ޚަބަރު

އެކަށީގެންވާ ފަރުވާއެއް ނުލިބި، ޣައްޒާގައި ކިޑްނީ ބަލީގެ މީހުން ތިބީ ގޮތްހުސްވެފައި


  • ކިޑްނީ ބަލިޖެހިފައިވާ މިީހުންގެ އަދަދު ވަނީ އިތުރުވެފައި

  • އެކަށީގެންވާ އަދަދަށް ޑައިލިސިސް މެޝިންތަކެއް ނެތް

ފަލަސްޠީންގެ ޣައްޒާގެ އަލް އަޤްޞާ ޝަހީދުންގެ ހޮސްޕިޓަލުގައި ކިޑްނީ ޑައިލިސިސްގެ ޚިދުމަތް ހޯދާ މީހުންގެ އަދަދު ދެގުނައަށްވުރެ އިތުރުވެފައިވާއިރު، އެތައް ސަތޭކަ މީހުންނަށް ދަތި އުނދަގުލުގައި ޑައިލިސިސްގެ ޚިދުމަތް ދެމުން އަންނަނީ އެންމެ 24 މެޝިންގެ އެހީގައެވެ.

ޣައްޒާގެ މެދުތެރޭގައި ހިނގަމުންދާ އަލް އަޤްޞާ ޝަހީދުންގެ ހޮސްޕިޓަލަކީ އެ ސަރަޙައްދުގައި މިވަގުތު ހިނގަމުންދާ ހަމައެކަނި ހޮސްޕިޓަލެވެ. ބަލި މީހުންނާއި، ސަލާމަތާއި ރައްކާތެރިކަން ހޯދުމަށް ޖަމާވެފައިވާ މީހުންނާއެކު އެ ހޮސްޕިޓަލުގެ ޖާގަ މީގެ ދުވަސްތަކެއް ކުރިން ވަނީ ފުރިފައެވެ.

ޒަޚަމްވެފައިވާ މީހުން ހޮސްްޕިޓަލުގެ ތަޅުންމަތީގައި އޮށޯވެ، މެޑިކަލް ޓެންޓުތަކާއި، ގޮދަނޑިތަކާއި، އިމާރާތުގެ ބޭރުގައި ހުރި ޖާގަތައް ފުރިފައިވާއިރު، ޝަހީދުވެފައިވާ މީހުންގެ ހަށިތައް އެ ފެސިލިޓީއަށް ހުއްޓުމެއްނެތި ދަނީ އަންނަމުންނެވެ.

ފަލަސްޠީނުގެ ގެދޮރު ގެއްލިފައިވާ އެތައް ހާސް ބަޔަކު ވަނީ ހޮސްޕިޓަލުގެ ކޯރިޑޯތަކާއި، ވެއިޓިން ރޫމްތަކުގައި ފިތިގެން ތިބެއްޖެހުނު ކަމުގައިވިޔަސް އެތަންތަނުގެ ހިމާޔަތް ހޯދާފައެވެ. މީގެ އިތުރުން ވަށާލެވިފައިވާ އެންކްލޭވްގެ އުތުރުގެ ހޮސްޕިޓަލުތަކުގައި ނޭވާލާ ނިޒާމުގެ ބަލިތަކާއި ދިގުމުއްދަތަކަށް ފަރުވާ ކުރަންޖެހޭ ބަލިތަކަށް ފަރުވާ ކުރާ ގިނަ ބަޔަކު މިހާރު ތިބީ އަލް އަޤްޞާ ޝަހީދުންގެ ހޮސްޕިޓަލުގައެވެ.

ގިނަ ބަޔަކު މި ހޮސްޕިޓަލުން ރައްކާތެރިކަން ހޯދާފައި މިވަނީ އިސްރާއިލުގެ އަސްކަރިއްޔާއިން އަމިއްލަ ގެދޮރު ދޫކޮށްލުމަށް ނެރުނު އަމުރަށް ފަހުއެވެ.

އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އިސްރާއިލުގެ ހަމަލާ ފެށުމުގެ ކުރިން އެ ހޮސްޕިިޓަލުގައި ޑައިލިސިސް ހަދަން ޖެހޭ 143 ބަލި މީހުން ތިއްބެވެ. މިހާރު ޑައިލިސިސް ހަދަން ޖެހޭ ބަލިމީހުންގެ އަދަދު 300 އަށް އިތުރުވެފައިވާއިރު، އޭގެ ތެރޭގައި 11 ކުޑަކުދިން ހިމެނެއެވެ.

