އިންޑިއަން އޯޝަން ކަނެކްޓް މޯލްޑިވްސް، އައިއޭއެކްސް ސަބްމެރިން ކޭބަލްގެ ޓެސްޓިން މަރުހަލާ އަންނަ ޑިސެމްބަރުމަހުގެ ތެރޭގައި ފަށާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އިންޑިޔާ އޭޝިޔާ އެކްސްޕްރެސް ސަބްމެރިން ކޭބަލް ރަސްމީކޮށް ދިވެހިރާއްޖެއާ ގުޅާލާފައިވަނީ މިދިޔަ އޮގަސްޓް މަހުގެތެރޭގައެވެ. މިއީ ރާއްޖޭގައި އިންޓަރނެޓްގެ ޚިދުމަތް އަގުހެޔޮކޮށް, ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
މި މަޝްރޫޢާއި ގުޅޭ އެންމެ ފަހުގެ ތަފްސީލްތައް ހިއްސާކުރައްވަމުން އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ރިޔާޟް މަންސޫރު ވިދާޅުވީ ޑިސެމްބަރު މެދުތެރޭގައި ސަބްމެރިން ކޭބަލްގެ ޓެސްޓިން މަރުހަލާ ފަށްޓަވާނެކަމަށެވެ. އަދި އެ މަސައްކަތްތައް ތިން މަހެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށްވެސް ރިޔާޟް ވިދާޅުވިއެވެ.
" 2-3 މަންތްސް ނަގާނެ ކަމަށް، މިހާރުގެ އެކްސްޕެކްޓޭޝަން އަކީ އަންނަ މާރޗުމަހުތެރޭ ސަރވިސިންގ ފެށިގެންދާނެ ކަމަށް ބެލެވެނީ، އެހެން ނަމަވެސް ތާރީޙުތަކަށް ކުޑަ ބަދަލެއް އައުން އެކަށީގެންވޭ،" ރިޔާޒް ވިދާޅޫވިއެވެ.
އޯ.ސީ.އެމް-އައި.އޭ.އެކްސް ސަބްމެރިން ކޭބަލް ސިސްޓަމާއި ރާއްޖެ ގުޅައިލުމުގެ މި މަޝްރޫޢަކީ ޓެކްނޮލޮޖީ ދާއިރާއިން ރާއްޖެ އައު ހަރުފަތަކަށް ގެންގޮސްދީ، ރާއްޖެއަށް އިޖުތިމާޢީ އަދި އިޤްތިޞާދީ ދާއިރާއިން ނަފާހޯދާނެ މަގުފަހިކޮށްދިނުމާއި އަދި ރާއްޖޭގެ ޑިޖިޓަލް ލޭންޑް ސްކޭޕަށް އީޖާދީ ބަދަލެއް ގެނައުމުގެ މަޤްޞަދުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ އިސްނެގުމުގެ ދަށުން ހިންގާ މަޝްރޫޢުއެކެވެ.
މި މަޝްރޫޢުގެ ދަށުން ކުރިޔަށް އޮތް 25 އަހަރަށް ރާއްޖޭގެ ބޭނުންތައް ފުދޭ ދުވެލީގައި އިންޓަނެޓާއި ޑޭޓާ ޓްރަންފަރ ސްޕީޑް ލިބިގެންދާނެއެވެ. މި ކޭބަލް ސިސްޓަމާއެކު ދިވެހިރާއްޖެ އިންޑިއާ އާއި ޔޫރަޕާއި އިރުދެކުނު ޤައުމުތަކާއި ގުޅައިލެވޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
އޯސީއެމްއަކީ ސަރުކާރުގެ %100 ހިއްސާ އޮންނަ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަންގެ ސަބްސިޑަރީ ކުންފުންޏެކެވެ. ސަރުކާރުން ރާއްޖޭގައި އަޅާ ފުރަތަމަ ސަބްމެރިން ކޭބަލްގެ މަސައްކަތް ހަވާލުކޮށްފައިވަނީ އިންޑިއާގެ ބިލިއަނަރު މުކޭޝް އަންބާނީގެ ރިލަޔަންސް ޖިއޯ ކުންފުންޏާއެވެ.