ޚަބަރު

މޫސުން ވަރަށް ގޯސް، ރަށްރަށުގައި ފެންބޮޑުވެދާނެ: މެޓުު


  • ހއ.އިން ދ.އަށް ވަނީ އެލާޓު ނ ެރެފަ

  • އެންމެ ގިނައިން ވާރޭ ވެހުނީ ފުނަދުއަށް

  • ފުނަދޫއަށްވަނީ 87.5 މިލިމީޓަރުގެ ވާރޭ ވެހިފައި

  • ހަނިމާދޫއަށްވަނީ 48.4 މިލިމީޓަރުގެ ވާރޭ ވެހިފައި

  • އުތުރަށް މިހާރުވެސް އޮތީ ހުރު ސަމާލް ނެރެފައި

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސުން ވުމުން، އެކަމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައިފިއެވެ. ރާއްޖޭގެ އުތުރާއި މެދުރާއްޖެއަށް މިދިޔަ އާދިއްތަދުވަހުން ފެށިގެންދަނީ ވިއްސާރަކުރަމުންނެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ވޭތުވެދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ށ.ފުނަދޫއަށްކަމަށެވެ. އެގޮތުން އިއްޔެގެ ހެނދުނު 8އިން މިއަދު ހެނދުނު 8އަކަށް ފުނަދުއަށްވަނީ 87.5 މިލިމީޓަރުގެ ވާރޭ ވެހިފައެވެ. ދެން އެންމެ ގިނައިން ވާރޭ ވެހުނީ ހދ. ހަނިމާދޫއަށެވެ. އެގޮތުން 24ގަޑި އިރުތެރޭ ހަނިމާދޫއަށްވަނީ 48.4 މިލިމީޓަރުގެ ވާރޭ ވެހިފައެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، އުތުރާއި މެދު ރާއްޖެއަށްތެރެއަށް މިއަދުވެސް މޫސުން ގޯސްކަމަށެވެ. އެގޮތުން ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ހަމައަށް ވަނީ ހުދު ސަމާލު ނެރެފައެވެ. އެ އެލާޓު ނެރެފައިވަނީ މެންދުރުފަހު 1 ޖެހުމާއި ހަމައަށެވެ.


މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ އެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހުމާއި އެކު ގުގުރާނެކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ރާއްޖޭގެ ބޮޑު ބަޔަކަށް މިހާރު ކުރަމުންމިދާ ވިއްސާރަ އަލިކުރާނެކަމަށް ލަފާކުރެވެނީ އަންނަ ހުކުރު ދުވަހުންފެށިގެންކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހާމަކުރައްވައެވެ. އަދި ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭތީ ފެންބޮޑުވުން ފަދަ ހާދިސާތަކަށް ރައްޔިތުން ސަމާލުވުމަށް އެ އިދާރާއިން އިލްތިމާސްކުރައްވައެވެ.

މިހާރުކުރަމުންމިދާ ވިއްސާރައާއި ގުޅިގެން ފުލުހުންވެސް ވަނީ އެއްގަމު އުޅަނދު ދުއްވުމުގައާއި ކަނޑު ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެދިވަޑައިގެންފައެވެ. އެގޮތުން އެއްގަމު އުޅަނދު ދުއްވާއިރު، ވަޔާއެކު ހަލާކު ނުވާނެ ވިއްސާރަ ކޯޓެއް ބޭނުންކުރުމާއި، ވައިގަދަ ވަގުތުތަކުގައި ކޮންޓްރޯލްކުރެވޭ މިންގަނޑެއްގައި ސައިކަލްގެ ސްޕީޑް ހިފެހެއްޓުން ހިމެނެއެވެ.

އަދި ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތަކުގެތެރޭގައި، އުޅަނދަށް އެކަށީގެންވާ ވަރަށްވުރެ އިތުރަށް މީހުންނާއި މުދާ ނޭރުވުމާއި، ސަލާމަތީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަވެފައިވޭތޯ ޔަޤީންކުރުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.