ޚަބަރު

މިއަހަރު އިތުރު 4 ރިސޯޓު ހުޅުވާނެ


  • މިއަހަރުތެރޭ އަލަށް 5 ރިސޯޓުވަނީ ހުޅުވާފައި

  • އިތުރަށް 4 ރިސޯޓު ހުޅުވަންވަނީ ތައްޔާރުވެފައި

  • މިވަގުތު 172 ރިސޯޓެއް އަންނަނީ އޮޕަރޭޓް ކުރަމުން

މިއަހަރުގެ މިހާތަނަށް އައު 5 ރިސޯޓެއް ހުޅުވާފައިވާ ކަމަށާއި އަދި އަހަރުގެ ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު 4 ރިސޯޓު ހުޅުވިގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ އަލަށް ހުޅުވި 5 ރިސޯޓުން ފަތުރުވެރިކަމަށް އިތުރު 1228 އެނދު ނެރެފައިވާކަމަށެވެ. އެގޮތުން އައު ރިސޯޓުތައް ހުޅުވާފައިވަނީ ވ. ބ. ރ. އދ. އަދި ކ. އަތޮޅުގައެވެ.

އަލަށް ހުޅުވި ރިސޯޓުތައް

ވ. ކުނާވަށީގައި ހުޅުވާފައިވާ ނޫއީ މޯލްޑިވްސް ކުނާވަށި
ބ. ފަރެސްގައި ހުޅުވާފައިވާ އަވާނީ ފަރެސް މޯލްޑިވްސް
ރ. ކުޑަކުރަތުގައި ހުޅުވާފައިވާ އަމާރީ ރާޔާ މޯލްޑިވްސް ރިސޯޓް
އދ. ބޮޑުފިނޮޅުގައި ހުޅުވާފައިވާ ބާސެލޯ ވޭލް ލެގޫން މޯލްޑިވްސް
މާލެއަތޮޅު ފަޅެއްގައި ތަރައްޤީކޮށްފައިވާ ޖޯއީ އައިލެންޑް

އަހަރުގެ ކުރިއަށް އޮތް ދުވަސްތަކުގައި އަލަށް 4 ރިސޯޓު ހުޅުވުމަށް ހަމަޖެހިފައިވާއިރު، މި ރިސޯޓުތަކާއެކު ފަތުރުވެރިކަމަށް 1064 އެނދު ނެރެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރެއެވެ.

އަލަށް ހުޅުވުމަށް ތައްޔާރުވަމުންދާ ރިސޯޓުތައް

ބ. ބޮޑުފިނޮޅުގައި ތަރައްޤީކުރަމުންދާ 310 އެނދުގެ ރިސޯޓް
ޅ.މާބިންހުރާގައި ތަރައްޤީކުރަމުންދާ 408 އެނދުގެ ރިސޯޓް
ޅ. ދެރުފިނޮޅުގައި ތަރައްޤީކުރަމުންދާ 172 އެނދުގެ ރިސޯޓް
މާލެ އަތޮޅު އެނބޫދޫ ފަޅުގައި ތަރައްޤީކުރާ 174 އެނދުގެ ރިސޯޓް

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި މިވަގުތު 172 ރިސޯޓެއް އަންނަނީ އޮޕަރޭޓް ކުރަމުންނެވެ. މިއީ 42159 އެނދެވެ. އެއީ ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް ނެރެފައިވާ 62348 އެނދުގެ %68 އެވެ.

މިއަހަރުތެރޭ ޖުމްލަ 9 ރިސޯޓު އަލަށް ހުޅުވިގެންދާނެ ކަަމަށް ޓޫރިޒަމް މިނިސްޓްރީން ލަފާކުރެއްވިއިރު، މިދިޔަ އަހަރު ތެރޭ އަލަށް ހުޅުވީ 5 ރިސޯޓެވެ.

ސަރުކާރުން ދަނީ ނުހެދި ހުރި ރިސޯޓުތަކުގެ މަސައްކަތް ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދިޔުމަށް އިންވެސްޓަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި އިތުރު ރަށްތައްވެސް ބިޑަށް ހުޅުވާލައިގެން ރާއްޖޭގެ އެކި ހިސާބުތަކަށް ފަތުރުވެރިކަން ފުޅާކުރުމަށްވެސް ސަރުކާރުން ޚާއްސަ އިސްކަމެއްދެއެވެ.