ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ރަންވޭ ބޭނުންކުރުން މަޑުޖައްސާލާފައިވަނީ، ސަރުކާރު ބަދަލުވުމުގެ މަރުޚާލާ ކުރިއަށްދާތީކަމަށް ރީޖަނަލް އެއަރޕޯޓްސްއިން ވިދާޅުވެއްޖެއެވެ. އެ ކުންފުނިން ކުރިން ނިންމާފައި އޮތީ، ރަންވޭގެ 1400 މީޓަރުގެ މަސައްކަތް ނިމޭއިރަށް، އައު ރަންވޭ ވަގުތީގޮތުން އޮޕަރޭޝަނަށް ގެނައުމަށެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޙަޤީޤީ އިންޓަރނޭޝަނަލް އެއަރޕޯޓެއްގެ ގޮތުގައި ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ފެށްޓެވީ މިއަހަރުގެ ޖެނުއަރީމަހުއެވެ. އެގޮތުން ދުނިޔޭގައި ބޭނުންކުރާ އެންމެ ބޮޑެތި މަތިންދާބޯޓުތައް އޮޕަރޭޓްކުރާ ފެންވަރުގެ އެއަރޕޯޓެއްގެ ގޮތުގައި އެ ޕްރޮޖެކްޓް އަންނަނީ ކުރިއަށްގެންދަމުންނެވެ.
މި މަޝްރޫޢު ކުރިއަށްގެންދިއުމަށް ޕްލޭންކޮށްފައިވަނީ، އައު ރަންވޭގެ ބައެއް ނިންމާ، ޑޮމެސްޓިކް ދަތުރުތަކަށް ވަގުތީގޮތުން ރަންވޭ ބޭނުންކުރަން ހުޅުވާލުމަށެވެ. އަދި އެއަށްފަހު މިހާރުގެ ރަންވޭއާއި ޓަރމިނަލް ނަގާ، އެ ސަރަޙައްދު ކަނޑައެޅިފައިވާ ޕްލޭންގެ ދަށުން ތަރައްޤީކުރަން ފެށުމަށެވެ.
މި މަސައްކަތް ކުރިއަށްގެންދާ ކުންފުނި، ރީޖަނަލް އެއަރޕޯޓްސްއިން ކުރިން ނިންމާފައި އޮތީ، އޮގަސްޓްގެ ނިޔަލަށް އައު ރަންވޭގެ އެއްބައި ނިންމާ، ސެޕްޓެމްބަރުގައި އެ ސަރަޙައްދު ބޭނުންކުރަން ހުޅުވާލުމަށެވެ.
މިކަމުގެ ތަފްޞީލު ޙިއްސާކުރައްވަމުން ރީޖަނަލް އެއަރޕޯޓްސްގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ރިޒްވީ ވިދާޅުވީ، ރަންވޭގެ 1400 މީޓަރުގެ ސަރަޙައްދުގައި ތާރު އަޅުމުގެ މަސައްކަތް ނިންމާފައިވާކަމަށެވެ. އަދި އެ ރަންވޭ ސަރަޙައްދު ވަގުތީގޮތުން ބޭނުންކުރަން ހުޅުވާލެވޭ މިންވަރަށް މަސައްކަތްތައް ނިމިފައިކަމަށްވެސް ރިޒްވީ ވިދާޅުވިއެވެ.
ރީޖަނަލް އެއަރޕޯޓްސްއިން ނިންމާފައި އޮތީ، އައު ރަންވޭއިން ބައެއް ބޭނުންކުރަން ހުޅުވާލުމަށްފަހުގައި، މިހާރު ބޭނުންކުރަމުންދާ ރަންވޭއާއި ޓަރމިނަލް ނެގުމަށެވެ. މިހާރުގެ ރަންވޭއާއި ޓަރމިނަލް ހުރި ސަރަޙައްދަކީވެސް، އެއަރޕޯޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ތެރެއިން ބައެއް ކަހަލަ އެހެން ޑިވެލޮޕްމަންޓްތައް އަންނަ ސަރަޙައްދެކެވެ.
ރިޒްވީ ވިދާޅުވީ، ސަރުކާރު ބަދަލުވުމުގެ މަރުޚަލާ ކުރިއަށްދާތީ މި ނިންމުމަށް ބައެއް ކަހަލަ ބަދަލު ގެނެސްފައިވާކަމަށެވެ. އައު ރަންވޭ ބޭނުންކުރެވޭ ޙާލަތުގައި އޮތް ނަމަވެސް، ސަރުކާރު ބަދަލުވުމުގެ މަރުޙަލާގައި އައު ސަރުކާރުގެ އިތުރު ނިންމުންތަކެއް ހުރެދާނެކަމަށް ބަލާ، މިވަގުތަށް އައު ރަންވޭ ބޭނުންކުރުން ފަސްކުރުމަށް ނިންމާފައިވާކަމަށެވެ.
ކުރިން ހަމަޖެހިފައި އޮތްގޮތުން، ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން އާ ރަންވޭ އޮޕަރޭޝަނަށް ގެނައުމަށް އޮތީ ނިންމާފައެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް މަޝްރޫޢުއަކީ ރާއްޖޭގައި އަތޮޅުތަކުގައި މިހާތަނަށް ކުރިއަށްގެންދާ އެންމެ އަގު ބޮޑު މަޝްރޫޢުއެވެ. މިއީ 136.6 މިލިއަން ޑޮލަރުގެ މަޝްރޫޢުއެކެވެ.
މި ޕްރޮޖެކްޓްގައި 2465 މީޓަރުގެ ރަންވޭއެއް ތަރައްޤީކުރެއެވެ. އެއަރޕޯޓްގެ މަސައްކަތް ނިމިގެންދާއިރު ބޮއިންގ 737 އާއި A320 މަރުކާގެ ބޮޑެތި ބޯޓު މިރަންވޭއަށް ޖެއްސޭނެ ކަމަށް ރީޖަނަލް އެއަރޕޯޓްސްއިން ބުނެއެވެ. މި އެއަރޕޯޓުން އެއްފަހަރާ 1.3 މިލިއަން ފަސެންޖަރުންނަށް ޚިދުމަތް ދެވޭނެއެވެ.
މި މުޅި މަޝްރޫޢު އަންނަ އަހަރުގެ ތެރޭގައި ނިންމުމަށް ވަނީ ކަނޑައަޅާފައެވެ.