުފިޔާ
- ގްރީން ޓެކްސްގެ ގޮތުގައި 709 މިލިއަން ރުފިޔާ
- އެއަރޕޯޓް ސަރވިސް ޗާޖް އަދި ޑިޕާޗަރ ޓެކްސްގެ 703 މިލިއަން ރުފިޔާ
ސެޕްޓެމްބަރ 21 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ޚަރަދުތައް ހިނގާފައިވާ ގޮތުގެ ތަފްސީލަށް ބަލާއިރު، ޖުމްލަ ޚަރަދު އުޅެނީ 32.1 ބިލިއަން ރުފިޔާގައެވެ. އޭގެތެރޭގައި ހިމެނެނީ ރިކަރަންޓް ޚަރަދަށް ހިނގި 21.7 ބިލިއަން ރުފިޔާއާއި، ކެޕިޓަލް ޚަރަދަށް ހިނގި 10.3ބިލިއަން ރުފިޔާއެވެ. ރިކަރަންޓް ޚަރަދުގެ ގޮތުގައި ހިމެނޭ 21.7 ބިލިއަން ރުފިޔާގެ ތެރޭގައި ހިމެނެނީ މުސާރައާއި އިނާޔަތަށް ޚަރަދުކޮށްފައިވާ 7.9 ބިލިއަން ރުފިޔާއާއި، އިދާރީ ހިންގުމަށް ހިނގާފައިވާ 13.4 ބިލިއަން ރުފިޔާއެވެ.
ކެޕިޓަލް ޚަރަދުގެ ތެރޭގައި ހިމެނޭ 10.3 ބިލިއަން ރުފިޔާއަކީ މައިގަނޑު ގޮތެއްގައި ތަރައްޤީގެ މަސައްކަތްތަކަށް ހިނގާފައިވާ ޚަރަދެވެ.