ކުޅިވަރު

މުރަނގަ މީރު ޓެނިސް މުބާރާތުގެ ފައިނަލަށް ކުޅުންތެރިން ހޮވިއްޖެ


22 ވަނަ މުރަނގަ ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެކި އުމުރުފުރާތަކުން ފައިނަލްގައި ވާދަކުރާ ކުޅުންތެރިން ކަށަވަރުވެއްޖެއެވެ. 

އިއްޔެ ކުޅުނު މެޗުތަކަށްފަހު މުބާރާތުގެ 8 އަހަރުން ދަށާއި 14 އަހަރުން ދަށާއި، 16 އަހަރުން ދަށުގެ އުމުރުފުރާގެ އިތުރުން 18 އަހަރުން ދަށުގެ ސިންގަލްސް އަދި ޑަބަލްސް އިވެންޓްގެ ފައިނަލުގައި ވާދަކުރާ ކުޅުންތެރިން މިހާރުވަނީ ޔަގީންވެފައެވެ. 

މުބާރާތުގެ 8 އަހަރުން ދަށުގެ އުމުރުފުރާގެ ފިރިހެން ސިންގަލްސް ފައިނަލްގައި ވާދަކުރާނީ މުޙައްމަދު ނޫޙް ނާޒިހްއާއި ދައުދު ސަހީދެވެ. އަދި މި އުމުރުފުރާގެ އަންހެން ސިނަގްލްސް ފައިނަލުން ޖާގަ ހޯދާފައިވަނީ އައިޝާތު އަލީނާ ނާއިފްއާއި ނަޔާރާ އުސާމާ އަލީއެވެ. 

މުބާރާތުގެ 14 އަހަރުން ދަށުގެ އުމުރުފުރާގެ ފިރިހެން ސިންގަލްސް ފައިނަލުން ޖާގަ ހޯދާފައިވާ ފުރަތަމަ ކުޅުންތެރިޔަކީ ޔޫސުފް އަޙްމަދު އަކްރަމެވެ. މި އުމުފުރާގެ ފިރިހެން ޑަބަލްސް ފައިނަލްގައި ވާދަކުރާ ދެ ޕެއަރއަކީ ޔޫސުފް އަޙްމަދު އަކްރަމާއި ދާއިން މުޙައްމަދު އަމީންގެ ޕެއަރ އަދި ރާއްޔާން ޔޫސުފް ރިޒާއާއި ޔޫނުސް އަޙްމަދު އަސްލަމްގެ ޕެއަރއެވެ. 14 އަހަރުން ދަށުގެ އުމުރުފުރާގެ އަންހެން ޑަބަލްސް ފައިނަލުން ޖާގަހޯދާފައިވާ ފުރަތަމަ ޕެއަރއަކީ މަރިޔަމް ހަޝްމާ ހާނިމް އަދި އައިޝަތު ޔާލާ ހުސައިންގެ ޕެއަރއެވެ. 

މުބާރާތުގެ 16 އަހަރުން ދަށުގެ އުމުރުފުރާގެ ފިރިހެން ސިންގަލްސް ސެމީ ފައިނަލް ފުރަތަމަ މެޗް ކާމިޔާބުކޮށް ފައިނަލުން ޖާގަ ހޯދާފައިވަނީ ދާއިން މުޙައްމަދު އަމީންއެވެ. މި އުމުރުފުރާގެ އަންހެން ސިންގަލްސް ފައިނަލްގައި ވާދަކުރާނެ އެއް ކުޅުންތެރިއަކު މިހާރުވަނީ ޔަގީންވެފައެވެ. އެއީ އައިޝަތު ޔާލާ ހުސައިންއެވެ. 

މުބާރާތުގެ 18 އަހަރުން ދަށުގެ އުމުރުފުރާގެ ފިރިހެން ޑަބަލްސް ފައިނަލުން ޖާގަ ހޯދާފައިވަނީ ޔުހާން އާތިފާއި ޔޫސުފް އަކްރަމްގެ ޕެއަރ އަދި ހުމައިދު ލަތީފާއި ޔޫނުސް އަސްލަމްގެ ޕެއަރއެވެ. 

ފިރިހެން އޯޕަން ސިންގަލްސްގެ ސެމީ ފައިނަލުން އިއްޔެގެ މެޗުތަކަށްފަހު ޖާގަ ހޯދި ދެ ކުޅުންތެރިންނަކީ އަލީ ފާރިސް އަދި އިގްނާޒް މަންސޫރުއެވެ.