މަސްވެރިންގެ އަތުން ގަނެފައިވާ މަހަށް ނުދެވި ހުރި ފައިސާ ދެއްކޭނެގޮތެއް ހަމަޖެއްސުމާއި ގުޅޭގޮތުން މާލީ ވަޒީރާއި މަސްވެރިކަމާއި ބެހޭ ވަޒީރު ބައްދަލުކުރައްވާ މަޝްވަރާކުރައްވައިފިއެވެ.
މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤު އަދި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމްގެ އިތުރުން ދެ ވުޒާރާގެ އިސްވެރިން ބައިވެރިވި މި ބައްދަލުވުމުގައި ވަނީ މަސްވެރިންނަށް ނުދެވި ހުރި ފައިސާ ވީހާވެސް އަވަހަށް ދިނުމަށް ކުރެވެން ހުރި މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި މަސްވެރިކަމުގެ ސިނާއަތުގެ މަޝްރޫޢުތައް ކުރިއަށްގެންދިޔުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމާއި ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައިވެއެވެ.
މީގެއިތުރުން ކުރިމަގުގައި ދެ ވުޒާރާ ގުޅިގެން އުފެއްދުންތެރި މަސައްކަތްތަކެއް ކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކާފައިވެއެވެ.
މަސްވެރިންނަށް ފައިސާ ހޯދައިދިނުމަށްޓަކައި މަސްވެރިކަމާއި ބެހޭ ވަޒީރު، ވާލީ ވުޒާރާގެ ބޭފުޅުންނާއި ބައްދަލުކޮށްފައިމިވަނީ މަސްވެރިންނަށް ދޭން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުދެވި އޮތުމުންނެވެ. އެގޮތުން ފާއިތުވީ 2 މަސް ދުވަހު މަސްވެރިންނަށް ގިނަ ޢަދަދެއްގެ ފައިސާ ނުދެވި ހުރި ކަމަށް ވަޒީރު މީގެ ކުރިން ވަނީ ވިދާޅުވެއެވެ.
Minister of @mofmv and @MFORmv met to discuss timely payments for fishermen and fisheries sector capacity building. Meeting focused on streamlining processes and future collaborations for enhanced efficiency. pic.twitter.com/Q3nwV3jEQi
— Ministry of Finance (@MoFmv) November 27, 2023
މިދިޔަ ސެޕްޓެމްބަރު މަހު މަސް ކިލޯއެއްގެ އަގު 17 ރުފިޔާއިން 25 ރުފިޔާއަށް ވަނީ ބޮޑުކޮށްފައެވެ. ވަޒީރު ޝިޔާމް ވިދާޅުވީ މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދެވި ހުރުމުގެ މައިގަނޑު އެއް ސަބަބަކީ މަހުގެ އަގު ކުރީ ސަރުކާރުން ބޮޑު ކުރުން ކަމަށެވެ. އަދި އެއަގުގައި މަސް ގަންނަމުން ދިޔުމުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އަމިއްލަ ކުންފުނިތަކަށްވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ.
ޝިޔާމު ވިދާޅުވެފައިވަނީ މަސްވެރިންނަށް 200 މިލިއަނެއްހާ ރުފިޔާ ނުދެވި އެބަހުރި ކަމަށެވެ. އަދި މީގެތެރެއިން 30 މިލިއަން ރުފިޔާ މިދިޔަ ހަފްތާތެރޭގައި ދޫކޮށްފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
މަސްވެރިކަމާއި ބެހޭ ވަޒީރު ޝިޔާމް ވިދާޅުވީ މަސްވެރިން ބޭނުންވަނީ ދައުލަތަށް ބުރަ ނުވާނެ އަގެއްގައި މަހުގެ އަގު ހުރުން ކަމަށެވެ. އަދި މަސް ގަންނަ އަގު ބޮޑުކޮށްގެން ފައިސާ ނުލިބި ގިނަ ދުވަސްވުމަކީ މަސްވެރިންނަށް އޭގެ ސަބަބުން ގިނަ ގެއްލުންތަކެއް ކުރިމަތިވާކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން މިސަރުކާރުން މަސް ކިލޯގެ އަގު 20 ރުފިޔާއަށް ވުރެ ކުޑަ ނުކުރާނެ ކަމަށްވެސް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވިއެވެ.