ޚަބަރު

"ފުށިދިއްގަރުފަޅު" ހިއްކަން ފެށުން ފުރަތަމަ 100 ދުވަސް ތެރޭގައި


  • މި ޕްރޮޖެކްޓްގައި 1280 ހެކްޓަރުގެ ބިން ހިއްކާނެ

  • ހިއްކާ ބިމުން 11000 ގޯއްޗާއި، 26000 އަށްވުރެ ގިނަ ފްލެޓް ދޫކުރާނެ

  • ޑރ.މުޢިއްޒުގެ ވިސްނިންފުޅަކީ 20 އަހަރުގެ ހައުސިން ޕްލޭނެއް

ފުށިދިއްގަރުފަޅު ހިއްކުމުގެ ޢަމަލީ މަސައްކަތް، އައު ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފެއްޓެވުމަށް ހިމަނުއްވައިފިއެވެ. މިކަން އިޢުލާންކުރައްވާފައިވަނީ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހު ފަށްޓަވާނެ މަސައްކަތްތަކުގެ މެނިފެސްޓޯގައެވެ.

"ހަފްތާ 14" މެނިފެސްޓޯގައި ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީގެ ދާއިރާއިން މުހިންމު ގިނަ މަސައްކަތްތަކެއް ވަނީ ހިމަނުއްވާފައެވެ.

މާލެ ސަރަޙައްދުގެ ތޮއްޖެހުމާއި ބޯހިޔާވަހިކަމުގެ މައްސަލައަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުށައަޅުއްވާ އެންމެ ބޮޑު ޙައްލަކީ، މާލެ ކައިރި "ފުށިދިއްގަރުފަޅު" މަޝްރޫޢުއެވެ. އެމަނިކުފާނުގެ "ހަފްތާ 14"ގައި ހިމަނުއްވާފައިވަނީ ކުރިއަށް އޮތް 14 ހަފްތާގެ ތެރޭގައި، ފުށިދިއްގަރުފަޅު ހިއްކުމުގެ ޢަމަލީ މަސައްކަތް ފެއްޓެވުމަށެވެ.

މިއީ ވެރިކަމެއްގައި މިހާ ކުރީކޮޅު، ބޯހިޔާވަހިކަމުގެ މިފަދަ ބިޔަ މަޝްރޫޢުއެއް ފައްޓާވާ ފުރަތަމަ ވެރިކަމަށްވެގެންދާނެއެވެ. އެމަނިކުފާނުގެ ވެރިކަމުގެ 14 ހަފްތާ ހަމަވާނީ 2024 ވަނަ އަހަރުގެ ފެބްރުއަރީމަހުގެ ތެރޭގައެވެ.

މި ޕްރޮޖެކްޓްގައި 1280 ހެކްޓަރުގެ ބިން ހިއްކާނެއެވެ. އެއީ ހުޅުމާލެ ފޭސް 1،2 އެއްކޮށްލައިގެން، އޭގެ ތިންގުނައަށްވުރެ ބޮޑު ރަށެކެވެ.

އެމަނިކުފާނު އިޢުލާންކުރައްވާފައިވަނީ ހިއްކާ ބިމުން 11000 ގޯއްޗާއި، 26000 އަށްވުރެ ފްލެޓް ދޫކުރުމަށެވެ. ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫޢުއަށް އަންނަ އަހަރުގެ ބަޖެޓުގައި 400 މިލިއަން ރުފިޔާ ވަނީ ހިމަނުއްވާފައެވެ.

ބޯހިޔާވަހިކަމުގެ ދާއިރާއިން ފުރަތަމަ 100 ދުވަހު ކުރުމަށް ނިންމާފައިވާ އިތުރު ކަންކަމުގެ ތެރޭގައި، "ގެދޮރުވެރިކަމުގެ ޓްރަސްޓް ފަންޑް"ގެ އޮނިގަނޑު އެކުލަވާލުމާއި، ސިނަމާލެއާއި މާލެހިޔާ ފުލެޓުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ޚާއްސަ ބޯހިޔާވަހިކަމުގެ އައު މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުން ހިމެނެއެވެ. އަދި ރަށްރަށުގައި އަސާސީ ބޯހިޔާވަހިކަމަށް ދޫކޮށްފައިވާ ފްލެޓާއި ރޯހައުސްތަކަށް މަހުންމަހަށް ދައްކަން ޖެހޭ އަގު ކުޑަކޮށްދިނުމަށްވެސް ވަނީ ހިމަނާފައެވެ.

ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް %5 އިންޓްރެސްޓްގައި ތަޢާރަފުކުރާ ލުއި ލޯނާބެހޭ ސިޔާސަތު އެކުލަވާލާ އާއްމުކުރުންވެސް ި މެނިފެސްޓޯގައި ހިމެނެއެވެ.

މިގެއިތުރުން ފަތުުވެރިކަމުގެ ސިނާޢަތުގައި ވަޒީފާއަދާކުރާ މުވައްޒަފުންނަށް ޚާއްސަ "ސޯޝަލް ހައުސިންގ ކެޓަގަރީ"އެއް ކަނޑައެޅުމާއި، ބޯހިޔާވަހިކަމަށް ފޯމު ހުށައެޅުމާއެކު އެޕްލިކޭޝަންގެ ދަރަޖަ ވަގުތުން އެނގޭގޮތަށް ފާރުމާކޮށްފައިވާ "ހައުސިން އެޕްލިކޭޝަން ޕޮޓަލް" ޤާއިމުކުރުންވެސް ހިމެނެއެވެ.

"ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު" އިސްލާހުކުރުމުގެ ބިލް ޑްރާފްޓްކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުންވެސް ފުރަތަމަ 100 ދުވަހުގެ މަސައްކަތްތަކުގެ ތެރޭގައި ވަނީ ހިމަނާފައެވެ.