ޚަބަރު

ތިންވަނަ ކުއާޓަރުގައި ބީއެމްއެލަށް ސާފު ފައިދާގެ ގޮތުގައި 481 މިލިއަން ރުފިޔާ


  • ހިންގުމުގެ ފައިދާގެ ގޮތުގައި ލިބިފައިވަނީ 660 މިލިއަން

  • ޓެކުހަށް ކެނޑުމުގެ ކުރިން ފައިދާގެގޮތުގައި ލިބިފައިވަނީ 659 މިލިއަން

  • 1.1 ބިލިއަން ރުފިޔާގެ އައު ލޯނު ދޫކޮށްފައިވޭ

ބޭންކު އޮފް މޯލްޑިވްސް، ބީއެމްއެލްއަށް މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 481 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

ބީއެމްއެލްއިން އާއްމުކޮށްފައިވާ މިއަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ރިޕޯޓުގައިވާގޮތުން، އެ ކުއާޓަރުގައި ސާފު ފައިދާގެގޮތުގައި ލިބިފައިވާ އަދަދަކީ މިއަހަރުގެ 2ވަނަ ކުއާޓަރުގެ ސާފު ފައިދާގެގޮތުގައި ލިބުނު 551 މިލިއަން ރުފިޔާއާއި އަޅާ ބަލާއިރު، 12 އިންސައްތަ ދަށް އަދަދެކެވެ.

މިއަަހަރުގެ ތިންވަނަ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި 660 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި އެ ކުއާޓަރުގައި ޓެކުހަށް ކެނޑުމުގެކުރިން ފައިދާގެގޮތުގައި ލިބިފައިވަނީ 659 މިލިއަން ރުފިޔާއެވެ.

ތިންވަނަ ކުއާޓަރުގައި 1.1 ބިލިއަން ރުފިޔާގެ އައު ލޯނު ދޫކޮށްފައިވާއިރު، ބޭންކުގެ ރައުސުލްމާލާއި ލިކިއުޑިޓީ ރޭޝިއޯވަނީ ޤާނޫނުން ލާޒިމްކުރާ މިންވަރަށްވުރެ މަތީގައި ހިފެހެއްޓިފައެވެ.
ބީއެމްއެލްގެ ތިންވަނަ ކުއާޓަރގެ މާތީ ނަތީޖާއާއި ގުޅޭގޮތުން އެބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވީ، އުއްމީދަކީ މި ހަރުދަނާ ނަތީޖާ ދަމަހައްޓާ މިއަހަރު ކާމިޔާބުކަމާއިއެކު ނިންމާލުންކަމަށެވެ.

" އިންފްލޭޝަން ޕްރެޝަރާއެކުވެސް ވިޔަފާރިދަނީ ކުރިއަރަމުން އަދި ހިންގުމުގެ ޚަރަދުވަނީ ނިމިދިޔަ ކުއާޓަރތަކާ އެއްވަރަށް ހިފެހެއްޓިފައި، ކަސްޓަމަރުން ބޭނުންވާ ގޮތަށް ޚިދުމަތް ފޯރުކޮށްދިނުމަށާއި ދިެވހިން ޚިޔާރުކުރާ ބޭންކުގެ ގޮތުގައި ދެމިއޮތުމަށް ބުރަކޮށް މިދަނީ މަސައްކަތްކުރަމުން،" ސްޓުމްކާ ވިދާޅުވިއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގައަކާއި އެކު 20 އަތޮޅުގައި 38 ބްރާންޗު 87 ސެލްފް ސަރވިސް ބޭންކިންގ ސެންޓަރު، 143 އޭޓީއެމް، 200އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގެ ޚިދުމަތެއް ބީއެމްއެލުންދަނީ ފޯރުކޮށްދެމުންނެވެ.