ޚަބަރު

މަރަކަށްފަހު މަރެއް، ހިތާމަކުރާނެ ފުރުޞަތެއް ނެތް


  • ކޮންމެ ދުވަހަކު އެތައް ބަޔަކު ދަނީ މަރުވަމުން

  • ޣައްޒާގައި ގެއަކީ މިހާރު އިންޒާރެއް ނެތި ކުއްލި ފަނާވުމަކަށް ތަބާވާ ތަނެއް

  • މިއީ ހަނގުރާމަ ހިނގާތާ 18 ވަނަ ދުވަސް

ކޮންމެ ފޯނުކޯލަކާއެކު އަޑުއިވިގެންދަަނީ މީހެއްގެ މަރުގެ ޚަބަރެވެ. ކޮންމެ މެސެޖަކުން އެނގިގެންދަނީ ރައްޓެއްސެއްގެ ގެ ހަލާކުވިކަމެވެ. އަދި ކޮންމެ ވައިގެ ހަމަލާއަކުން، ހަލާކުވެފައިވާ ޣައްޒާގެ ގެތަކުގައި ދިރި ތިބި މީހުންގެ ހިތްތަކަށް ފޮނުވާލަނީ އިންތިހާ ދަރަޖައިގެ ބިރުވެރިކަމެވެ.

ޣައްޒާގެ ބިމުގައި ”ގެ“ އަކީ މިހާރު ދިރިއުޅުމާއި އަރާމުކުރުމަށް ހުރި ތަނެއް ނޫނެވެ. އޭގެ ބަދަލުގައި އެއީ އިންޒާރެއް ނެތި ކުއްލި ފަނާވުމަކަށް ޣައްޒާގެ މުސްލިމުން ރެޔާއި ދުވާލު ތަބާވާ ތަނެކެވެ. ޣައްޒާގެ ރައްޔިތަކަށް މިއަދު އޮތްގޮތަކީ، ހަމައެކަނި އާއިލާއެކު ދިިރިހުރުމާއި، ލޯބިވާ މީހެއްގެ ހިތްދަތި ގެއްލުމުން ނުވަތަ ނިޔާވުމަކާ ކުރިމަތިލުމެވެ.

އެތަކެއް ބަޔަކު އެވަނީ ސިވިލް ރަޖިސްޓްރީން ފުހެވިފައިވެއެވެ. އެތަކެއް ޒުވާނުންގެ ހުވަފެންތައް އެވަނީ ވިއްސިވިހާލިވެގެން ގޮސްފައެވެ. އެތަކެއް ތުއްތު ކުދިންނެއް އެދަނީ ރެޔާއި ދުވާލު ޣައްޒާގެ ބިމަށް އެކުދިންގެ އެންމެ ފަހުގެ ނޭވާ ދޫކުރަމުންނެވެ. އެކުގައި މި ބިމުން ފޮހެވިފައިވާ އާއިލާތަކަށް ބަލާށެވެ. ފުރަތަމަ ނަޒަރުން ބަލާއިރު އެއީ މުސީބާތެއް ކަމުގައި ހީވި ނަމަވެސް ގާތުން ބަލާއިރު އެއީ ކެއްތެރިކަމެއް ނެތް ބޮން ގޮއްވާލުމުގެ ދަށުން ލިބުނު ހިތާމަވެރި އަދި ރަހުމުކުޑަ ނިންމުމަކާ ވައްތަރު ކަމެކެވެ.

ޣައްޒާގައި އެއްވެސް މީހަކަށް ހިތާމަކުރާކަށް ފުރުސަތެއް ނެތެވެ. ސަބަބަކީ ހިތާމަކުރުމަށް އެ ލިބޭ ފަޅި ސިކުންތުގައި ދެވަނަ ހިތާމައެއް އެމީހުނަށް ބޯމަތިވާތީއެވެ.

މިސާލަކަށް ތިބާއަކީ ޣައްޒާގެ ފިރިހެނެއް ނަމަ ތިބާގެ މައުސޫމް ތުއްތު ދަރިފުޅުގެ ހިތާމަވެރި ވަކިވުމުގެ ޚަބަރު ތިބާއަށް ލިބޭ ހިނދު، އެއާއި ވިދިގެން އަނބިމީހާގެ މަރުގެ ޚަބަރު އަޑުއަހަށް ތިބާއަށްވެސް ކުޅަދާނައެއް ނުވާނެކަން ޔަގީނެވެ. ހިތާމައަކީ މިއީ މިއަދު ޣައްޒާގެ ރައްޔިތުން ރެޔާއި ދުވާލު ކަނޑައްތުކުރަމުން ގެންދާ ބިރުވެރިކަމާއި ހިތާމަވެރިކަމުން ފުރިގެންވާ ޙާލަތުކަމެވެ.

ދުނިޔޭގެ ޚަބަރުތަކަށް ބަލާލާއިރު، ޣައްޒާއަށް އެހީގެ ޓްރަކުތައް ވަންނަ ހަލަބޮލިކަން ފެނުމުން ދުނިޔޭގެ އިސްކަންދޭ ކަންތައްތަކަކީ އެންމެ ކަނބޮޑުވާކަމަކަށް ނުބެލެވެއެވެ. ހަނގުރާމަ ހުއްޓުވުމަށް ކުރާ މަސައްކަތަށް އިސްކަންދިނުމުގެ ބަދަލުގައި ބާރު އަޅާފައި ހުންނަނީ އެހީ ފޯރުކޮށްދިނުމަށް ކަމަށް ފެނެއެވެ. ކާބޯތަކެއްޗާއި ފެނާއި އެނޫންވެސް އެހީތަކަށްވުރެ ބޮޑަށް ޣައްޒާގެ ރައްޔިތުންނަ ބޭނުންވާ އެއްޗަކީ އަނިޔާވެރިކަމާއި ލޭއޮހޮރުވުމާއި ފަނާކުރުން ނިމުމަކަށް ގެނައުމެވެ. އެމީހުން އެދަނީ ހަނގުރާމަ ހުއްޓާލުމަށް ރޮއެ އާދޭސްކުރަމުންނެވެ. އެމީހުންގެ އާދޭހަކީ މިކަމަށް ނިމުމެއް ގެނެސްދިނުމެވެ. އެއްވެސް ފަރާތަކުން މިކަމަށް ބީރުކަންފަތެއް ނުދިނުމެވެ.

މިހާރު މިއީ ޣައްޒާގައި ހަނގުރާމަ ހިނގަމުންދާތާ 18 ވަނަ ދުވަހެވެ. ވަގުތު ފާއިތުވަމުން ދިޔަ ނަމަވެސް ލާއިންސާނީ ކަމުން ހައްދުފަހަނައަޅާފައިވާ ޔަހޫދީން ދެމުންދާ ހަމަލާތަކަށް ބަދަލެއް ނާދެއެވެ. ބޮންގޮއްވާލުމާއި މީހުން މަރަމުންދާ ހާލަތު ތަކުރާރުވަމުންދާއިރު ޣައްޒާ އަދިވެސް އޮތީ މި ހާލަތުތެރޭގައި ތާށިވެފައެވެ. ލިބެމުންދާ އަނިޔާތަކުން ސަލާމަތްވުމަށް ޣައްޒާގެ މުސްލިމުންނަށް އަމާންކަން ލިބޭނެ ދޮރެއްގެ ހިލަމެއް އަދިއެއް ނުފެނެއެވެ.