ޚަބަރު

މިދިޔަ މަހު މީރާއަށް ލިބުނު އާމްދަނީ 61.3 އިންސައްތަ އިތުރު


  • މީރާއަށް 2.01 ބިލިއަން ރުފިޔާ ބަލައިގަނެފައިވޭ

  • އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއިން

  • އާމްދަނީގެ ތެރޭގައި 77.10 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ

މިދިޔަ މަހު މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، މީރާއަށް 2.01 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް އެ އިދާރާއިން ވިދާޅުވެއްޖެއެވެ.

މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 61.3 އިންސައްތަ އިތުރު ޢަދަދެކެވެ. އަދި މިއީ ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 29.7 އިންސައްތަ އިތުރު ޢަދަދެއް ކަމަށް މީރާއިން ހާމަކުރެއެވެ.

މީރާއިން މައުލޫމާތު ދެއްވާގޮތުގައި އޮކްޓޯބަރު 2022 ގައި ލިބުނު ޢާމްދަނީއާއި އަޅައިބަލާއިރު އޮކްޓޯބަރު 2023 ގައި ލިބިފައިވާ ޢާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޖީ.އެސް.ޓީ، ޓޫރިޒަމް ލޭންޑް ރެންޓް، އެކްސްޕަޓްރިއޭޓް ކޯޓާ ފީ އަދި ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވާ ޢާމްދަނީ އިތުރުވުމެވެ. މީގެ ސަބަބަކީ ޖީ.އެސް.ޓީ، އެއަރޕޯޓު ޓެކުހާއި ފީ އަދި ގްރީން ޓެކުހުގެ ފައިސާ ދެއްކުމުގެ ސުންގަޑި އޮކްޓޯބަރުމަހުގެ ފުރަތަމަ ހަފްތާއަށް ފަސްވުން ކަމަށް މީރާއިން ވިދާޅުވެއެވެ.

ސެޕްޓެންބަރު 2022 އާއި އަޅައިބަލާއިރު ސެޕްޓެންބަރު 2023 ގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އިންސައްތަ 16.9 އިންސައްތައަށް އިތުރުވެފައިވުމުން، ފަތުރުވެރިކަމުގެ ދާއިރާއިން ލިބިފައިވާ އާމްދަނީ އިތުރުވެފައިވާކަމަށްވެސް މީރާއިން ވިދާޅުވެއެވެ.

އޮކްޓޯބަރު 2023 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ ޢަދަދަށްވުރެ އާމްދަނީ އިތުރުވެފައިވަނީ، ޓެކުހުގެ މުހިންމު ސުންގަޑި ހަމަވާ ދުވަހެއް، ރިޔާސީ އިންތިޚާބާ ގުޅިގެން ސަރުކާރުން ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅުމުން، މި ސުންގަޑި އޮކްޓޯބަރު 2023 ގެ ފުރަތަމަ ހަފްތާއަށް ފަސްވުމުންނެވެ.

އޮކްޓޯބަރު 2023 ގައި މީރާއަށް ބަލައިގަތް ޢާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއިންނެވެ. އެއީ 65.74 އިންސައްތަ ނުވަތަ 1.32 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކުހުންނެވެ. އެއީ 161.47 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން ޓޫރިޒަމް ލޭންޑް ރެންޓް ގެ ގޮތުގައި 152.82 މިލިއަން ރުފިޔާ، ގްރީން ޓެކުހުގެ ގޮތުގައި 92.56 މިލިއަން ރުފިޔާ، އެއަރޕޯޓު ޑިވަލޮޕްމެންޓް ފީ ގެ ގޮތުގައި 77.19 މިލިއަން ރުފިޔާ، އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 205.72 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

މިދިޔަމަހު މީރާއަށް ބަލައިގަނެފައިވާ ޢާމްދަނީގެ ތެރޭގައި 77.10 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.