ޚަބަރު

3ވަނަ ކުއާޓަރުގައި ދިރާގަށް 653 މިލިއަން ރުފިޔާގެ އާމްދަނީއެއް


  • މޯބައިލް ޚިދުމަތްތަކުންވަނީ 340 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައި

  • ފިކްސްޑު ބްރޯޑްބޭންޑު ޚިދުމަތްތަކުން ލިބިފައިވަނީ 293.5 މިލިއަން ރުފިޔާގެ އާމްދަނީއެއް

  • ސާފު ފައިދާގެ ގޮތުގައި ދިރާގަށްވަނީ 217 މިލިއަން ރުފިޔާ ލިބިފައި

މިއަހަރުގެ 3 ވަނަ ކުއާޓަރުގައި ދިރާގަށް 653 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ. މިއީ މިއަހަރުގެ ދެވަނަ ކުއާޓަރުގައި ދިރާގަށް އާމްދަނީގެ ގޮތުގައި ލިބުނު 640 މިލިއަން ރުފިޔާއާ އަޅާ ބަލާއިރު، 2އިންސައްތަ އިތުރު އަދަދެކެވެ.

ދިރާގުން އާމްދަނީ ހޯދަނީ މައިގަނޑު 2 ދާއިރާއަކުންނެވެ. އެއީ މޯބައިލް ޚިދުމަތްތަކާއި ފިކްސްޑް ލައިން، ބްރޯޑް ބޭންޑް އިންޓަނެޓާއި އެންޓަޕްރައިޒް ވިޔަފާރިތައް މެދުވެރިކޮށެވެ. ދިރާގުން އާއްމުކޮށްފައިވާ މިއަހަރުގެ 3 ވަނަ ކުއާޓަރގެ މާލީ ރިޕޯޓުގައިވާގޮތުން މޯބައިލް ޚިދުމަތްތަކުންވަނީ 340 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ. މިއަހަރުގެ ދެވަނަ ކުއާޓަރގައި މޯބައިލް ޚިދުމަތްތަކުން ލިބިފައިވަނީ 327 މިލިއަން ރުފިޔާއެވެ.

ފިކްސް ބްރޯޑްބޭންޑު ޚިދުމަތުން ލިބުނު އާމްދަނީއަށްވެސް 3 ވަނަ ކުއާޓަރުގައިވަނީ ކުރިއެރުން ލިބިފައެވެ. ތަފާސްހިސާބުތައް ދައްކާގޮތުން 3 ވަނަ ކުއާޓަރުގައި ފިކްސްޑު ބްރޯޑްބޭންޑު ޚިދުމަތްތަކުން 293.5 މިލިއަން ރުފިޔާ ލިބިފައިވެއެވެ. ދެވަނަ ކުއާޓަރުގައި ފިކްސް ބްރޯޑްބޭންޑް އާމްދަނީގެ ގޮތުގައި ދިރާގަށް ލިބިފައިވަނީ 289.2 މިލިއަން ރުފިޔާއެވެ.

3 ވަނަ ކުއާޓަރގައި ކުންފުނީގެ ހިންގުމުގެ ޚަރަދު ހުރީ 276 މިލިއަން ރުފިޔާގައެވެ. އަދި ޓެކްސްއަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި ދިރާގަށްވަނީ 217 މިލިއަން ރުފިޔާ ލިބިފައެވެ. މި އަދަދަކީ މިއަހަރުގެ 2 ވަނަ ކުއާޓަރުގައި ފައިދާގެ ގޮތުގައި ލިބުނު 227 މިލިއަން ރުފިޔާ އާއި އަޅާ ބަލާއިރު 5 އިންސައްތަ ދަށް އަދަދެކެވެ.

ދިރާގަށް ލިބުނު ފައިދާގެ އަދަދު ދަށަށް ގޮސްފައިވަނީ ތިންވަނަ ކުއާޓަރުގައި ކުންފުނި ހިންގުމުގެ ޚަރަދު އިތުރުވުމުންކަމަށް ދިރާގުން ފާހަގަކުރެއެވެ.