ޚަބަރު

ލަހުންދިޔަ ސްޕީޑުން ބާރު ސްޕީޑަށް ބަދަލުކޮށް ހަލުވިމިނުގައި މަޝްރޫއުތައް ކުރިއަށްގެންދާނަން: ރައީސް


  • ރައީސް ވަނީ މާލޭ އައު ގަޑިބުރު އިފްތިތާޙްކޮށްދެއްވާފައި

  • ރައީސް ވިދާލުވީ އެފަދަ އެތައް ބިނާއެއް އެކި ކަންކޮޅުތަކުގައި ބިނާކުރައްވާނެކަމަށް

  • ކައުންސިލްތަކަށް ފުރިހަމަ ބާރުވެރިކަން ދެއްވާނެކަމަށް

  • އާބަން ސެންޓަރުތަކެއް ޤާއިމްކުރައްވާނެކަމަށް

ޢަޒުމަކީ ލަހުންދިޔަ ސްޕީޑުން ބާރު ސްޕީޑަށް ބަދަލުކޮށް ހަލުވި މިނުގައި މަޝްރޫއުތައް ކުރިއަށްގެންދިއުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ވަޒީރުންވެސް ތިއްބެވީ އެގޮތުގައި އަވަހަށް މަޝްރޫޢުތައް ކުރިއަށް ގެންދަވަންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މާލޭ އައު ގަޑިބުރު އިފްތިތާހްކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެމަނިކުފާނުގެ އަމާޒަކީ މާލެއާއި ރަށްރަށުގައި ރައްޔިތުންނަށް ހިތްހަމަޖައްސާލެވޭނެ ގިނަ ބިނާތަކެއް ޤާއިމްކުރުންކަމަށެވެ. އެކަން ކުރައްވާނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތައް މެދުވެރިކޮށްގެންކަމަށް ރައީސް ވިދާޅުވިއެވެ. ކައުންސިލްތައް ބާރުވެރިކުރުމަކީ އެމަނިކުފާނުގެ ސަރުކާރުގެ މައިގަނޑު އެއް ވިސްނުންކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ މޭޔަރުކަގައި ހުންވައިގެން ލާމަރުކަޒީ ނިޒާމުގެ ތެރެއިން މަސައްކަތްކުރެއްވުމަށް ލިބިވަޑައިގެންނެވި ފުރުޞަތުގައި، މަޝްރޫޢުތައް ނުހިނގަނީ ކިހިނެއްވެގެންކަން ސާފުވެފައިވާކަމަށެވެ. އެކަމަށްޓަކައި ކައުންސިލްތައް ބާރުވެރިކުރުމަށް ޚާއްޞަ ވުޒާރާއެއް އުފެއްދެވީކަމަށާއި، ދެން ފެންނާނީ ކައުންސިލްތައް ރައްޔިތުން އެދޭގޮތަށް ބާރު ސްޕީޑުގައި ކުރިއަށްދާތަންކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

