ޚަބަރު

ތިލަފުށީ ފޭސް 2؛ އިތުރު 39 ހެކްޓަރު ހިއްކާ ނިންމާލައިފި


  • ބިން ހިއްކުމުގެ މަސައްކަތް ކުރަނީ އެކި މަރުހަލާތަކަށް ބަހާލައިގެން

  • މިހާރު ވަނީ އޭރިއާ "ބީ"ހިއްކާ ނިންމާ، އޭރިއާ "އޭ"ހިންކަން ފަށާފައި

  • އޭރިއާ "އޭ" އަންނަ އަހަރުގެ ފެބްރުއަރީ މަހު ހިއްކާ ނިންމާނެ

ތިލަފުށީ ފޭސް 2 ހިއްކުމަށް ކަނޑައަޅާފައިވާ ސަރަހައްދު ހިއްކާ ނިންމާލައިފިއެވެ. މިއީ ތިލަފުށީ ފޭސް 2 ހިއްކުމަށް ކަނޑައަޅާފައިވާ ފުރަތަމަ އޭރިއާ ނުވަތަ އޭރިއާ "ބީ"އެވެ. އޭރިޔާ "ބީ"ގެ ދަށުން ހިއްކާފައިވަނީ 39.6 ހެކްޓަރުގެ ބިމެވެ.

ރާއްޖޭގެ ވިޔަފާރީގެ މައި ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްގެންދާ ތިލަފުށި ހިއްކުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. އަދި ހިއްކާ ނިމޭ މިންވަރަކުން އެ ސަރަހއްދު ހިމާޔަތްކުރުމުގެ މަސައްކަތް އެކުއެކީގައި އަންނަނީ ކުރަމުންނެވެ. ތިލަފުށި ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަނީ ޗައިނާ ހާރބަރ އިންޖިނިއަރިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުންނެވެ.

ވިޔަފާރީގެ މައި ހަބުގެ ގޮތުގައި ތިލަފުށި ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ މާރިޗްމަހުގެ ތެރޭގައެވެ. ބިން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަނީ އެކި މަރުހަލާތަކަށް ބަހާލައިގެންނެވެ. އެޗްޑީސީން ބުނީ ބިން ހިއްކުމުގެ މަސައްކަތުގެ ތެރެއިން އޭރިއާ "ބީ"ގައި ހިމެނޭ 39.6 ހެކްޓަރު ހިއްކާ ނިންމާފައިވާކަމަށެވެ. އަދި މިހާރު އޭރިއާ "އޭ" ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެޗްޑީސީން ބުނެއެވެ. އެގޮތުން އޭރިއާ "އޭ" ގައި ހިމެނޭ 71.5 ހެކްޓަރު އަންނަ އަހަރުގެ ފެބްރުއަރީ މަހު ނިންމާލެވޭނެކަމަށްވެސް އެކުންފުނިން ބުނެއެވެ.

އެޗްޑީސީން އެކުލަވާލާފައިވާ ތިލަފުށީގެ މާސްޓަރ ޕްލޭންގެދަށުން ތިލަފަޅުން 150 ހެކްޓަރު ހިއްކުމަށް ވަނީ ނިންމާފައެވެ. ތިލަފުށިން އަލަށް ހިއްކާ 150 ހެކްޓަރުގެ %60 ބޭނުންކުރާނީ ވިޔަފާރިތަކަށް ބިން ދޫކުރުމަށެވެ. އަދި ބާކީ ބަޔަކީ މަގުތަކާއި އާއްމު އެކިއެކި ޚިދުމަތްތަކާއި ގުޅޭ އިންފްރާސްޓްރަކްޗަރއެވެ.

ތިލަފުއްޓަކީ ޒަމާނީ ވަޞީލަތްތަކާއެކު އިޤްތިޞާދީ ހަބެއްގެގޮތުގައި ތަރައްޤީކުރުމަށް ހިންގާ މަޝްރޫޢުގެ ބޭނުމަކީ ސިނާޢީ މަސައްކަތްތަކަށް ހުރި ދަތިތަކަށް ބޮޑު ލުޔެއް ހޯދައިދިނުމާއި، ދިވެހި ވިޔަފާރިތަކަށް ހުރި ފުރުޞަތުތައް އިތުރުކުރުމެވެ. އަދި މިކަމުގެ ސަބަބުން މުދަލުގެ އަގުހެޔޮވެ، ދިވެހިންނަށް ލިބޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެގެންދާނެކަން ސަރުކާރުން ފާހަގަކުރައްވައެވެ.

މިމަޝްރޫއުގެ ދަށުން އަލަށް ހިއްކާ ސަރަހައްދުތައް އެޗްޑީސީން ތަރައްގީކުރަނީ ޖުމްލަ 6 ސަރަހައްދަކަށް ބަހާލައިގެންނެއެވެ. އެގޮތުން އިންޑަސްޓްރިއަލް މަސައްކަތްކުރުމަށް ވަކި ސަރަހައްދެއް ޚާއްސަކޮށްފައިވާއިރު، ލިކުއިފައިޑް ނެޗުރަލް ގޭސް ޕްލާންޓެއް އެޅުމަށްވެސް އަލަށް ބިން ހިއްކާ ސަރަހައްދުން ބޮޑު ބައެއް ޚާއްޞަކުރާނެއެވެ. އޭގެ އިތުރުން ލުއި ސިނާއީ މަސައްކަތް ކުރިޔަށް ގެންދިޔުމަށާއި މިކްސް-އޮފީސް އަދި ކުދި ވިޔަފާރިތަކަށްވެސް ސަރަހައްދުތަކެއް ކަނޑައަޅާފައިވެއެވެ.