ށ. ނަލަންދޫގައި ރިސޯޓު ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ޓޫރިޒަމް މިނިސްޓްރީން އަލުން އިއުލާންކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ވަނީ މިދިޔަ އޮގަސްޓުމަހުގެ ތެރޭގައިވެސް ނަލަންދޫގައި 200 އެނދުގެ ރިސޯޓެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފައެވެ. ނަމަވެސް ނަލަންދޫގައި ރިސޯޓެއް ތަރައްގީކުރަން މީގެކުރިން ހުޅުވާލުމުން ކުރިމަތިލި ފަރާތް ޑިސްކޮލިފައިވެފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ. އެހެންކަމުން ނަލަންދޫގައި ރިސޯޓެއް ތަރައްގީކުރުމަށް އަލުން ހުޅުވާލާފައިވާކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.
ނަލަންދޫގައި ރިސޯޓެއް ތަރައްގީކުރުމާއި ގުޅޭގޮތުން އިއްޔެ ނެރުނު އިޢުލާނުގައި ވިދާޅުވީ، ފަތުރުވެރިކަން ތަރައްޤީކުރުމަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅުއްވާފައިވާ ރަށްރަށުގެ ތެރެއިން، ށ. ނަލަންދޫގައި ޓޫރިސްޓް ރިސޯޓް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 24ވަނަ ދުވަހުގެ ވަރޗުއަލްކޮށް، ޒޫމް މެދުވެރިކޮށް ބާއްވާ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، އަންނަ މަހުގެ 6ވަނަ ދުވަހުގެ 10އަށް ޓޫރިޒަމް މިނިސްޓްރީއަށް ހާޒިރުވެ ބީލަން ހުށަހެޅުމަށް އެ މިނިސްޓްރީން އެދެއެވެ.
މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް އެދި، މިމަހުގެ 23ވަނަ ދުވަހުގެ 12:00 ގެ ކުރިން މިމިނިސްޓްރީގެ އީމެއިލްއަށް ނަމާއި، އީމެއިލް އެޑްރެސް، އަދި ފޯން ނަންބަރު ފޮނުވަން ޖެހެއެވެ.
ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، ބީލަން ފޮތް ގަތުމަށް ހުށަހަޅަން ޖެހޭ އެޕްލިކޭޝަން ފޯމް އެ މިނިސްޓްރީގެ ވެބްސައިޓް އިން ލިބެން ހުންނާނެ ކަމަށެވެ. އަދި ބީލަން ފޮތް މިމަހުގެ 22ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 5ވަނަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 0900 – 1300 އާއި ދެމެދު ޓޫރިޒަމް މިނިސްޓްރީގެ ރިސެޕްޝަނުން ލިބެންހުންނާނެއެވެ.
ޓޫރިޒަމް މިނިސްޓްރީން މީގެކުރިން ވިދާޅުވެފައިވަނީ މި ރަށް ބީލަމަށް ހުޅުވާލުމުގެ މައިގަނޑު މަޤްޞަދަކީ، ބޮޑުތިލަދުންމަތީގައި ފަތުރުވެރިކަން ކުރިއަރުވައި، ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އެއަރޕޯޓު ފީސިބަލް ކުރުމަށްޓަކައި އެ ސަރަޙައްދުގައި ހިންގާ އިޤްތިޞާދީ ހަރަކާތްތައް އިތުރުކޮށް ވަޒީފާގެ ފުރުޞަތުތައް ޤާއިމްކުރުންކަމަށެވެ.