ޚަބަރު

ސަޢުދީއިން ރާއްޖެއަށް 2.3 ބިލިއަން ރުފިޔާގެ އެހީއެއް ދިނުމަށް މަޝްވަރާކޮށްފި


  • މި އެހީ ދިނުމަށް ހަމަޖެހިފައިވަނީ ވީއައިއޭ ތަރައްޤީ ކުރުމާއި ސިއްޙީ ދާއިރާގެ ތަރައްޤީއަށް

  • 150 މިލިއަން ޑޮލަރުގެ މި އެހީ ދިނުމަށް އަންނަނީ މަޝްވަރާކުރަމުން

  • ސަޢޫދީ މިހާތަނަށްވެސް ގިނަ ދާއިރާތަކަކުން ވަނީ ރާއްޖެއަށް އެހީތެރިކަން ދީފައި

ސަޢުދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް 2.3 ބިލިއަން ރުފިޔާގެ އެހީއެއް ދިނުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މިނިސްޓްރީ އޮފް ފިނޭންސްއިން ވިދާޅުވީ މި އެހީއަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމާއި، ރާއްޖޭގެ ސިއްޙީ ދާއިރާގެ ތަރައްޤީއަށް ހިންގާ މަޝްރޫޢުތަކަށް ބޭނުންކުރާނެ އެހީއެއްކަމަށެވެ.

150 މިލިއަން ޑޮލަރު ނުވަތަ 2.3 ބިލިއަން ރުފިޔާގެ ތެރެއިން 100 މިލިއަން ރުފިޔާ ހޭދަކުރުމަށް ހަމަޖެހިފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތަށެވެ. އަދި 50 މިލިއަން ޑޮލަރަކީ ސިއްޙީ ދާއިރާގެ ޢުމްރާނީ މަސައްކަތްތަކަށް އެހީވުމަށް ދޭން މަޝްވަރާ ކުރާ ފައިސާކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.

ރާއްޖެއާއި ސަޢުދީއާއި ސިޔާސީ ގުޅުން ޤާއިމުކުރީއްސުރެ، ރާއްޖޭގެ ތަރައްޤީއަށް އެކި ދާއިރާތަކުން އެ ޤައުމުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އެގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޓަރމިނަލް މަސައްކަތަކީ ސަޢޫދީ އަރަބިއްޔާގެ، ސަޢުދީ ބިންލާދިން ގްރޫޕާއި ޙަވާލުކޮށް، 2016 ވަނަ އަހަރުގެ މެއި މަހުގެ 22 ވަނަ ދުވަހުފެށި މަސައްކަތެކެވެ. މި ޓަރަމިނަލްގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާނީ 2025 ވަނަ އަހަރަށެވެ.

މީގެއިތުރުންވެސް ޢުމްރާނީ ތަރައްޤީގެ ދާއިރާތަކާއި، މީހުން ބިނާކުރުން ފަދަ ދާއިރާތަކުން ސަޢުދީ ބޮޑެތި އެހީތައް ރާއްޖެއަށް އަންނަނީ ލިބެމުންނެވެ.

ދިވެހިރާއްޖެއިން ސަޢުދީ ޢަރަބިއްޔާއާއެކު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 17 މާރިޗު 1981 ގައެވެ. މިއަހަރު މިގުޅުމަށް 42 އަހަރު ފުރިފައިވާއިރު، ސަޢުދީ ޢަރަބިއްޔާއިން އަންނަނީ ރާއްޖެއަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.