އިސްރާޢީލުން ވެރިވެގަނެފައިވާ ފަލަސްތީނުގެ ބިންތައް ދޫކޮށްލައި، އެ ބިންތައް ފަލަސްތީނުގެ ރައްޔިތުންނަށް އަނބުރާ ދިނުމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.
އެމަނިކުފާނު މިފަދައިން ގޮވާލައްވާފައި މިވަނީ ޣައްޒާގައި ވެރިކަން ކުރާ ހަމާސް ޖަމާއަތުން އިޒްރޭލަށް ހަމަލާތައްދީ، ހަމާސް އާއި އިޒްރޭލުން ވެސް ހަނގުރާމަ އިއުލާންކޮށްފައިވާ ދަނޑިވަޅެއްގައެވެ. ދެފަރާތުގެ ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކުގެ ވެރިން ގޮވައިލައްވަމުން ގެންދަވަނީ ހަމަލާ ބަދަލުކުރުން ހުއްޓާލުމަށެވެ.
އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުއިއްޒު ކުރެއްވި ޓުވީޓުގައި ވަނީ 1967 ވަނަ އަހަރު އޮތް ސަރަހައްދީ ރޮނގާ ހަމައަށް އިސްރާޢީލުން ފަހަތަށް ޖެހުމާ އެކު ފަލަސްތީނުގެ މިނިވަން ދައުލަތް ބަލައިގަތުމަށް ގޮވާލައްވާފައެވެ. އަދި އެ ދައުލަތުގެ ވެރިރަށަކީ އިރުމަތީ ގުދުސްކަމަށްވާން ޖެހޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ޑރ. މުޢިއްޒު ވަނީ ފަލަސްތީނުގެ ރެފިއުޖީން އެނބުރި އެމީހުންގެ ވަޒަނަށް ދިއުމުގެ ފުރުސަތު ވަގުތުން ދޭން ޖެހޭނެކަމަށްވެސް ވިދާޅުވެފައެވެ.
ފަލަސްޠީނުގެ މިނިވަންކަމަށް ޖިހާދު ކުރަމުންދާ މުޖާހިދުންގެ ޖަމާޢަތްކަމަށްވާ ހަމާސްއިން ޔަހޫދީންގެ ދަޢުލަތް، އިސްރާޢީލާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކޮށް އަސްކަރީ ކެމްޕޭނެއް ފެށުމާ ގުޅިގެން ޔަހޫދީ އިސްރާޢީލުގެ އަސްކަރިއްޔާއިން ޣައްޒާއަށް ބޮން އަޅައި ފަލަސްޠީނުގެ 198 މީހުން ވަނީ ޝަހީދުކޮށްލާފައެވެ. ޔަހޫދީ އިސްރާޢީލުގެ ޖައްބާރު އަސްކަރިއްޔާއިން ދަނީ ޑްރޯނާއި އާޓިލަރީ ބަޑި ބޭނުން ކޮށްގެން މެދުކެނޑުމެއް ނެތި ޣައްޒާއަށް ބޮން އަޅަމުންނެވެ.
މި ހަމަލަތަކުގައި ފަލަސްޠީނުގެ 1,600 އަށްވުރެ ގިނަ މީހުން ޒަޚަމުވެފައިވާ ކަމުގައި ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިންނާއި ރެޑް ކްރެސެންޓުން ބުނެއެވެ. ޔަހޫދީ އަސްކަރިއްޔާގެ ޓެރެރިސްޓު ހަމަލަތަކުގައި ޒަޚަމުވެފައިވާ މީހުންގެ ޢަދަދު އުފުލި، ޣައްޒާގެ ހޮސްޕިޓަލްތައް މިހާރު ވަނީ ފުރިފައެވެ.
ޔަހޫދީ އިސްރާޢީލުގެ އިސްތިޢުމާރީ ސިފައިން ފަލަސްޠީނުގެ ބިންތަކަށް އަރައި ހުޅަނގު އައްސޭރި އަޅުވެތިކޮށްފައި ވަނީ 1967 ވަނަ އަހަރުއެވެ. އޭގެ ފަހުން ފަލަސްޠީނުގެ ރައްޔިތުން ދިރިއުޅެމުން ދަނީ ޔަހޫދީންގެ އަޅުވެތިކަމުގެ ދަށުގައެވެ. އަދި، ފަލަސްޠީނުގެ ބިންތަކުގައި ވަޒަންވެރިކޮށްފައިވާ ޔަހޫދީންގެ ޢަދަދު މިހާރު 490,000 އަށް އަރައެވެ.