ޔަހޫދީ އިސްރާއީލު ސިފައިންގެ ޙަމަލާ ބަދަލުކުރުންތައް އިތުރުކުރުމާއެކު ޒަޚަމްވެފައިވާ އެތައް ހާސް މުސްލިމުންނަކާއެކު މުޅި ފަލަސްތީނުގެ ޞިއްޙީ ނިޒާމުވެސް އެކީހެން ވަނީ އިނދަޖެހިފައެވެ. ފަރުވާއަށް ބޭނުންވާ ބޭހާއި އާލާތްތަކާއި ވަޞީލަތްތައް، އެ ޚިދުމަތްތައް ބޭނުންވާ މީހުންގެ ނިސްބަތާއި ގާތަށްވެސް ނެތެވެ.

މިއާއެކު ޞިއްޙީ ޚިދުމަތްތެރިންނަށް ޚިދުމަތް ދިނުމުގައި ހިފެހެއްޓުންތަކެއް ގެންގުޅުމަށްވެސް މިވަނީ މަޖުބޫރުވެފައެވެ. މުޅި ހޮސްޕިޓަލުވެސް އޮތީ މިއިން ދުވަހަކަށް ނުވެއްޓޭހާ އުނދަގޫ ޙާލަތަކަށް ވެއްޓިފައިކަމަށް އެ ހޮސްޕިޓަލުގެ ޑިރެކްޓަރ ޖެނެރަލް އިޔާދު އީސާ އަބޫޒާހީރު ވިދާޅުވިއެވެ.

ކިޑްނީ ބަލި ތަޙައްމަލުކުރާ މީހުންނަށް ބަލާނަމަ، ޑައިލިސިސްގެ ޚިދުމަތަކީ އެމީހުންގެ ދިރިހުރުމާއި ގުޅިފައިވާ މުހިންމު ޚިދުމަތެކެވެ. އަލް އަޤްޞާ ޝަހީދުންގެ ހޮސްޕިޓަލުން ޑައިލިސިސްގެ ޚިދުމަތް ހޯދާ ފަރާތްތަކަށް މީގެ ކުރިން ހަފްތާއަކު 3 ފަހަރު މި ޚިދުމަތް ފޯރުކޮށްދެމުންދިޔައެވެ. ނަމަވެސް މިހާރު ކުރިމަތިވެފައިވާ އިންސާނީ ކާރިސާއާއެކު ކިޑްނީ ޕޭޝަންޓުންނަށް އެމީހުންގެ ޓްރީޓްމަންޓް މިހާރު ދެވެނީ ހަފްތާއަކު އެއް ފަހަރު ނުވަތަ ދެ ފަހަރު އެއްގަޑިއިރު ނުވަތަ ދެގަޑިއިރަށެވެ.

މިމަހުގެ ތެރޭގައި ޙަމަލާ ބަދަލުކުރުންތައް ފެށުމުގެ ކުރިންވެސް ޣައްޒާގެ ހެލްތު މިނިސްޓްރީން ވަނީ، އެކަށީގެންވާ ފިއުލާއި، މެޑިކަލް އާލާތްތައް ނެތުމުގެ ސަބަބުން 1100 ކިޑްނީ ޕޭޝަންޓުގެ ފުރާނަ ނުރައްކަލަށް ހުށަހެޅިފައިވާކަމުގެ އިންޒާރުދީފައެވެ. މީގެ ތެރޭގައި 38 ތުއްތު ކުދިންވެސް ހިމެނެއެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީގެ ހޮސްޕިޓަލް ފާމަސީ ޑިޕާޓްމަންޓްގެ ޑިރެކްޓަރ އަލާ ހެލެސް ބުނިގޮތުގައި އެ ސަރަހައްދުގެ ހޮސްޕިޓަލުތަކުން ކޮންމެ މަހަކު 13،000 ޑައިލިސިސް ސެޝަން ދޭކަމަށެވެ. މިކަމަށް މަހަކު 13،000 އަށްވުރެ ގިނަ ފިލްޓަރރާއި 13،000 ލޭ އެއްކުރާ ޓިއުބް އަދި 26،000 ކެނިއުލާ ބޭނުންވާކަމަށެވެ.

އެހެންނަމަވެސް މިހާރު އިސްރާއިލާއި މިޞްރުން އެ ސަރަޙައްދުގެ ބޯޑަރު ހުރަސްކުރާ ތަންތަން ކޮންޓްރޯލް ކުރާތީ ބަލިމީހުންނަށް ފަރުވާ ދިނުމަށް އެކަށީގެންވާ ސާމާނު ލިބޭނެތޯ މިއީ މިހާރު އަބަދުހެން އުފެދޭ ސުވާލެއްކަމަށް އޭނާ ބުންޏެވެ.

އިސްރާއިލުގެ ބްލޮކޭޑްގެ ދަށުގައި ޣައްޒާ އޮންނަތާ 16 އަހަރުވެފައިވާއިރު އިސްރާއިލާއި މިސްރާ ދެމެދު ވަނީ މުދަލުގެ ދަތުރުފަތުރު ކުޑަކޮށްފައެވެ.