ސީމަނުންނަށް ސީފެއަރަރޒް އައިޑެންޓިޓީ ޑޮކިއުމަންޓް ގޮތުގައި ޕާސްޕޯޓު ކާޑުގެ ހާއްސަ ކާޑެއް ދޫކުރަން ފަށައިފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ މި ކާޑަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް މިއަދުން ފެށިގެން ކާޑު ދޫކުރަމުންދާނެ ކަމަށެވެ. މީގެކުރިން ބޭރަށް ދަތުރުކުރާ ކަނޑުބޯޓުތަކުގައި މަސައްކަތްކުރާ ދިވެހިން ބޭނުންކުރަމުން އައިސްވަނީ "ސީމަން ބުކް" އެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ އިންޓަރނޭޝަނަލް ލޭބަރ އޮގަނައިޒޭޝަންގެ 2016 ވަނަ އެމެންޑްމެންޓްގައި ފާހަގަކޮށްފައިވާ މިންގަނޑުތަކުގެ މައްޗަށް ބިނާކޮށް ހަދަންޖެހޭ ސީފެއަރަރޒް އައިޑެންޓިޓީ ޑޮކިއުމަންޓަށް ބޭނުންވާ ޙާއްސަ މަޢުލޫމާތު ހިމަނައި މިއަދުން ފެށިގެން ރާއްޖޭގެ ސީމަނުންނަށް ސީފެއަރަރޒް އައިޑެންޓިޓީ ޑޮކިއުމަންޓް ގޮތުގައި ޕާސްޕޯޓު ކާޑުގެ ހާއްސަ ކާޑެއް ދޫކުރަން ފަށާފައިވާ ކަމަށެވެ.
މި ކާޑު ދޫކުރުމާއި ގުޅޭގޮތުން އިމިގްރޭޝަން ކޮންޓްރޯލަރ ޖެނެރަލް މުޙައްމަދު އަޙްމަދު ހުސައިން ވިދާޅުވީ މި ޑޮކިއުމަންޓްގެ ސަބަބުން ބޭރު ދަތުރުކުރާ ކަނޑުބޯޓުތަކުގައި މަސައްކަތްކުރާ ދިވެހިންނަށް ކުރިން ކުރިމަތިވި ގިނަ ގޮންޖެހުންތަކަކަށް ލުއި ލިބިގެންދާނެ ކަމަށެވެ. އަދި ކުރިމަގުގައިވެސް މިދާއިރާއިން ގިނަ ކުރިއެރުންތަކެއް ހޯދައިދިނުމަށް އިމިގްރޭޝަނުން މަސައްކަތްކުރައްވާނެ ކަމަށް މުހައްމަދުވަނީ ވިދާޅުވެފައެވެ.
On this World Maritime Day, we are delighted to announce this momentous development. We are proud to introduce the Seafarers Identity Document, a pivotal milestone for Maldivian seafarers who have encountered significant challenges without this vital credential. This document…
— Mohamed (Hanafy) ?? (@hanafymv) September 27, 2023
ސީފެއަރަރޒް އައިޑެންޓިޓީ ޑޮކިއުމަންޓް އިމިގްރޭޝަނުން ދޫކުރާނީ މުއްދަތު ހަމަނުވާ ޕާސްޕޯޓެއް އޮތްނަމައެވެ.
މިކާޑަށް އެދި ހުށަހެޅޭނީ 'މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން' މެދުވެރިކޮށެވެ. އަދި ކާޑު ދޫކުރާނީ މޯލްޑިވްސް އިމިގްރޭޝަން، ވެލާނާގޭ 1 ވަނަ ފަންގިފިލާގައި ހުންނަ ޕާސްޕޯޓް ސެކްޝަނުންނެވެ. އެގޮތުން، ކާޑާއި ހަވާލުވުމަށް ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ހަވީރު 5:00 އަށް 'ކިއުބީ' މެދުވެރިކޮށް ނަންބަރު ނެގޭނެ ކަމަށް އިމިގްރޭޝަނުން ހާމަކުރެއެވެ.