ޚަބަރު

ފެރިދޫ ކައުންސިލުން އެރަށުގެ ހުރިހާ ގެއެއްގައި ވޯޓަރ ޕިއުރިފަޔަރ ހަރުކޮށްދެނީ


  • ޕިއުރިފަޔަރ ހަރުކޮށްދެނީ މީހުން ދިރިއުޅޭ ގޭގައި

  • 100 ޕިއުރިފަޔަރ ހޯދުމަށް ވަނީ އިޢުލާންކޮށްފައި

  • ކުރިއަން އޮތް 3 މަސްތެރޭ ހަރުކޮށް ނިމޭނެ

އއ. ފެރިދޫގެ ހުރިހާ ގެއެއްގައި ވޯޓަރ ޕިއުރިފަޔަރ ހަރުކޮށްދޭން އެރަށު ކައުންސިލުން ނިންމަވައިފިއެވެ.

ފެރިދޫ ކައުންސިލުން ވިދާޅުވީ، އެރަށުގެ ގޭބީސީތަކުގައި ކައުންސިލުގެ ޚަރަދުގައި ވޯޓަރ ޕައުރިފަޔަރ ހަރުކޮށްދީ، ރަށުގެ ރައްޔިތުން ބުއިމަށް ބޭނުންކުރާ ފެނަކީ މި ސިސްޓަމްއިން ސާފުކޮށްފައިވާ ފެނަށް ހެދުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށެވެ.

އެގޮތުން ފެރިދޫ ކައުންސިލުން ވަނީ 100 ވޯޓަރ ޕިއުރިފަޔަރ ފޯރުކޮށްދީ އެރަށުގެ ގޭބީސީތަކުގައި ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފައެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ފެރިދޫ ކައުންސިލުގެ ރައީސް އިސްމާއިލް ޝާޙް ވިދާޅުވީ މި މަޝްރޫޢު ކުރިއަށްގެންދިޔުމަށް ބައި މިލިއަން ރުފިޔާވަރު ބޭނުންވާ ކަމަށެވެ. އަދި މިކަމަށް ބޭނުންވާ ފައިސާ އެމް.ޑަބްލިއު.އެސް.ސީގެ ފަރާތުން ހަމަޖައްސާދީފައިވާ ކަމަށެވެ.

ފެރިދޫގައި ސަރުކާރުން ވަނީ ފެން ޕްލާންޓެއް ޤާއިމްކޮށްދީފައެވެ. އަދި ފެނުގެ ޙިދުމަތް ދާދި އަވަހަށް ގޭގެއަށް ފޯރުކޮށްދެވޭނެ ކަމަށާއި، ގެތަކަށް ފެން ފޯރުކޮށްދޭން ފަށާއިރު، ގޭގޭގައި ވޯޓަރ ޕިއުރިފަޔަރ ހަރުކުރެވިފައި ހުރުމަކީ އަމާޒެއް ކަމަށް ޝާޙް ވިދާޅުވިއެވެ.

"އުއްމީދަކީ ގޭގެއަށް ފެން ފޯރުކޮށްދޭން ފެށުމާއެކު ވޯޓާ ޕިއުރިފަޔަރތައް ގޭގެގައި ހަރުކުރެވިގެން ދިޔުން.. އެހެންވީމަ ކުރިއަށް އޮތް 2 ނޫނީ 3 މަސްތެރޭ ގޭގޭގައި ޕިއުރިޔަރ ހުންނާނީ ހަރުކުރެވިފައި." ޝާޙް ވިދާޅުވިއެވެ.

500 އަށްވުރެ ގިނަ މީހުންގެ އާބާދީއެއް ދިރިއުޅެމުންދާ ފެރިދޫގައި މިހާރު އާއްމުކޮށް ގޭބިސީތަކުގައި ބޯން ބޭނުންކުރަނީ ވާރޭ ފެނެވެ. އަދި ބައެއް ގޭގޭގައި ފުޅީގައި ބަންދުކުރި ފެންވެސް ބޭނުންކުރެއެވެ.

ވޯޓަރ ޕިއުރިފަޔަރ ހަރުކޮށްދިނުމަށް ހަމަޖެހިފައިވަނީ މީހުން ދިރިއުޅޭ ގޭގައި އެކަނިކަމަށްވެސް ޝާޙް ވިދާޅުވިއެވެ. އެހެންނަމަވެސް ކުރިމަގުގައި ވިޔަފާރި އުޞޫލުން ހިންގާ ގެސްޓުހައުސްތަކާއި ކެފޭ ފަދަ ތަންތަނުގައި ހަރުކުރުމަކީ އަމާޒެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފެރިދޫގެ ހުރިހާ ގެއެއްގައި ވޯޓަރ ޕިއުރިފަޔަރ ހަރުކޮށްދިނުމަކީ އެރަށުގެ ތަރައްޤީ ޕްލޭން 2022-2026 ގައި ރައްޔިތުންނަށް ކޮށްދިނުމަށް ނިންމި ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

ފެރިދޫ ކައުންސިލުން 100 ވޯޓަރ ޕިއުރިފަޔަރ ފޯރުކޮށްދީ އެރަށުގެ ގޭބީސީތަކުގައި ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފައިވާއިރު، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް، މިމަހުގެ 16 ވަނަ ދުވަހުގެ 13:30 ގެ ކުރިން ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު ހުށަހަޅަން ޖެހެއެވެ.

ފެރިދޫ ކައުންސިލުން ވިދާޅުވީ އަންދާސީ ހިސާބު ހުށަހެޅުން އޮތީ މިމަހުގެ 22 ވަނަ ދުވަހުކަމަށާއި، ރެޖިސްޓްރީ ނުކުރާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ކަމަށެވެ.