ޚަބަރު

3 ވަނަ ކުއާޓަރުގައި އުރީދޫއަށް 523.9 މިލިއަން ރުފިޔާ


  • މޯބައިލް ޚިދުމަތްތަކުން 401 މިލިއަން ރުފިޔާގެ ޢާމްދަނީއެއް

  • ފިކްސްޑް ބްރޯޑް ބޭންޑުން 122 މިލިއަން ރުފިޔާގެ އާމްދަނީއެއް

  • ސާފު ފައިދާގެ ގޮތުގައި 167 މިލިއަން ރުފިޔާ ލިބިފައިވޭ

މިއަހަރުގެ 3ވަނަ ކުއާޓަރުގައި އުރީދޫ މޯލްޑިވްސްއަށް 523.9 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ.

އުރީދޫ މޯލްޑިވްސްއިން ޢާންމުކޮށްފައިވާ މި އަހަރުގެ 3ވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާގޮތުން އެ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ލިބިފައިވަނީ، މި އަހަރުގެ 2ވަނަ ކުއާޓަރުގައި ލިބުނު 501 މިލިއަން ރުފިޔާގެ އާމްދަނީއާއި އަޅާ ބަލާއިރު 4.3 އިންސައްތައިގެ އިތުރު ޢަދަދެކެވެ.

މުވާސަލާތީ ކުންފުނި، އުރީދޫއިން އާމްދަނީ ހޯދަނީ މައިގަނޑު 2 ދާއިރާއަކުންނެވެ. އެއީ މޯބައިލް ޚިދުމަތްތަކާއި، ފިކްސްޑް ބްރޯޑް ބޭންޑް އެންޓަޕްރައިޒް ވިޔަފާރި މެދުވެރިކޮށެވެ. މާލީ ރިޕޯޓުގައިވާގޮތުން އެކުންފުންޏަށް މޯބައިލް ޚިދުމަތްތަކުންވަނީ 401 މިލިއަން ރުފިޔާގެ ޢާމްދަނީއެއް ލިބިފައެވެ. މި އަހަރުގެ ދެވަނަ ކުއާޓަރުގައި މޯބައިލް ޚިދުމަތްތަކުން ލިބިފައިވަނީ 386 މިލިއަން ރުފިޔާއެވެ.

ތިންވަނަ ކުއާޓަރުގައި ފިކްސްޑް ބްރޯޑް ބޭންޑް އެންޓަޕްރައިޒް ވިޔަފާރިތައް މެދުވެރިކޮށް އުރީދޫ މޯލްޑިވްސްއަށް 122 މިލިއަން ރުފިޔާގެ އާމްދަނީއެއްވަނީ ލިބިފައެވެ. މި އަދަދު މި އަހަރުގެ 2ވަނަ ކުއާޓަރުގައި ހުރީ 115 މިލިއަން ރުފިޔާގައެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން 3ވަނަ ކުއާޓަރުގައި ކުންފުނި ހިންގުމަށް 262 މިލިއަން ރުފިޔާވަނީ ޚަރަދުކޮށްފައެވެ.

އަދި ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި އުރީދޫއަށް 167 މިލިއަން ރުފިޔާ ލިބިފައެވެ. މި ޢަދަދަކީ މިދިޔަ އަހަރުގެ 2 ވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބުނު 158 މިލިއަން ރުފިޔާއާއި އަޅާ ބަލާއިރު 5.6 އިންސައްތަ އިތުރު ޢަދަދެކެވެ.

އުރީދޫ މޯލްޑިވްސްއަކީ 2005 ވަނަ އަހަރު ރާއްޖޭގައި ޓެލެކޮމިއުނިކޭޝަންގެ ޚިދުމަތްދޭން ފެށި ކުންފުންޏެކެވެ. އެކުންފުނީގެ 9.5 އިންސައްތަ ޙިއްސާ އާއްމުންނަށް ދީފައިވާއިރު، ބާކީ 90.5 އިންސައްތަ ހިއްސާއަކީ ޤަތަރުގެ ވަތަނިއްޔާ އިންޓަނޭޝަނަލްގެ ޙިއްސާއެވެ.