ޚަބަރު

ނުވިކި ހުރި ވިނަރެސް ފްލެޓްތަކަށް ކުރިމަތިލުމަށް ހުޅުވާލަނީ


  • ވިނަރެސް މަޝްރޫޢުގައި ހިމެނެނީ 1344 ހައުސިން ޔުނިޓް

  • އެކި ސަބަބުތަކާހުރެ ބައެއް ފްލެޓްތައް ދަނީ ދޫކޮށްލަމުން

  • ފޯމު ހުށައަޅަން ހުޅުވާލާނީ އަންނަ މަހު 5ގައި

ވިނަރެސް މަޝްރޫޢުގައި ނުވިކި ހުރި ފްލެޓްތަކަށް ކުރިމަތިލުމަށް ހުޅުވާލަން ނިންމާފައިވާކަމަށް އެޗްޑީސީން ބުނެފިއެވެ.

އެޗްޑީސީން ހާމަކުރިގޮތުގައި މިހާރު ހުޅުވާލުމަށް ތައްޔާރުވަމުންދަނީ އެކި ސަބަބުތަކާހުރެ ދޫކޮށްލާފައިވާ ފްލެޓްތަކަށެވެ.

ވިނަރެސް މަޝްރޫޢުގައި ހިމެނެނީ 1344 ހައުސިން ޔުނިޓެވެ. މީއީ މުޅިންވެސް 3 ކޮޓަރީގެ އެޕަރޓްމަންޓްތަކެވެ. ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓް އެޗްޑީސީ އާއްމުކުރީ މިއަހަރުގެ ފެބްރުއަރީ މަހުއެވެ. ފައިސާ ދެއްކުމުގެ ގޮތްތައް ހަމަޖައްސާ ގިނަ ފަރާތްތަކުން އެގްރިމެންޓް ހަދާ، މިހާރު ވަނީ އެ ފަރާތްތަކާ ތަޅުދަނޑި ހަވާލުކުރަން ފަށާފައެވެ.

އެޗްޑީސީން ވިދާޅުވީ ފްލެޓް ލިސްޓުގައި ހިމެނޭ މީހުން ފުރިހަމަކުރަންޖެހޭ މަރުހަލާތައް ނިންމާ، މި ފަރާތްތަކުން ފްލެޓް އިޚުތިޔާރުކޮށް ނިމުމުން އަދި އެޕްލިކޭޝަން ދޫކޮށްލުމަށް އެދިފައިވާ މީހުންގެ އަދަދަށް ބެލުމަށް ފަހުވެސް ބާކީ ފްލެޓްތަކެއް ނުވިކި ހުންނާނެ ކަމަށް އަންދާޒާކުރެވޭކަމަށެވެ. އެހެންކަމުން އެފަދަ ފްލެޓްތައް ގަތުމަށް، އާއްމުކޮށް ހުޅުވާލުމަށް އެޗްޑީސީން ވަނީ ނިންމާފައެވެ.

ނަމަވެސް ނުވިކި ހުރި ފްލެޓްތަކުގެ ޢަދަދު އެނގޭނީ، މިހާރު ފްލެޓް ލިބުނު މީހުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށް، މިމަމުގެ 31ވަނަ ދުވަހަށް ދީފައިވާ މުހުލަތުގެ ފަހުން ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

އެޗްޑީސީން ވިދާޅުވީ ފޯމު ހުށައެޅުމަށް ހުޅުވާލުމަށް ނިންމާފައިވަނީ ނޮވެމްބަރު މަހުގެ 5ވަނަ ދުވަހުކަމަށެވެ. ފޯމު ހުށައެޅޭނީ އެޗްޑީސީގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށެވެ.

ވިނަރެސް ފްލެޓްތަކުގެ އަގު އުޅެނީ 2.52 މިލިއަން ރުފިޔާއާއި 2.59 މިލިއަން ރުފިޔާއާ ދެމެދުގައެވެ. މި ފްލެޓްތަކަށް ދެ ގޮތަކަށް ފައިސާ ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އެއީ އެއްފަހަރާ ފައިސާ ދައްކައިގެން ފްލެޓް ގަތުން ނުވަތަ 20-25 އަހަރަށް ބަހާލައިގެން މަހުން މަހަށް ފައިސާ ދައްކާ ނިންމާގޮތަށެވެ.

މިމަހުގެ 22ވަނަ ދުވަހު ސަރުކާރުން ވަނީ، ވިނަރެސް ފްލެޓަށް ފައިސާ ދެއްކުމުގެ އިންޓްރެސްޓް ރޭޓް %9އިން %6އަށް ކުޑަކޮށްފައެވެ. އިންޓްރެސްޓް ރޭޓް ކުޑަކޮށްފައިވަނީ ދިގު މުއްދަތަކަށް ބަހާލައިގެން ކުލިދައްކާ ފަރާތްތަކަށެވެ.