ޚަބަރު

ސިނަމާލޭ ބްރިޖަކީ ރާއްޖޭގައި މިހާތަނަށް ހިންގުނު އެންމެ "އައިކޯނިކް" މަޝްރޫޢު: ޑރ. މުޢިއްޒު


  • ބުރިޖުގެ މަޝްރޫޢާއެކު، އެތައް ސަތޭކަ ބަޔެއްގެ ދިރިއުޅުން ބަދަލުކޮށްލި

  • ޗައިނާގެ އެހީގައި ކާމިޔާބު ގިނަ މަޝްރޫޢުތަކެއް ރާއްޖޭގައި ހިންގާފައިވޭ

  • އިތުރަށް ގުޅުން ބަދަހިވެ، އިތުރު އެހީތައް ލިބޭނެކަމަށް އުންމީދުކުރާކަމަށް

މިހާތަނަށް ރާއްޖޭގައި ހިންގުނު އެންމެ "ފާހަގަކޮށްލެވޭ" މަޝްރޫޢަކީ މާލެއާއި ހުޅުމާލެ ގުޅުވާލަދިން ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖުކަމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ޑރ. މުޢިއްޒު މިހެން ވިދާޅުވީ ޗައިނާގެ މީޑިއާއެއް ކަމަށްވާ ޒިންހުއާ ނިއުސް އޭޖެންސީއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.

ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖަކީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި، ޑރ. މުޢިއްޒުގެ ހައުސިންގ މިނިސްޓަރުކަމުގައި ޗައިނާގެ ކުންފުންޏަކާއި ޙަވާލުކޮށްގެން ހިންގާފައިވާ މަޝްރޫޢެކެވެ. އަދި މިއީ ރާއްޖޭގައި ހިންގުނު އެންމެ ބިޔަ އެއް މަޝްރޫޢުކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޒިންހުއާ ނިއުސް އެޖެންސީއަށް ދެއްވި ބަސްދީގަތުމުގައި އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ޗައިނާއާއި ރާއްޖެ އާއި ދެމެދު ވަރަށް ރަނގަޅު ގުޅުމެއް އަބަދުވެސް އޮންނަ ކަމަށެވެ. އަދި ޗައިނާގެ އެހީގައި ވަރަށް ގިނަ މަޝްރޫޢުތަކެއް ކާމިޔާބު ކަމާއިއެކު، ރާއްޖޭގައި ހިންގާފައިވާކަން ޑރ. މުޢިއްޒު ފާހަގަކުރެއްވިއެވެ.


ޑރ. މުޢިއްޒު ވިދާޅުވީ، މިހާތަނަށް ރާއްޖޭގައި ހިންގުނު އެންމެ ފާހަގަކޮށްލެވޭ ތަރައްޤީގެ މަޝްރޫޢަކީ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖުގެ މަޝްރޫޢުކަމަށެވެ.

"ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖަކީ މިހާތަނަށް ރާއްޖޭގައި ހިންގުނު އެންމެ ފާހަގަކޮށްލެވޭ ތަރައްޤީގެ މަޝްރޫޢު، ނުވަތަ ރާއްޖެ ބަދަލުކޮށްލި މަޝްރޫޢު. މި މަޝްރޫޢުގެ ސަބަބުން ވަރަށް ގިނަ ބަޔެއްގެ ދިރިއުޅުން ވަނީ ބަދަލުކޮށްލާފައި." ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ބުރިޖުގެ މަޝްރޫޢާއި ގުޅޭގޮތުން އިތުރަށް ވާހަކަދައްކަވަމުން ޑރ. މުޢިއްޒު ވިދާޅުވީ، ބުރިޖުގެ މަޝްރޫޢާއެކު، ގްރޭޓަރ މާލެ ސަރަޙައްދަށް ވަރަށް ބޮޑު ކުރިއެރުމެއް އައިސްފައިވާ ކަމަށެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގައި ދިރިއުޅޭ އެތައް ސަތޭކަ ބަޔެއްގެ ދިރިއުޅުން ބަދަލުކޮށްލާފައިވާކަމަށްވެސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ޑރ. މުޢިއްޒު ވަނީ ޗައިނާގެ އެހީގައި ގެދޮރުވެރިކަމާއި، މަގު ހެދުމުގެ ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދާކަން ފާހަގަކުރައްވާފައެވެ. އަދި މިފަދަ މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި ޗައިނާގެ އިތުރުން ގިނަ ޤައުމުތަކުގެ އެއްބާރުލުމާއިި އެހީތެރިކަން އަދިވެސް ރާއްޖެއަށް ބޭނުންވާކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ޗައިނާގެ އެހީތެރިކަން ކުރިއަށް އޮތްތާނގައި ރާއްޖެއަށް އިތުރުވެ، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް، އުންމީދު ކުރައްވާކަމަށްވެސް އިންތިޚާބީ ރައީސް ވިދާޅުވިއެވެ.