ޚަބަރު

ކެމްޕޭންތެރެއިން ގެންގުޅުނު ބަދަހިގުޅުން ސަރުކާރު ދެމެހެއްޓުމުގައިވެސް ގެންގުޅުއްވާ: ޑރ.މުޢިއްޒު


  • ކެމްޕޭންކުރި އިރު އޮތް ގުޅުމާއި އެކުވެރިކަން އެއަށްވުރެ ބޮޑަށް ނުގުޑާނެހެން ޤާއިމުކޮށްދެއްވުމަށް

  • ހުރިހާ ހިސާބެއްގައި ތިބި ކެމްޕޭން ޓީމުތަކުން ކޮށްދެއްވީ ޤައުމީ މަސައްކަތެއް

  • ކެމްޕޭން ޙަރަކާތުގެ ޚާއްސަ ފޮތެއްވަނީ ޑރ.މުޢިއްޒަށް އަރުވާފައި

ރިޔާސީ އިންތިޚާބުގެ ކެމްޕޭން ދުވަސްވަރު ގެންގުޅުނު ބަދަހި ގުޅުން އައު ސަރުކާރު ހިންގުމުގައިވެސް ދަމަހައްޓައިދިނުމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގަންނަވައިފިއެވެ.

ޕީޕީއެމް ޕީއެންސީ ކޯލިޝަނަށް ކެމްޕޭން ކުރުމުގައި ޙަރަކާތްތެރިވި ޓީމުތަކާއި ބައްދަލުކުރެއްވުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ކުރިއަށް އޮތީ ވަރަށް ޚައްސާސް ދުވަސްތަކެއްކަމަށެވެ.

އެގޮތުން ދިވެހި ޤައުމު ހަމައަކަށް އެޅުމަށް ކުރަންޖެހޭ މަސައްކަތްކުރުމުގައި އެމަނިކުފާނަށް ވެރިކަމަށް އައުމަށް އެހީތެރިވެދެއްވި ހުރިހާ ފަރާތެއްގެ އެހީތެރިކަން ބޭނުންވާނެކަމަށް ވިދާޅުވިއެވެ. އެހެންކަމުން ކެމްޕޭން ދުވަސްވަރު އޮތް ބަދަހި ގުޅުން އެއަށްވުރެވެސް ވަރުގަދަ ނުގުޑާ ޢަޒުމެއްގައި އެ އެކުވެރިކަން ދަމަހައްޓައި ދެއްވުމަށް އެދިވަޑައިގަތެވެ.

ޑރ. މުޢިއްޒު ވިދާޅުވީ، އެމަނިކުފާނު ވެރިކަމަށް ގެނައުމަށް ޕީޕީއެމް ޕީއެންސީގެ ކެމްޕޭން ޓީމުތަކުން ކޮށްދެއްވީ ޤައުމީ މަސައްކަތެއްކަމަށެވެ. އެއީ ޤައުމުގައި ހިނގަމުންދިޔަ އެތައްކަމަކުން އަރައިގަތުމަށް ކުރެއްވި ބުރަ މަސައްކަތް ކަމުގައި ޑރ. މުޢިއްޒު ވިދާޅުވިއެވެ.

"ކަމެއް ޙާސިލްވުމަށްފަހު އެކަމެއް ދެމެހެއްޓުން ފަސޭހަވާނެ. ދެން މިއޮތީ ދެމެހެއްޓުން. ޤައުމީ މަސައްކަތެއް. އަޅުގަނޑު އެދެނީ ކެމްޕޭންގައި ދެއްކި އެކުވެރިކަން އެގޮތުގައި ދައްކާ، އަޅުގަނޑުމެންގެ މިޤައުމު ސަލާމަތްކުރުމުގައި އެއެކުވެރިކަންމަތީ އެއަށްވުރެ ގަރުގަދަ ނުގުޑާ ޢަޒުމެއްގައި ދެމިތިބުން." ޑރ.މުޢިއްޒު ވިދާޅުވިއެވެ.

ކެމްޕޭން ޓީމުތަކާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ޑރ. މުޢިއްޒު ވަނީ އެމަނިކުފާނަށް ކެމްޕޭން ކޮށްދެއްވި ޓީމަށް ޝުކުރު އަދާކުރައްވާފައެވެ. އެގޮތުން ރެއާއި ދުވާލު ހއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް އެކި ޓީމުތަކުން ކޮށްދެއްވި މަސައްކަތް ވަނީ ފާހަގަކުރައްވާފައެވެ.

ކެމްޕޭން ޓީމްތަކާއެކު ޑރ. މުޢިއްޒު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވަނީ އެމަނިކުފާނާއި ބައްދަލުކުރައްވާ ފޮޓޯ ނެގުމުގެ ސެޝަންއެއްވެސް ކުރިއަށްގެންގޮސްފައެވެ. މިބައްދަލުކުރެއްވުމުގައި ޕީޕީއެމް ޕީއެންސީ ކެމްޕޭން ޙަރަކާތްތަކާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ފޮތެއް ވަނީ ޑރ. މުޢިއްޒަށް އަރުވާފައެވެ.