ޚަބަރު

މާދަމާއިން ފެށިގެން އެއް ލީޓަރަށްވުރެ ކުދި ޕްލާސްޓިކް ފެންފުޅި އެތެރެކުރުމާއި އުފެއްދުން މަނާ ވާނެ


  • މި ބަދަލާއެކު 500 މިލިލީޓަރުގެ ފެންފުޅިވެސް އުފެއްދުން މަނާވާނެ

  • ބާޒާރަށް ނެރުން މަނާކޮށްފައިވަނީ އަންނަ އަހަރުގެ މާރިޗު މަހުގެ 1އިން ފެށިގެން

މާދަމާއިން ފެށިގެން އެއް ލީޓަރަށް ވުރެ ކުދި ޕްލާސްޓިކް ފެންފުޅި ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުން މަނާ ވާނެއެވެ.

ތިމާވެއްޓަށް ގެއްލުންދޭ، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ބާވަތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ކަނޑައަޅުއްވާފައިވާ 13 ބާވަތެއް ރާއްޖެއަށް އެތެރެކޮށް ބޭނުންކުރުން ވަނީ މަނާކޮށްފައެވެ. އެކަން ކުރަމުން އަންނަނީ އެކި ތާރީޚުތަކަށް ބަހާލައިގެންނެވެ.

ތިމާވެށީގެ ވުޒާރާއިން މީގެކުރިން ވިދާޅުވެފައިވަނީ އަންނަ މަހުގެ އެކަކުން ފެށިގެން އެއް ލީޓަރު އަދި އެއް ލީޓަރަށް ވުރެން ކުދި ޕްލާސްޓިކު ފެންފުޅި ރާއްޖެއަށް އެތެރެ ކުރުމާއި އުފެއްދުންވެސް މަނާ ވާނެކަމަށެވެ.

އެއް ލީޓަރު އަދި އެއް ލީޓަރަށް ވުރެން ކުދި ޕްލާސްޓިކު ފެންފުޅި އެތެރެކުރުމާއި އުފެއްދުން މަނާކުރިނަމަވެސް، އެތަކެތި ބާޒާރަށް ނެރުން މަނާކޮށްފައިވަނީ އަންނަ އަހަރުގެ މާރިޗު މަހުގެ 1އިން ފެށިގެންނެވެ.

މި ބަދަލާއެކު ރާއްޖޭގެ ބާޒާރުގައި މިހާރު ވިއްކަމުން އަންނަ 500 މިލިލީޓަރުގެ ފެންފުޅިވެސް ވިއްކުން މަނާވާނެއެވެ.

މިކަމާއި ގުޅޭގޮތުން މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ، އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ އަބަދުލްމަތީން މުޙައްމަދު ޕީއެސްއެމްއާއި ވާހަކަދައްކަވަމުން ވިދާޅުވީ މި ބަދަލަށް އަމަލު ކުރުމުގެ ކުރިން މިސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކަށް އިތުރު މުއްދަތެއް ދޭން ޖެހޭ ކަމަށެވެ.

" ބިލިއަނެއްހާ ރުފިޔާގެ އިންޑަސްޓްރީއެއް މިއީ، ޕްލާސްޓިކް ފުޅިން ބިއްލޫރި ފުޅިއަށް ދިޔުމަށް އިތުރު އިންވެސްޓްމަންޓެއް ބޭނުންވާނެ، ކުންފުނިތަކަށް މާލީ ގެއްލުމެއް ވާނެ، މިކަމުގައި އިތުރު މަޝްވަރާއަކަށް ގޮސް، ތާރީޚަށް ލުޔެއް ދީގެން ލަނޑުދަތި ހާސިލްކުރުމަށް މަސައްކަތްކުރެވިދާނެ،" މަތީން ވިދާޅުވިއެވެ.

ސާފު ބޯފެން އެންމެންނަށް ފޯރުކޮށްދިނުމަކީ މުހިންމު ކަމަކަށްވާއިރު، މިފަދަ ބަދަލެއް ގެނައުމުގެ ކުރިން އިތުރު ގިނަ މަޝްވަރާތަކެއް ކުރަން ޖެހޭކަން މަތީން ފާހަގަކުރެއްވިއެވެ.

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ނުވަތަ ސިންގަލް-ޔޫސް ޕްލާސްޓިކު ރާއްޖޭގައި މަދުކުރުމުގެ ސިޔާސަތަކީ ޕްލާސްޓިކުގެ ސަބަބުން ތިމާވެއްޓަށް ކުރަމުންދާ ނޭދެވޭ އަސަރު ހުއްޓުވުމުގެ އިތުރުން ދިވެހިރާއްޖޭގެ އިޤްތިސާދު ހިމާޔަތް ކުރުމުގެ ގޮތުން، ޚާއްސަ އިސްކަމެއްދީގެން ސަރުކާރުން ތަންފީޒު ކުރަމުންދާ ސިޔާސަތެކެވެ.

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ 13 ބާވަތެއް ރާއްޖެއަށް އެތެރެކޮށް ބޭނުންކުރުން މަނާކުރައްވާފައިވަނީ ރާއްޖޭގެ ނާޒުކު ތިމާވެށި ޙިމާޔަތްކުރެއްވުމަށް ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ކަނޑައަޅުއްވާފައިވާ ޤަރާރަކުންނެވެ.