މިއަހަރުގެ މިހާތަނަށް ޕީއެސްއައިޕީ މަޝްރޫޢުތަކަށް ދައުލަތުގެ ބަޖެޓުން 9.3 ބިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.
މިއީ މިއަހަރަށް ލަފާކޮށް ދައުލަތުގެ ބަޖެޓުން ޚަރަދުވާނެ ކަމަށް ލަފާކޮށް ފާސްކޮށްފައިވާ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫޢުތަކަށް ކަނޑައަޅާފައިވާ އަދަދަށްވުރެ، 28 އިންސައްތަ އިތުރު އަދަދެކެވެ.
ޕީ.އެސް.އައި.ޕީއަކީ ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ ޢުމްރާނީ ވަޞީލަތްތައް ޤާއިމުކުރުމަށް ދައުލަތުން އިސްކަންދޭ މަޝްރޫޢުތައް ހިމެނޭ މެދުރާސްތާ ޕްލޭނެކެވެ. މިއަހަރުގެ ޕީ.އެސް.އައި.ޕީ އެކުލަވާލާފައިވަނީ ހިނގަމުންދާ މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް ޖާގަދިނުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅުތަކުގެ ތެރެއިން މިހާތަނަށް ބަޖެޓުން ޖާގަނުދެވިވާ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ޖާގަދިނުމަށެވެ. ސަރުކާރުގެ ސިޔާސަތަކާ އެއްގޮތަށް މިއަހަރުގެ ބަޖެޓުން ބިޔަ މަޝްރޫޢުތަކަށް ޖާގަދެވިފައިވާނެކަން ފިނޭންސް މިނިސްޓްރީން މީގެކުރިން ވަނީ ފާހަގަކޮށްފައެވެ.
ފިނޭންސް މިނިސްޓްރީން ނެރެފައިވާ އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓުގައިވާގޮތުން، ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް، ޕީ.އެސް.އައި.ޕީއަށް މިއަހަރުގެ އޮކްޓޫބަރުމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް 9.3 ބިލިއަން ރުފިޔާވަނީ ހޭދަކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޕީއެސްއައިޕީއަށް ހޭދަކޮށްފައިވަނީ 6.1 ބިލިއަން ރުފިޔާއެވެ.
ޕީ.އެސް.އައި.ޕީގެ ތެރެއިން މިހާތަނަށް އެންމެ ބޮޑު ޚަރަދެއްކޮށްފައިވަނީ މަގު ހެދުމާއި، ބިން ހިއްކުން އަދި ބަނދަރު ހެދުމުގެ މަޝްރޫޢުތަކަށެވެ.
• ބިން ހިއްކުމުގެ މަޝްރޫޢުތަކަށް – 2.5 ބިލިއަން ރުފިޔާ
• އެއަރޕޯޓުތައް ތަރައްޤީކުރުމުގެ މަޝްރޫޢުތަކަށް – 1.2 ބިލިއަން ރުފިޔާ
• ފެނާއި ނަރުދަމާގެ ނިޒާމްތައް ޤާއިމްކުރުމަށް –1.2 ބިލިއަން ރުފިޔާ
• މަގު ހެދުމުގެ މަޝްރޫޢުތަކަށް – 2.5 ބިލިއަން ރުފިޔާ
މިއަހަރުގެ ބަޖެޓުގައި ޖުމްލަ 8.5 ބިލިއަން ރުފިޔާ ޕީ.އެސް.އައި.ޕީއަށް ކަނޑައަޅާފައިވެއެވެ. މިއީ ބަޖެޓުގެ 19.7 އިންސައްތައެވެ.
ބަޖެޓުގައި ލަފާކުރި އަދަދަށް ވުރެ އިތުރަށް ޕީއެސްއައިޕީއަށް ޚަރަދުވެފައިވާއިރު، ބަޖެޓު ޚަރަދުތައް ހަމަޖެއްސުމަށް، އިތުރު 6.5 ބިލިއަން ރުފިޔާ ޚަރަދުކުރުމުގެ ހުއްދަ ހޯދުމަށް، ސަރުކާރުން ސަޕްލިމަންޓްރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް މިހާރުވަނީ ހުށަހަޅާފައެވެ.
ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި ހުށަހަޅާފައިވާ 6.5 ބިލިއަން ރުފިޔާގެ ތެރެއިން ސަބްސިޑީ ދިނުމަށް 1.8 ބިލިއަން ރުފިޔާ، އާސަންދައަށް 1.2 ބިލިއަން ރުފިޔާ އަދި ޕީއެސްއައިޕީގެ މަޝްރޫޢުތަކަށް 1.7 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.