ޚަބަރު

ޖަވާބުދާރީ ނުވެވޭވަރުގެ ކަމެއް ކޮށްފައި ނުވާނެ، ދިރިއުޅޭނީ ރާއްޖޭގައި: ރައީސް


  • މިއީ އިންތިޚާބަށްފަހު ބޭއްވެވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުން

  • މަސައްކަތްކުރެއްވީ ޤާނޫނީ އިމުގެ ތެރެއިން

  • ޤާނޫނީގޮތުން ހާމަކުރަންޖެހޭ ހުރިހާ ކަމެއްވަނީ ހާމަކޮށްފައި

ވެރިކަމުގައި ހުންނަވައިގެން ޖަވާބުދާރީ ނުވެވޭވަރުގެ އެއްވެސް ކަމެއް ކުރައްވާފައި ނުވާނެކަމަށާއި، ރާއްޖެ ދޫކުރައްވާ ވަޑައިގަންނަވަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޙާބުން ލިބިވަޑަައިގެން ނާކާމިޔާބީއަށްފަހު ފުރަތަމަ ފަހަރަށް ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ ވެރިކަމުގައި ހުންނަވައިގެން ކުރެއްވި ހުރިހާ މަސައްކަތްތަކެއްވެސް ކުރެއްވީ ޤާނޫނީ އިމުގެ ތެރެއިންކަމަށެވެ. ޤާނޫނީ އިމުން ބޭރުން އެއްވެސް ކަމެއް ނުކުރައްވާކަމުގެ ޔަޤީންކަން ދެއްވަމުން ރައީސް ވިދާޅުވީ، އައްވެސް ކަމަކާއި ޖަވާބުދާރީވެވަޑައިގަންނަވަން ޖެހިއްޖެނަމަ އެކަމަށް ތައްޔާރަށް ހުންނެވިކަމަށެވެ.

"މިހިރީ ތައްޔާރަށް އެއިން ކޮންމެ ކަމަކަށް ޖަވާބުދާރީވާން، އަޅުގަނޑާ ދޭތެރޭ މައްސަލައެއް ޖެއްސޭވަރު އެއްވެސް ކަމެއް ނޯންނާނެ، ވަރަށް ސާފުކޮށް މި ދެންނެވީ، އެ ހުރިހާ ކަމަކާއި ކުރިމަތިލެވޭނެ. އެއްވެސް ކަހަލަ ކަންބޮޑުވުމެއް އަޅުގަނޑުގެ ނެތް،" ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވެރިކަމުގެ ތެރޭގައި ހިނގާދިޔަ ބައެއް ކަންކަމާއި ގުޅޭގޮތުން ބައެއް ފަރާތްތަކުން އެކިި ތުހުމަތުތައް ކުރެއްވިކަމަށެވެ. އެގޮތުން ކަނޑުގެ މައްސަލާއާއި، އިންޑިއާގެ ސިފައިންގެ މައްސަލައާއި، ބައެއް އެއްބަސްވުންތަކާއި މެދު ސުވާލުތައް އުފެއްދި ކަމަށާއި، ނަމަވެސް އެކަމުގައިވެސް ޤާނޫނީ އިމުގެ ބޭރުން ކުރެއްވި އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން ވެފައިވާ އެއްބެސްވުންތަކަކީ ކުރީގެ ސަރުކާރުތަކުން ފެށިގެން ވާރުތަވެފައިވާ އެއްބަސްވުންތަކެއް ކަމަށާއި، ޤާނޫނީ ގޮތުން ހާމަކުރަންޖެހޭ ހުރިހާ ކަމެއް ހާމަކޮށްފައިވާކަމަށެވެ. އަދި އެލިޔެކިޔުންތައް ސަރުކާރުގެ އިދާރާތަކުގައި ދެން އަންނަ ވެރިކަމަކަށް ފެންނަން ހުންނާނޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އޭގައި ފޮރުވާފައި އެއްވެސް ކަމެއް ނޯންނާނެ، ނޮވެމްބަރު 17ގެ ފަހުން އެންމެ ލަސްވެގެން، ދެން އަންނަ ސަރުކާރަކަށް ފެންނާނެ، އެ ސަރުކާރަށް އޮންނާނެ އެއަށް ފިޔަވަޅު އެޅެން،" ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިންތިޚާބަށްފަހު އެމަނިކުފާނު ރާއްޖެ ދޫކުރައްވާ ފުރައިގެން ގޮސްދާނެކަމަށް ބައެއް ފަރާތްތަކުން ގަބޫލުކުރާކަމަށެވެ. ނަމަވެސް އެއީ ކުރައްވާނެ ކަމެއް ނޫންކަމަށާއި ފިލައިގެން ރާއްޖެއިން ބޭރުގައި ދިރިއުޅެން ޖެހޭވަރުގެ ކަމެއްވެސް ކުރައްވާފައިނުވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

"ރާއްޖެ ދޫކޮށް ދާން ޖެހޭ އެއްވެސް ސަަބަބެއް ނެތް، ދިރިއުޅޭނީ ރާއްޖޭގައި، އަދި އުފަން ރަށުގައި މާލޭގައި، ރާއްޖެއިން ބޭރަށް މީހުން ދަތުުރުކުރޭ، ބައެއް ފަހަރު ރާއްޖެއިން ބޭރަށް ދަތުރެއްކޮށްލާނަން،" ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރައްޔިތުންގެ ހެވާއި ލާބަޔަށް ފަށާފައިވާ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށްޓަކައި އައު ސަރުކާރާއި އެކު މަޝްވަރާކުރައްވާނެ ކަމަށެވެ. އެގޮތުން ރައީސް ވަނީ އަލަށް އުފެދޭ ސަރުކާރުގައި ދެކަމަކަށް އެދިވަޑައިގެންފައެވެ.

"އެއް ކަމަކީ ހެޔޮ ވެރިކަމެއް ކޮށްދިނުން، އަނެއް ކަމަކީ ޤައުމުގެ ތަރައްޤީއަށް ފަށާފައިވާ މަޝްރޫޢުތައް ކުރިއަށް ގެންދިޔުން، އެއީ އަޅުގަނޑު އެދޭ އެދުމެއް މި ސަރުކާރުގެ ފަރާތުން" ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބަށްފަހު ސަރުކާރު ބަދަލުވުމުގެ މަރުހަލާގެ ކަންކަން ކުރިއަށް ގެންދިއުމަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