ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ކަށަވަރުކޮށްދިނުމަށް އުމްރާނީ ތަރައްޤީއަށް ގެނެވުނު އިންޤިލާބީ ކުރިއެރުންތަކާއެކު، ދެން އުފެދޭ އެމްޑީޕީގެ ސަރުކާރަކުން ފަށާނީ ތަރައްޤީގެ މުޅިން އައު ދަތުރެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރެއިން މިރޭ ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ އަަސާސީ ކަންކަމާއި ތަރައްޤީއާއި ކުރިއެރުން ގެނެސްދިނުމުގައި ކާމިޔާބީތަކެއް ހާސިލުކޮށްފައިވާކަމަށެވެ.
ރައީސް ސާލިހު ވިދާޅުވީ 2018 ވަނަ އަހަރު ވެރިކަމާއި ހަވާލުވުމަށްފަހު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތަކުގެ ބޮޑު ބައެއް ފުއްދި، ސަރުކާރުން ބޭނުންވާ އަމާޒަށް ވާސިލުވަމުންދާކަމަށެވެ.
ތަރައްޤީގެ ރޮނގުން ބޮޑެތި ކުރިއެރުންތަކެއް ހޯއްދަވައިދެއްވުނުކަން ފާހަގަކުރައްވަމުން ރައީސް ސާލިހު ވިދާޅުވީ ފެނާއި ނަރުދަމާއާއި، ލަފާފުރުމުގެ ދަތިކަން ޙައްލުކޮށްދިނުމާއި، ކަރަންޓުގެ މައްސަލަ ޙައްލުކުރުމާއި، ސިއްޙީ ދާއިރާއާއި އަދި ސްކޫލްތަކަށް ބޭނުންވާ ޖާގަ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ. މީގެ އިތުރުން ރަށްރަށުގެ ބިމުގެ މައްސަލަ ޙައްލުކުރުމަށް، ބިން ހިއްކުމުގެ އެތައް މަޝްރޫޢުއެއްވެސް އެކުގައި ފެށުނުކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ އުމްރާނީ ތަރައްޤީން ހޯދުނު އިންޤިލާބީ ކުރިއެރުންތަކަކީ މީގެކުރީގެ އެއްވެސް ސަރުކާރަކަށް ހޯދުނު ކުރިއެރުންތަކެއް ނޫންކަމަށެވެ.
"140އަށްވުރެ ގިނަ ރަށުގައި ފެނާ ނަރުދަމާ ޤާއިމުކޮށްފިން. ޖެނެރޭޓަރު ސެޓް ގެންދިއުމާއި އިންޖީނުގެ އެޅުމާއި ނެޓްވޯ އަޕްގްރޭޑްކުރުން 150އަށްވުރެ ގިނަ ރަށުގައި ކުރިއަށްގެންގޮސްފިން. 125 ރަށުގެ ބަނދަރު، 127 ރަށަށް އެމްބިއުލާންސް، 1200 ކްލާސްރޫމް، 80 މަލްޓި ޕަރޕަސް ހޯލު ހަދައިފިން. މިހާރުވެސް 20 ރަށަކަން ބިން އިތުރުކުރުން ކުރިއަށްދޭ." ރައީސްވަނީ ވިދާޅުވެފައެވެ.
ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން ކުރަމުންދާ މަސައްކަތަށް އަލިއަޅުއްވާލައްވަމުން ރައީސް ސާލިހު ވިދާޅުވީ މީގެ ކުރީގައި، މާލޭގެ ރައްޔިތުންނަށް ގޯއްޗެއް ދޭން ކެރުނު ސަރުކާރެއް ނެތްކަމަށެވެ. ނަމަވެސް މާލެ ސަރަހައްދުން ގޯތި ދޭން ރައްޔިތުންނަށް ވައުދުވެ، އެ ވައުދު ފުއްދައިދެއްވީ އެމްޑީޕީގެ ސަރުކާރުންކަމަށް ރައީސް ވިދާޅުވިއެވެ. އަދި މާލެ ސަރަހައްދުން ގޯތި ދޭން މިހާރު ނިންމާފައިވާ ފަރާތްތަކަށް ނޮވެމްބަރު 5ގެ ކުރިން ބިން ކަނޑާ ގޯތި ދޭނެކަމުގެ ޔަގީންކަން ދެއްވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުރީގެ ސަރުކާރުތަކުގައި ހިންގަން ފެށި ހައުސިން މަޝްރޫޢުތަކުން ރައްޔިތުންނަށް ކުރިމަތިވީ އެތައް ގެއްލުމެއްކަމަށެވެ. ގުޅީފަޅުން ފްލެޓް ގަތް މީހުންނަށް އެއްވެސް ގޮތެއް ހޯދައިދީފައި ނުވާއިރު، އެނޫން އެހެން މަޝްރޫޢުތަކަށްވެސް ރައްޔިތުން އަތުން ފައިސާ ނެގުމަށްފަހު ރައްޔިތުންނަށް ފުރިހަމަކޮށްދޭންޖެހޭ ކަންކަން ފުރިހަމަކޮށްފައިނުވާކަމަށެވެ.
ރައީސް ވިދާޅުވީ ކުރީ ސަރުކާރުން ކޮށްފައިވާ މިފަދަ ކަންކަމުގެ ސަބަބުން އޭގެ ގެއްލުން ރައްޔިތުންނަށާއި ކުންފުނިތަކަށް މި ސަރުކާރުން ދޭންޖެހުނުކަމަށެވެ. ނަމަވެސް އެކަމުގައި ރައްޔިތުންނަށް ގެއްލުން ނުވާނެހެން މާލީ ގޮތުން ދިމާވި މައްސަލަތައް ހައްލުކޮށްދީ، ބޯހިޔާވަހިކަންވެސް އެހެން މަޝްރޫޢުތަކުން ހޯއްދަވައިދެއްވާފައިވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.