"މޯލްޑިވްސް އޯޝަން ހެކަތަން 2023" ނިންމާލުމަށްފަހު، ވަނަަވަނައަށް ދިޔަ ފަރާތްތައް ހޮވައިފިއެވެ. 
"މޯލްޑިވްސް އޯޝަން ހެކަތަންއަކީ ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީގައި މޫސުމީ މައްސަލަތަކަށް އޮތް ޙައްލުތައް ދެނެގަތުމަށްޓަކައި ކުރިއަށްގެންދިޔަ ހެކަތަންއެކެވެ. 
މި ހެކަތަން ކުރިއަށްގެންގޮސްފައިވަނީ މިމަހުގެ 15 އިން 17 އަށް ކްރޮސް ރޯޑްސް މޯލްޑިވްސްގައެވެ. 48 އަށް ކުރިއަށްދިޔަ މި ހަރަކާތަކީ ރާއްޖޭގައި ބޭއްވި އެންމެ ބޮޑު އޯޝަން ހެކަތަންއެވެ. 
10 ޓީމަކުން ވަނީ ބައިވެރިވި މި ހެކަތަންގައި މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ނާޒުކު ރަށްތަކަށް ލިބެމުންދާ ގެއްލުންތައް ދެނެގަތުމަށާއި، ސިޔާސަތުތަށް ތަންފީޒްކުރާ ފަރާތްތަކަށް އެ ކަންކަމާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން އެންމެ ފަހުގެ ޑޭޓާ ލިބޭނެ ގޮތް ފަހިކޮށްދިނުމުގެ ގޮތުން ތަފާތު ހިޔާލުތައް ހުށައަޅާފައެވެ. 
		
										
			މި ހެކަތަން ނިންމުމުގެ ރަސްމިއްޔާތުގައި ވަނީ ހެކަތަންގެ ގަދަ 3 ވަނައަށް ދިޔަ ޓީމުތައް ހޮވައި އިނާމު ހަވާލުކޮށްފައެވެ. ހެކަތަންއިން 1 ވަނައަށް ހޮވިފައިވަނީ "އުދަ" ޓީމެވެ. މި ޓީމަށް ވަނީ މޯލްޑިވްސް އިސްލާމިކް ބޭންކްގެ ފަރާތުން 10،000 ޑޮލަރު ހަދިޔާކޮށްފައެވެ. އަދި ދިރާގުގެ ފަރާތުން 100 އެމްބީޕީއެސް އިންޓަނެޓް 1 އަހަރަށް ހިލޭ ވަނީ ދީފައެވެ. 
2 ވަނައަށް ހޮވުނީ ޓީމް "ކްލިމްވެޗް" އެވެ. މި ޓީމަށް މޯލްޑިވްސް އިސްލާމިކް ބޭންކްގެ ފަރާތުން 3000 ޑޮލަރު އަދި ދިރާގުގެ ފަރާތުން 100 އެމްބީޕީއެސް އިންޓަނެޓް 1 އަހަރަށް ވަނީ ދީފައެވެ. 
3 ވަނައަށް ހޮވުނީ "ވެށި ރައްކާ" ޓީމެވެ. މިޓީމަށް މޯލްޑިވްސް އިސްލާމިކް ބޭންކްގެ ފަރާތުން 2،000 ޑޮލަރު ހަދިޔާކޮށްފައެވެ. އަދި ދިރާގުގެ ފަރާތުން 100 އެމްބީޕީއެސް އިންޓަނެޓް 1 އަހަރަށް ވަނީ ދީފައެވެ. 
		
										
			މި ހެކަތަންގައި ހުށައެޅި ހިޔާލުތަކުގެ ތެރޭގައި އެންމެ ފަހުގެ ޑޭޓާ ލިބިގަތުމަށް ބޭނުންވާ ޕްލެޓްފޯމެއް ހެދުމާއި، ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމަށް މަސައްކަތްކުރުމާއި، ގޮނޑުދޮށްތަކަށް ދިމާވާ މައްސަލަތަށް ރިޕޯޓުކުރުމާއި، ކާރިސާއެއް ދިމާވެދާނެކަމަށް ލަފާކުރެވޭ ހާލަތްތަކުގައި އެކަމެއް ރައްޔިތުންނާއި ހަމައަށް ގެނެސްދެވޭނެ ޕްލެޓްފޯމެއް ހެދުމާއި، ސެޓަލައިޓް އަދި ޑްރޯން މެދުވެރިކޮށް ރަށްގިރާފައި ހުންނަ މިންވަރު ވަގުތުން ދައްކާލެވޭނެ ގޮތެއް ހޯދައިދިނުމާއި، ގޮނޑުދޮށްތަކުގެ ޑޭޓާގެ އިތުރުން ކަނޑުގެ ތަޣައްޔަރުކަން ކުޑަކުރުމަށް ހައްލެއް ހޯދައިދިނުން ހިމެނެއެވެ.
"ދަ މޯލްޑިވްސް އޯޝަން ހެކަތަން 2023" ހަރަކާތަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ މައްސަލަތަކާއި ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީގައި އިތުރަށް ދިރާސާކޮށް އެކަށީގެންވާ ހައްލެއް ހޯދުމަށްޓަކައި ޓެކްނޮލޮޖީ އަދި ތިމާވެށީގެ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް އަމާޒުކޮށްގެން ބާއްވާ ހަރަކާތެކެވެ.