"މާލޭގައިވެސް އަޅުގަނޑު މޭޔަރަކަށް ހުރިއިރުގަ ހުއްދަ ނުދިން ރައްޔިތުންގެ ފައިދާއަށް ކުރަންހުރި ހުރިހާ މަޝްރޫޢުއެއްވެސް ދެން ބާރު ސްޕީޑުގައި ކުރިއަށް ދާނެ. ޚާއްޞަގޮތެއްގައި ޕާކިން ބިލްޑިންތައް އެޅުމަށްޓަކައި މާލެ ސިޓީ ކައުންސިލުން ނިންމާފަހުރި މަޝްރޫޢުތައް އެއްބަސްވުންތަކާ އެއްގޮތަށް އެކަން ކުރުމުގެ ފުރުޞަތު ސަރުކާރުން ދޭނަން. އޭގެ ސަބަބުން މާލޭގެ އެކި ސަރަހައްދުތަކުގައި މަލްޓި ޔޫސް ނޫނީ އެކިކަހަލަ ބޭނުންތައް ހިފޭފަދަ އުސް ޕާކިން ޢިމާރާތްތައް އެޅިގެންދާނެ. އޭރުން މަގުތަކުގައި މިހާރު މިއޮތް ތޮއްޖެހުމަށްލުއިތަކެއް އަންނާނެ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މާލޭގެ މަގު ހެދުމުގެ މަޝްރޫޢުވެސް ދެން ފެށޭނެކަމަށާއި، އެކަން ކުރުމަށް ބަޖެޓުގައި ހިމަނާފައިވާނެކަމަށެވެ. އެއީ ބިޔަ މަޝްރޫއުއަކަށްވާތީ އެމަނިކުފާނުގެ ވިސްނުންފުޅަކީ ބޭރުގެ އެހީ ހޯދައިގެން ކުރިއަށް ދިއުންކަމަށާއި، އޭގެ އިތުރުން ބޮޑެތި މުހިންމު މައްސަލަތައް ހައްލުކުރުމަށް އިސްކަން ދެއްވުންކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ގެދޮރުވެރިކަމުގެ ބިޔަ މަޝްރޫޢުކަމަށްވާ ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫޢު 30 ދުވަސް ހަމަވުމުގެ ކުރިން ޢަމަލީ މަސައްކަތް ފެށޭނެ ވާހަކަފުޅު ތަކުރާރު ކުރައްވާފައެވެ. އެ މަޝްރޫޢު 8 މަސް ދުވަހުގެ ތެރޭގައި ނިންމާނީ 1200 ހެކްޓަރުގެ ސަރަހައްދެއް ހިއްކުމަށްފަހުކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން މިހާރު ހިނގަމުންދާ ގުޅިފަޅާއި ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫޢު އިތުރަށް ފުޅާކޮށް އޭގެ ތަނަވަސްކަން އިތުރުކޮށް ގިރާފަޅުފަޅާ ހަމައަށް ބްރިޖު ގުޅުވާލުމަށް ލަސްވެފައިވާ މަޝްރޫޢު އަވަސްކުރުމަށް އިސްކަންދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ނަތިޖާއަކަށްވާނީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކަނޑައެޅިގޮތަށް، ވަޢުދުވީގޮތަށް، މި ދައުރުގެ ތެރޭގައި ރާއްޖޭގެ އެއްވެސް ކަންކޮޅެއްގަ ގެދޮރުވެރިކަމަށް ބޭނުންޖެހިފަހުރި އެކަން ހައްލުނުވެ އެއްވެސް ރައްޔިތަކު ނުހުންނަ މިންވަރަށް އެ މައްސަލަ ހައްލުކޮށްދިނުން. އިރާދަކުރެއްވިއްޔާ އެކަން ކޮށްދޭނަން." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.


ރާއްޖޭގެ އެންމެ ދެކުނަ އުތުރުގައި އިންޓަރގްރޭޓެޑް އާބަން ސެންޓަރުތައް ޤާއިމްކުރުމާއެކު 7 ސަރަހައްދެއްގައި އާބަން ސެންޓަރު ޤާއިމްކޮށް ސަރަހައްދީ އަދި ދެމެހެއްޓެވިނި ތަރައްޤީ ގެނައުމުގެ ވިސްނުންފުޅުގައި މަޝްރޫޢުތައް ކުރިއަށް ގެންދާނީ އެއްވެސް ރަށެއް ބާކީ ނުކޮށްކަމަށްވެސް ރައީސް ވިދާޅުވިއެވެ. ނަތީޖާއަކަށްވާނީ މެދު އަދި ދުރުރާސްތާގައި ދެމެހެއްޓެނިވިގޮތެއްގައި ރާއްޖެ ތަރައްޤީވުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ޢަޒުމަކީ ބާރު ސްޕީޑަށް ލަހުންދިޔަ ސްޕީޑް ބަދަލުކޮށް ހަލުވި މިނުގައި މަޝްރޫއުތައް ކުރިއަށް ގެންދިއުންކަމަށެވެ.

"ހުރިހާ ވަޒީރުން އެ ތިއްބެވީ ކެތްމަދުވެފަ. ރައްޔިތުންނަށްޓަކައި ޚިދުމަތްކުރުމަށް ތައްޔާރަށް. ރެޔާ ދުވާލު އިރާދަކުރެއްވިއްޔާ އެގޮތުގައި މަސައްކަތްކުރަމުން ދާނަން." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައްޔިތުން ބާކީ ނުކުރައްވާނެކަމުގެ ޔަޤީންކަން ދެއްވަމުން ރައިސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ރައްޔިތުން ބޭނުންވާ ކަންކަން ކައުންސިލްތައް މެދުވެރިކޮށް އޮޅުންފިލުއްވަމުން މަސައްކަތްކުރައްވާނީ ގުޅި ލާމެހޭ ނިޒާމެއްގެ ތެރެއިންކަމަށް ވިދާޅުވެފައެވެ.