ޚަބަރު

އިންތިޚާބީ ރައީސް އެންމެ ފުރަތަމަ ވަޑައިގަންނަވާ ރަށަކަށް ތ. ގުރައިދޫ


  • އެއް ރަށަކުން އެންމެ ބޮޑު އަޣްލަބިއްޔަތު ލިބިވަޑައިގަތީ ގުރައިދޫން

  • އެރަށުން %74.05 ވޯޓު ލިބިވަޑައިގެންނެވި

  • އެއީ ޕީޕީއެމްގެ ބޮޑު ތާޢީދެއް އޮންނަ ރަށެއް

ރިޔާސީ އިންތިޚާބީގެ ކާމިޔާބީއަށްފަހު، އެންމެ ފުރަތަަ ވަޑައިގަންނަވާ ރަށަކީ، ތ.ގުރައިދޫކަމަށް، އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިދިޔަ މަހުގެ 30ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި އެއްރަށަކުން އެންމެ ބޮޑު އަޣްލަބިއްޔަތެއް ޑރ.މުޢިއއްޒަށް ލިބިވަޑައިގަތީ ތ.ގުރައިދޫންނެވެ. އެރަށުން ޑރ.މުޙައްމަދު މުޢިއްޒަށް ވަނީ 625 ވޯޓު ލިބިވަޑައިގެންފައެވެ. އެއީ އެރަށުން ވޯޓުލީ މީހުންގެ %74.05އެވެ. ރައީސް ޞާލިޙަށް އެރަށުން ލިބިވަޑައިގަތީ 219 ވޯޓާއެކު %25.95އެވެ.

އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެމަނިކުފާނު ކެމްޕެއިންގައި ވަޑައިގެންނެވި ކޮންމެ ރަށެއްގެ ރައްޔިތުންވެސް އެދެމުންދިޔައީ ވީހާވެސް އެރަށްރަށަށް އެމަނިކުފާނު ވަޑައިގަތުމަށްކަމަށެވެ. އެހެންކަމުން ޕާޓީގެ ލީޑާރޝިޕާއި މަޝްވަރާކުރެއްވުމަށްފަހު ނިންމެވީ އިންތިޚާބުގައި އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި ރަށަށް އެންމެ ފުރަތަމަ ވަޑައިަގަތުމަށްކަމަށާ، އެއީ ތ.ގުރައިދޫކަމަށް އިންތިޚާބީ ރައީސް ވިދާޅުވިއެވެ. ނަމަވެސް އެރަށަށް ވަޑައިގަންނަވާނެ ތާރީޚެއް ވިދާޅެއް ނުވެއެވެ.

ޑރ.މުޢިއްޒު ކެމްޕެއިންގައި ވިދާޅުވެފައިވަނީ، އިންތިޚާބު ކާމިޔާބުކުރެވިއްޖެނަމަ ވީހާވެސް އަވަހަށް ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެކަމަށެވެ.

ޕީޕީއެމްގެ ބޮޑު ތާއީދެއް އޮންނަަ ގުރައިދޫގައި ބެހެއްޓި ދެ ވޯޓު ފޮށީގެ ތެރެއިން އެއް ފޮށިން ޑރ.މުޢިއްޒަށް ވަނީ 75.57 އިންސައްތަ ވޯޓު ލިބިވަޑައިގެންފައެވެ. އަދި ދެވަނަ ފޮށިން 72.39 އިންސައްތަ ވޯޓު ލިބިވަޑައިގެންނެވިއެވެ.


ރިޔާސީ އިންތިޚާބު ޑރ.މުހައްމަދު މުޢިއްޒު ކާމިޔާބުކުރެއްވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ މައްޗަށް 54 އިންސައްތަ ކުރި ހޯއްދަވައިގެންނެވެ.