ޚަބަރު

24 ގަޑިއިރުތެރޭ ކ. ކާށިދޫއަށް ރެކޯޑް މިންވަރަކަށް ވާރޭ ވެހިއްޖެ


  • ކާށިދޫއަށް 139 މިލިމީޓަރުގެ ވާރޭވަނީ ވެހިފައިވޭ

  • ދިއްފުއްޓަށް ވަނީ 97.8 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައި

  • އުތުރާއި މެދު ރާއްޖެތެރެއަށް މިދުވަސްވަރު މޫސުން ގޯސް

ވޭތުވެދިޔަ 24 ގަޑިއިރު ކ. ކާށިދޫއަށް ރެކޯޑް މިންވަރަކަށް ވާރޭ ވެހިއްޖެއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ވޭތުވެދިޔަ 24 ގަޑިއިރު ކާށިދޫއަށް 139 މިލިމީޓަރުގެ ވާރޭވަނީ ވެހިފައެވެ.

ދެން އެންމެ ގިނަ އަދަދަކަށް ވާރޭ ވެހިފައިވަނީ ކ. ދިއްފުއްޓަށެވެ. ފާއިތުވި 24 ގަޑިއިރު ދިއްފުއްޓަށް ވަނީ 97.8 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ.

ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރެއަށް މިދުވަސްވަރު މޫސުން ގޯހެވެ. އެގޮތުުން އިއްޔެވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފައެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މިއަދުވެސް މެދުރާއްޖެތެރެއާއި އުތުރުގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ.

މިދުވަސްވަރު ރާއްޖެއަށް ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ. އަދި މި ދުވަސްވަރު ފިނިހޫނުމިން ހުރިހާ ހިސާބެއްގައިވެސް އާންމު މިންގަނޑަށްވުރެ މަތި ވާނެކަމަށް ބެލެވޭކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.

ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާ ގުޅުހުންހުރި އިދާރާތަކުން އިލްތިމާސް ކުރައްވައެވެ.