ޚަބަރު

ފަލަސްޠީނުގެ ރައްޔިތުންނަށް "މައިލޯ ސިޓީ ސްޕޯޓްސް ކުލަބު"ގެ ދީލަތި އެހީއެއް


  • އެހީގެ ގޮތުގައި 40000 ރުފިޔާ

  • ފައިސާ ޙަވާލުކޮށްފައި ވަނީ އައިއޭސީގެ ފަންޑަށް

  • މިއީ ކްލަބްގެ މެމްބަރުންނާއި ހެޔޮ އެދޭ ފަރާތްތަކުން ދީފައިވާ ފައިސާ

ފަލަސްޠީނުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް މައިލޯ ސިޓީ ސްޕޯޓްސް ކުލަބުން ދީލަތި އެހީއެއް ފޯރުކޮށްދީފިއެވެ.

އިސްރާއީލުގެ ހައްދުފަހަނައެޅި ޔަހޫދީން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ ހަމަލާގައި ޙާލުގައި ޖެހެމުން އަންނަ ރައްޔިތުންނަށް އެހީވުމަށް މައިލޯ ސިޓީ ސްޕޯޓްސް ކުލަބުން ވަނީ 40000 ރުފިޔާ ހަދިޔާކޮށްފައެވެ.

މައިލޯ ސިޓީ ސްޕޯޓްސް ކުލަބުން މިފައިސާ ޙަވާލުކޮށްފައި ވަނީ އިންޓަރނޭޝަނަލް އެއިޑް ކެމްޕޭންއިން ހިންގާ ފަންޑު "ޣައްޒާ އެމަރޖެންސީ ރިލީފް" އަށެވެ. އެކުލަބުން ވަނީ މިފައިސާ ޖަމާކުރިކަން ކްލަބުގެ ފޭސްބުކް ޕޭޖްގައި ހާމަކޮށްފައެވެ.

އެ ކުލަބުން ބުނީ މި ފައިސާއަކީ ހައްދުފަހަނައެޅި ޔަހޫދީ ސިފައިން ފަލަސްތީނަށް ދެމުންދާ ޙަމަލާތަކުގައި ހާލުގައި ޖެހިފައިވާ ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށްޓަކައި، އެ ކްލަބްގެ މެމްބަރުންނާއި ހެޔޮ އެދޭ ފަރާތްތަކުން ދީފައިވާ ފައިސާ ކަމުގައެވެ.

އައިއޭސީން އާންމު ކޮށްފައިވާ މައުލުމާތަށް ބަލާއިރު، މިހާތަނަށް ދިވެހިންގެ ފަރާތުން ޣައްޒާގެ ރައްޔިތުން އެހީވުމަށްޓަކައި މިމަހުގެ ތިންވަނަ ދުވަހާ ހަމައަށް 28 މިލިއަނަށްވުރެ ގިނަ ރުފިޔާއާއި، 17000 ހާހަށްވުރެ ގިނަ ޑޮލަރު ވަނީ ލިބިފައެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ފަލަސްޠީނާ ދެކޮޅަށް އިސްރާލުން ދެމުންދާ ލާއިންސާނީ އުދުވާންތަކުގައި ޝަހީދު ކޮށްލާފައިވާ ފަލަސްޠީނުގެ ރައްޔިތުންގެ ޢަދަދު ވަނީ 9000 އަށްވުރެ މައްޗަށް އަރާފައެވެ. މީގެ ތެރޭގައި ގިނަ ޢަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ހިމެނެއެވެ.